ބަންގުލަދޭޝްގެ ސަފީރު ލިޔުއްވި ފޮތެއް ޤައުމީ ޔުނިވަރސިޓީއަށް ހަދިޔާކުރައްވައިފި

ބަންގުލަދޭޝްގެ ސަފީރު ލިޔުއްވި ފޮތެއް ޤައުމީ ޔުނިވަރސިޓީއަށް ހަދިޔާކުރައްވައިފި

Author
އަހުމަދު
15 ޖުލައި 2026 12:09
0

ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ބަންގުލަދޭޝްގެ ސަފީރު ޑރ. މުޙައްމަދު ނަޒްމުލް އިސްލާމް އަމިއްލަފުޅަށް ލިޔުއްވި ފޮތެއް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އަށް ހަދިޔާކުރައްވައިފިއެވެ.

އަންގާރަ ދުވަހު އެމްއެންޔޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ސަފީރު ހަދިޔާ ކުރެއްވި ފޮތުގެ ނަމަކީ "ޕަވަރ އޮފް ބޮންޑިންގ އެންޑް ނަން-ވެސްޓަން ސޮފްޓް ޕަވަރ ސްޓްރެޓެޖީ އިން އީރާން: ކޮމްޕެއަރިންގ ޗައިނާ އެންޑް އިންޑިއާސް އެންގޭޖްމަންޓް" އެވެ. ބައިނަލްއަޤުވާމީ ގުޅުންތަކާއި، ޑިޕްލޮމަސީއާއި، ސޮފްޓް ޕަވަރއާއި، ސުލްޙައާއި ހަމަނުޖެހުންތަކުގެ ދިރާސާތަކުގެ އިތުރުން، ދެކުނު އޭޝިޔާގެ ކަންކަމާ ބެހޭ މުހިންމު މަޢުލޫމާތުތަކެއް މި ފޮތުގައި ހިމަނާފައިވެއެވެ.

ސަފީރު ޑރ. މުޙައްމަދު ނަޒްމުލް އިސްލާމަކީ ބަންގުލަދޭޝުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ އިތުރުން، ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ސިޔާސީ ސައިންޓިސްޓެއް، އެކަޑަމިކެއް، އަދި ދިރާސާވެރިއެކެވެ. މީގެ އިތުރުން ގިނަ ފޮތްތަކެއް ލިޔުއްވާފައިވާ ބޭފުޅެއްވެސް މެއެވެ.

ސަފީރު ހަދިޔާ ކުރެއްވި މި ފޮތް ރަސްމީކޮށް އެމްއެންޔޫގެ ލައިބްރަރީ ކަލެކްޝަނަށް އިތުރުކޮށްފައިވާއިރު، ޔުނިވަރސިޓީން ވަނީ މި ހަދިޔާއަށްޓަކައި ސަފީރަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މި ފޮތަކީ ދަރިވަރުންނާއި އެކަޑަމިކުންނާއި ދިރާސާވެރިންނަށް، ޚާއްޞަކޮށް ބައިނަލްއަޤުވާމީ ގުޅުންތަކާއި ސިޔާސީ ސައިންސާއި ޑިޕްލޮމަސީގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފައިދާހުރި މުހިންމު މަޞްދަރެއް ކަމުގައި ޔުނިވަރސިޓީން ފާހަގަކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.