ދިރާގާއި އީސެޓް ގުޅިގެން "ސައިބަ ޕްރޮޓެކްޓް" ތައާރަފުކޮށްފި

ދިރާގާއި އީސެޓް ގުޅިގެން "ސައިބަ ޕްރޮޓެކްޓް" ތައާރަފުކޮށްފި

Author
އަހުމަދު
15 ޖުލައި 2026 12:12
0

ރާއްޖޭގެ ކުންފުނިތަކާއި އިދާރާތަކުގެ ސައިބަސެކިއުރިޓީ ވަރުގަދަކުރުމަށް، ދިރާގާއި ސައިބަސެކިއުރިޓީ ކުންފުނި އީސެޓް ގުޅިގެން "ސައިބަ ޕްރޮޓެކްޓް"ގެ ނަމުގައި އާ ހިދުމަތެއް ތައާރަފުކޮށްފި އެވެ.

މިއީ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން، ސައިބަ ނުރައްކާތަކުން ރައްކާތެރިކަން ފޯރުކޮށްދޭ އެންޓަޕްރައިޒް-ގްރޭޑް އެންޑްޕޮއިންޓް ސެކިއުރިޓީ ސޮލިއުޝަނެއް ކަމަށް ދިރާގުން ބުނެ އެވެ. މި ހިދުމަތުގެ ދަށުން، ކުންފުނިތަކުގެ މުވައްޒަފުން ބޭނުންކުރާ ލެޕްޓޮޕާއި ޑެސްކްޓޮޕް އަދި ސާވާތައް މަލްވެއާ އާއި ރެންސަމްވެއާ ފަދަ ނުރައްކާތަކުން ރައްކާތެރިކޮށްދޭނެ އެވެ. އަދި އީމެއިލް އަދި ކްލައުޑް އެޕްލިކޭޝަންތަކަށް އަމާޒުވާ ފިޝިން ހަމަލާތަކުން ވެސް ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ކަމަށް ދިރާގުން ބުނެ އެވެ.

ދިރާގުން ބުނި ގޮތުގައި، ސައިބަ ޕްރޮޓެކްޓަކީ އީސެޓްގެ ޒަމާނީ ޓެކްނޮލޮޖީ އާއި ދިރާގުގެ ފަންނީ މާހިރުންގެ ތަޖުރިބާ އެއްކޮށްލައިގެން، ސެކިއުރިޓީ އޮޕަރޭޝަން ސެންޓަރެއްގެ އެހީގައި ފޯރުކޮށްދޭ ފުރިހަމަ ހިދުމަތެކެވެ. ސައިބަ ނުރައްކާތަކަށް މެދުނުކެނޑި ފާރަވެރިވެ، ޝައްކުކުރެވޭ ކަންކަން ވަގުތުން ދެނެގަނެ، ސަލާމަތީ ފިޔަވަޅުތައް އަޅައި، ސިއްރު މައުލޫމާތުގެ ރައްކާތެރިކަން ދަމަހައްޓައިދޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. މީގެ އިތުރުން ދުވާލަކު 24 ގަޑިއިރު ސިސްޓަމްތައް މޮނިޓަކޮށް، ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް ދިރާގުން ފާހަގަކުރި އެވެ.

ދުނިޔޭގައި ސައިބަ ނުރައްކާތައް ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ މި ދަނޑިވަޅުގައި، ސައިބަ ޕްރޮޓެކްޓް މެދުވެރިކޮށް ކުރިއާލައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ ފުރުސަތު ކުންފުނިތަކަށް ލިބިގެންދާނެ ކަމަށާއި، މީގެ ސަބަބުން ކުންފުނިތަކުގެ މަސައްކަތްތަކަށް ހުރަސްއެޅޭ މިންވަރު ކުޑަވެ، މައުލޫމާތުގެ ރައްކާތެރިކަން ކަށަވަރުވެގެންދާނެ ކަމަށް ދިރާގުން ބުނެ އެވެ.

ކޮންމެ ވިޔަފާރިއަކަށް ވެސް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ހިދުމަތް ފޯރުކޮށްދޭނީ ސަބްސްކްރިޕްޝަން އުސޫލުންނެވެ. އެގޮތުން ހަތަރު ޕެކޭޖަކަށް ބަހާލައިގެން ފޯރުކޮށްދޭ މި ހިދުމަތުގައި، ކޮންމެ ކުންފުންޏެއްގެ ވެސް މަސައްކަތުގެ ބާވަތަށާއި ބޭނުންވާ ރައްކާތެރިކަމުގެ މިންވަރަށް ބަލައި، އެންމެ އެކަށޭނަ ޕެކޭޖެއް އިހްތިޔާރު ކުރެވޭނެ އެވެ. މީގެ ސަބަބުން ތަފާތު ސެކިއުރިޓީ ސޮލިއުޝަންތައް ވަކިވަކިން ބެލެހެއްޓުމުގެ ތަކުލީފާއި ހަރަދު ކުޑަވެ، އިތުބާރު ހިފޭ ފެންވަރު ރަނގަޅު ރައްކާތެރިކަމެއް ފަސޭހަކަމާ އެކު ހޯދޭނެ ކަމަށް ދިރާގުން ބުނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.