ސިޓިންރޫމުގައި ދެލޯ މަރައިގެން ތިބޭ ބަޔަކަށް ސަރުކާރުން ހިންގަމުންދާ މަޝްރޫއުތައް ފެންނާނެ ގޮތެއް ނޯންނާނެ ކަމަށް ޕީއެންސީގެ ޗެއާޕާސަން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރޭ ބޭއްވި ކޮންގްރެސް ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު، ތިން މަސް ދުވަހުގެ ތެރޭގައި ގައުމު ބަނގުރޫޓުވާނެ ކަމަށާއި ވެރިކަން ދޫކޮށްލައްވަން ޖެހޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން ދިޔަ ކަމަށެވެ. ނަމަވެސް ތިން އަހަރު ވާން ދާއިރު، އެއް ފަހަރާ 900 އެތައް މިލިއަން ޑޮލަރެއްގެ ދަރަނި ދައްކަވައި، އިއްޔެ އަނެއްކާ 50 މިލިއަން ޑޮލަރު ދައްކަވާފައިވާ ކަމަށާއި، މިކަމަށްޓަކައި ރައީސް މުއިއްޒަށް އައްސަރިބަހާއި ސާބަސް ދަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ ހަގީގީ އިގްތިސާދީ މާހިރުންނަކީ ހަމައެކަނި އަނގައިން ވާހަކަދައްކައިގެން ނަތީޖާ ނެރޭ ބައެއް ނޫން ކަމަށާއި، ގޭގެ ސިޓިންރޫމުގައި ހަމަޖެހިލައިގެން ތިބެ އެހެން މީހުންނަށް ފާޑުކިޔައި، ތިމާއަކީ އިގްތިސާދީ މާހިރެއް ކަމަށް ބުނުމުން އެކަން ގަބޫލުކުރެވެން ނޯންނާނެ ކަމަށެވެ.
ސަރުކާރުން ބޮޑެތި ދަރަނިތައް އަދާކުރަމުންދާއިރު ވެސް، ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތައް ވެސް ހުއްޓުމެއް ނެތި ހިނގަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ހއ. ދިއްދޫ، ތ. ވިލުފުށި، ތ. ގާދިއްފުށި، ލ. މާވަށް، ށ. މިލަންދޫ އަދި ޅ. ނައިފަރު ފަދަ ރަށްރަށަށް ވަޑައިގަތުމުން ބިން ހިއްކުމުގެ ބޮޑެތި މަޝްރޫއުތައް ހިނގަމުންދާ މިންވަރު ފެންނާނެ ކަމަށާއި، ނަމަވެސް ދެލޯ މަރައިގެން ސިޓިންރޫމުގައި ތިބޭ ބަޔަކަށް ބޭރުގައި ހިނގާ ކަންކަން ފެންނާނެ ގޮތެއް ނޯންނާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ