ޒުވާނުންނަށް ވިޔަފާރި ފެށުމަށް މާލީ އެހީތެރިކަން ދިނުމަށް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެއް ބިލިއަން ރުފިޔާގެ "ޔޫތު އެންޓަޕްރަނާޝިޕް ފައިނޭންސިން" ސްކީމެއް މިއަދު އިފްތިތާހްކޮށްފިއެވެ.
18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށް ހާއްސަކޮށްގެން ފަށާ މި ސްކީމް އިފްތިތާހްކޮށްދެއްވީ، މިއަދު ބޭއްވި ޔޫތު އެންޓަޕްރަނާޝިޕް އެކްސްޕޯ ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، މި ސްކީމަކީ ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއެކު ފެށޭ މަޝްރޫއެއް ކަމަށާއި، ޒުވާނުން އިގްތިސޯދުގައި ބައިވެރިކޮށް، އެކި ދާއިރާތަކުން ކުރިއަށް ދިއުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ރައީސް މުއިއްޒުގެ މުހިންމު ސިޔާސަތެއް ކަމަށެވެ.
"މި ސްކީމްގެ މައިގަނޑު ބޭނުމަކީ ޒުވާނުންނަކީ އަމިއްލަ ފައިމައްޗަށް ތެދުވެ، ގައުމުގެ އުފެއްދުންތެރިކަމުގައި އަމަލީ ގޮތުން ބައިވެރިވާ ބަޔަކަށް ހެދުން. ޒުވާނުންގެ ހުވަފެންތަކުގައި ކުލަޖައްސައިދީ، އިގްތިސޯދީ ގޮތުން އެ ފަރާތްތައް ބާރުވެރި ކުރުވުމަކީ އަޅުގަނޑުމެންގެ އަމާޒު،" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ފާހަގަކުރެއްވި ގޮތުގައި، މި ސްކީމަކީ ހަމައެކަނި ފައިސާ ފޯރުކޮށްދޭ ސްކީމެއް ނޫނެވެ. ސްކީމްގެ ދަށުން މާލީ އެހީގެ އިތުރުން، ތަމްރީނާއި އިރުޝާދާއި ވިޔަފާރި ތަރައްގީކުރުމުގެ އެހީތެރިކަން ވެސް ޒުވާނުންނަށް ފޯރުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ބޭންކުގެ އަމާޒަކީ ހަމައެކަނި ހިޔާލުތަކަށް ފަންޑުކުރުމުގެ ބަދަލުގައި، ކާމިޔާބު ވިޔަފާރިވެރިން އުފެއްދުން ކަމަށް އޭނާ ވިދާޅުވިއެވެ.
އިތުރަށް ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، ޒުވާނުންގެ ކިބައިގައި ހުރި ހުނަރާއި ގާބިލްކަމަށް ކުރެވޭ އިންވެސްޓަކީ ރާއްޖޭގެ މުސްތަގްބަލަށްޓަކައި ކުރެވޭނެ އެންމެ މުހިންމު އިންވެސްޓްމަންޓް ކަމަށް ބޭންކުން ގަބޫލުކުރާ ކަމަށެވެ. މާލީ އެހީތެރިކަން ދިނުމަށް ބޭންކުން ތައްޔާރަށް އޮތް ކަމަށާއި، ދެން ބޭނުންވަނީ ޒުވާނުންގެ ފަރާތުން އައު ހިޔާލުތަކާއި ފުރަތަމަ ފިޔަވަޅު އެޅުމުގެ ހިތްވަރު ކަމަށް ޝަރީފް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ