ބިންވެރިޔާ ސްކީމުގެ ދަށުން ކ. ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކަށް ގޯތި ހަވާލުކުރި ކަމުގެ ލިޔުން، ހައުސިން މިނިސްޓްރީން މިއަދު އޮންލައިންކޮށް ދޫކުރަން ފަށައިފިއެވެ.
މީގެ ކުރިން އެ ލިޔުން ދޫކުރަމުން ދިޔައީ ގޯތި ލިބުނު ފަރާތްތައް ސީދާ ގުޅިފަޅަށް ގެންގޮސްގެންނެވެ. ނަމަވެސް މިހާރު ގެނެސްފައިވާ ބަދަލާއެކު، 'ހިޔާވަހި ޕޯޓަލް’އަށް އީފާސް މެދުވެރިކޮށް ލޮގިން ވުމަށްފަހު 'ގޯތި ހަވާލުކުރުން' ބަޔަށް ގޮސް ލިޔުން ޑައުންލޯޑް ކޮށްލެވޭނެއެވެ. މީގެ އިތުރުން، ދޫކުރާ ލިޔުމުގައި ގޯތީގެ ލޮކޭޝަން ދައްކުވައިދޭ ކިއުއާރު ކޯޑަކާއި ލިންކެއް ވެސް ހިމެނޭނެ ކަމަށާއި، އެ ކޯޑު ސްކޭންކޮށްލުމުން ނުވަތަ ލިންކަށް ފިއްތާލުމުން ގޯތި އޮތް ތަން މެޕުން ފެންނާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ރަޖިސްޓްރީ ދޫކުރަން މިދިޔަ އަހަރުގެ ޖުލައި މަހުގެ 12 ވަނަ ދުވަހު ފެށިއިރު، މިދިޔަ އޮގަސްޓު މަހުގެ 28 އާ ހަމައަށް 1،260 މީހަކަށް ގޯތީގެ ރަޖިސްޓްރީ ވަނީ ދޫކޮށްފައެވެ. އަދި ގޯތިތައް ސީދާ ފަރާތްތަކާ ހަވާލުކުރަން ފެށީ މިދިޔަ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ. އޭގެ ފަހުން އެންމެ ފަހުން ގުޅިފަޅުން 41 ފަރާތަކާ ގޯތި ހަވާލުކުރީ މި އަހަރުގެ ޖެނުއަރީ މަހުއެވެ. ސަރުކާރުން ނިންމާފައި ވަނީ ގުޅިފަޅުން ޖުމުލަ 2،438 ގޯތި ދޫކުރުމަށެވެ.
ގުޅިފަޅު ބިން ހިއްކުމުގެ މަޝްރޫއު 2024 ވަނަ އަހަރުގެ ޖުލައި މަހު ފެށިއިރު، އެ މަސައްކަތް ނެދަލެންޑްސްގެ ބޮސްކާލިސްއާ ހަވާލުކުރީ 120 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ)އަށް ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. ކުރީ ސަރުކާރުން ގުޅިފަޅުން ގޯތި ލިބޭ މީހުންގެ ގުރު ނަގައިފައި އޮތް ނަމަވެސް، މި ސަރުކާރުން ދެ ފަހަރު ލޭންޑް ޔޫޒް ޕްލޭން ބަދަލުކުރުމަށްފަހު، އައު ޕްލޭންގެ ދަށުން އަލުން ގުރު ނަގައި ރަޖިސްޓްރީ ދޫކުރީއެވެ.
ހަމައެއާއެކު، ކުރީ ސަރުކާރުން ހެދި އެއްބަސްވުމުގައި ގާނޫނާ ފުށޫ އަރާ ކަންކަން ހުރި ކަމަށް ބުނެ، މި ސަރުކާރުން ވަނީ އެއްބަސްވުމަށް ބަދަލު ގެނެސްފައެވެ. ކުރީގެ އެއްބަސްވުމުގައި އޮތީ ގޯތި ލިބޭ ފަރާތުގެ ނަމުގައި 'މާލެ ސަރަހައްދުން' 600 އަކަފޫޓަށްވުރެ ކުޑަ ބަންޑާރަ ގޯއްޗެއް އޮތް ނަމަ އެ ގޯތި ދޫކޮށްލަން ޖެހޭ ކަމަށެވެ. ނަމަވެސް އައު އުސޫލުގެ ދަށުން، ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި އެފަދަ ގޯއްޗެއް އޮތް ނަމަވެސް އެ ގޯތި ދޫކޮށްލަން ޖެހޭ ގޮތަށް ވަނީ ބަދަލުކޮށްފައެވެ. ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ކުރިން ވިދާޅުވި ގޮތުގައި، އެ ބަދަލު ގެންނަން ޖެހުނީ ބިމާ ބެހޭ ގާނޫނުގެ 11 ވަނަ މާއްދާއާ އެ އެއްބަސްވުން ފުށޫ އަރާތީއެވެ.
ކޮމެންޓު ފޮނުވާ