ގެއެއްގެ ތިޖޫރީން 3 ލައްކަ ރުފިޔާ ވަގަށް ނެގި ދެ މީހަކު ޖަލަށް

ގެއެއްގެ ތިޖޫރީން 3 ލައްކަ ރުފިޔާ ވަގަށް ނެގި ދެ މީހަކު ޖަލަށް

Author
އަހުމަދު
19 ސެޕްޓެމްބަރ 2026 01:39
0

މާލޭގެ ގެއެއްގެ ތިޖޫރީ ފަޅާލައި، ބޮޑު އަދަދެއްގެ ދިވެހި ފައިސާއާއި އެމެރިކާ ޑޮލަރު ވަގަށް ނެގި މައްސަލައިގައި ދައުވާކުރި ދެ މީހެއްގެ މައްޗަށް ކުށް ސާބިތުވެ، އެ ދެ މީހުން ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.

ޤާޟީ މުޒައްމިލު ނާޞިރު ބެއްލެވި މި މައްސަލައިގައި ޙުކުމް އިއްވާފައި ވަނީ، މ. ކޮޅުފުށި / އާހިޔާ، މުޙައްމަދު ފިރުނާސްއާއި، މ. ދިއްގަރު / އަޒުމް، އަޙްމަދު އަސްޢަދުގެ މައްޗަށެވެ.

މި ހާދިސާ ހިނގާފައި ވަނީ 30 ޑިސެންބަރު 2022 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައެވެ. މާލޭ މ. ގެދަ 10 ވަނަ ފަންގިފިލާގެ އެޕާޓްމަންޓުގެ ވެރިފަރާތް އުމްރާގެ އަޅުކަމަށް މައްކާއަށް ގޮސް ހުއްޓައި، އެ އެޕާޓްމަންޓަށް ވަދެ، އަލަމާރި ތެރޭގައި ހުރި ތިޖޫރި ފަޅާލައި، 300،000 ދިވެހި ރުފިޔާއާއި 10،000 އެމެރިކާ ޑޮލަރު ވަނީ ވަގަށް ނަގާފައެވެ. ފިރުނާސް ހައްޔަރުކުރީ ގެސްޓްހައުސްއެއްގެ ފާޚާނާ ސީލިންގު ތެރެއަށް ފޮރުވާފައި ހުއްޓައި، ގިނަ އަދަދެއްގެ ފައިސާއާއެކުއެވެ.

ފިރުނާސްގެ މައްޗަށް ވައްކަންކުރުމުގެ ކުށާއި، ހުއްދަނެތި ތަނަކަށް ވަނުމުގެ ކުށާއި، މުދަލަށް ގެއްލުންދިނުމުގެ ކުށް ސާބިތުވެ، ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމަށްފަހު، ޖުމްލަ 9 މަހާއި 6 ދުވަހުގެ ޖަލު އަދަބެއް ވަނީ ކަނޑައަޅާފައެވެ. އަސްޢަދުގެ މައްޗަށް ވައްކަމުގައި ބައިވެރިވުމުގެ ކުށާއި، ހުއްދަނެތި ތަނަކަށް ވަނުމުގެ ކުށް ސާބިތުވެފައިވާއިރު، ފަހަކަށްއައިސް ވައްކަމުގެ އިތުރު މައްސަލައެއް ސާބިތުވެފައިވުމުން، އޭނާގެ އަދަބު އެއް ދަރަޖަ މަތިކޮށް، ޖުމްލަ ދެ އަހަރާއި ދެތިން މަހުގެ ޖަލު އަދަބެއް ވަނީ ކަނޑައަޅާފައެވެ.

ސީސީޓީވީ ފުޓޭޖާއި، ވީޑިއޯ އެނަލިސިސް ރިޕޯޓުތަކާއި، ފުލުހުންގެ ހެކިބަހަށް ރިޢާޔަތްކޮށް، ޝައްކެއްނެތް މިންވަރަށް ކުށް ސާބިތުވާ ކަމަށް ކޯޓުން ވަނީ ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.