ގަވާއިދާ ހިލާފަށް ބޮޑު އަދަދެއްގެ ބޭރު ފައިސާ ރާއްޖެއިން ބޭރުކުރަން އުޅުނު ބަންގްލަދޭޝްގެ ހަ މީހަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުހުން ބުނީ މި މީހުން ހުއްޓުވާފައިވަނީ 18 ސެޕްޓެމްބަރު 2026 ގައި، ބޭރު ފައިސާ ގަނެވިއްކުމުގެ ގަވާއިދާ ހިލާފު މުއާމަލާތްތައް ހޯދުމަށް އެކުލަވާލެވިފައިވާ ޓާސްކްފޯހަކަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ބަންގްލަދޭޝަށް ފުރަން ގޮސް ތިއްބައި ކަމަށެވެ.
މި މީހުންގެ އަތުން 174,161 ޔޫއެސް ޑޮލަރާއި، 56,760 ޔޫރޯ އަދި 1,815 ސްޓާލިން ޕައުންޑް ފެނިފައިވާ އިރު، ޖުމުލަ 18 ގައުމެއްގެ ފައިސާ އެ މީހުންގެ އަތުން ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. މި ފައިސާގެ ޖުމުލަ އަގު ގާތްގަނޑަކަށް 3.8 މިލިއަން ރުފިޔާއަށް އަރަ އެވެ.
އެ ފައިސާ މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ އިރު، ހައްޔަރުކުރި މީހުން ފުލުހުންގެ ބެލުމުގެ ދަށުގައި ބައިތިއްބައިގެން މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ކޮމެންޓު ފޮނުވާ