މާލޭގެ އަމީނީމަގުގެ މަރާމާތު ކުރިއަށްދާ ސަރަހައްދުގައި ތާރު އެޅުމުގެ މަސައްކަތް މިއަދު ހެނދުނު ފަށައިފި އެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިއަށްގެންދާ މި މަސައްކަތް ފެށުމަށް ކުރިން ހަމަޖެހިފައި އޮތީ މިދިޔަ ހަފްތާގަ އެވެ. ނަމަވެސް މޫސުން ގޯސްވެ ވާރޭ ވެހުމުގެ ސަބަބުން މަސައްކަތް ފެށުން ލަސްވީ ކަމަށް އެ ކުންފުނިން ބުނެ އެވެ.
އަމީނީމަގުގައި ތާރުގަނޑު އުފުލި، އަޑިގުޑަންތައް ހެދި، ދުއްވާ މީހުންނަށް ނުރައްކާވެފައި އޮތުމުން، އެ ތާރުގަނޑު އެއްކޮށް ނަގައި އަލުން ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ ޖޫން މަހު އެވެ. މި މަރާމާތަށްޓަކައި ދިވެހިރާއްޖޭގެ އަޑުގެ އިމާރާތުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް އޮންނަ ސަރަހައްދު ބަންދުކުރީ ޖޫން މަހުގެ ފަހުކޮޅު އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްގެން، 84 މިލިއަން ރުފިޔާ ހަރަދުކޮށް، އަމީނީމަގު ޒަމާނީ ފެންވަރަށް ހެދި ނަމަވެސް، ފެންވަރު ދަށް ސާމާނު ބޭނުންކޮށްފައިވާ ކަމުގެ ތުހުމަތުތައް ކުރެވި، މަދު ދުވަސްކޮޅެއްގެ ތެރޭގައި މަގުގެ އެކި ސަރަހައްދުތައް ހަލާކުވާން ފެށި އެވެ.
ކޮމެންޓު ފޮނުވާ