އެމްސީއެސްއާ ގުޅިގެން ޔޫއެންއޯޑީސީ އިން ހިންގި ދެ ޕްރޮގްރާމް ނިންމާލައިފި

އެމްސީއެސްއާ ގުޅިގެން ޔޫއެންއޯޑީސީ އިން ހިންގި ދެ ޕްރޮގްރާމް ނިންމާލައިފި

Author
މުޙައްމަދު ޝަޒައިމް
31 ޖުލައި 2021 01:40
0

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އާ ގުޅިގެން ޔުނައިޓެޑް ނޭޝަންސް އޮފިސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ)، އިން ޕްރިޒަން އޮފިސަރުން ތަރައްޤީކުރުމަށް ހިންގި “ޓްރޭނިންގ އޮން ބޭސިކް ސައިކޯސޯޝަލް އެޑިއުކޭޝަން” ޕްރޮގްރާމާއި “ޑްރަގް އެޑިއުކޭޝަން އެވެއަރނަސް ޕްރޮގްރާމް ފޮރ ޕްރިޒަން އޮފިސަރސް” ޕްރޮގްރާމްގެ ނިމުމުގެ ރަސްމިއްޔާތު ބާއްވާފިއެވެ.

ރޭ މާފުށީ ޖަލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅުއެވެ. ކޮމިޝަނަރގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްއުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ އާއި އެމެސީއެސްގެ ކޮމިޝަންޑް އޮފިސަރުންގެ އިތުރުން ޔޫއެންއީޑީސީގެ ނެޝަނަލް ޕްރޮގްރާމް ކޯޑިނޭޓަރ އަލްފާޟިލާ ތޯއިބާ ސައީދު އާއި މި ދެ ޕްރޮގްރާމްގެ ފެސިލިޓޭޓަރުން މި ރަސްމިއްޔާތުގައި ބައިވެރިވެލެއްވިއެވެ.

މި ރަސްމިއްޔާތުގައި ޓްރޭނިންގ ޕްރޮގްރާމް ފުރިހަމަކުރި އޮފިސަރުންނަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ. މިގޮތުން ޖުލައި 17 ން 24 ށް ކުރިއަށް ގެންދިޔަ “ޓްރޭނިންގ އޮން ބޭސިކް ސައިކޯސޯޝަލް އެޑިއުކޭޝަން” ޕްރޮގްރާމް 24 އޮފިސަރުން ފުރިހަމަކޮށްފައިވާއިރު، ޖުލައި 25 ން 29 ށް ކުރިއަށް ގެންދިޔަ “ޑްރަގް އެޑިއުކޭޝަން އެވެއަރނަސް ޕްރޮގްރާމް ފޮރ ޕްރިޒަން އޮފިސަރސް” ޕްރޮގްރާމް 23 އޮފިސަރުން ވަނީ ފުރިހަމަކޮށްފައެވެ. މި ދެ ޕްރޮގްރާމްގައިވެސް ބައިވެރިވެފައިވަނީ އެއް ބެޗެކެވެ.

ސެޓްފިކެޓް ހަވާލުކުރުމުގެ އިތުރުން، ޔޫއެންއޯޑީސީގެ ފަރާތުން އަލްފާޟިލާ ތޯއިބާ ސައީދު ވަނީ މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސްއަށް ނެލްސަން މަންޑޭލާ ރޫސްލްސްގެ ޓޫލްކިޓް ހަވާލުކޮށްފައެވެ.

ކޮމިޝަނަރ މި ދެ ޕްރޮގްރާމްގެ ބައިވެރިންނަށް މަރުހަބާއާއި ޝުކުރުދަންނަވަމުން، ޔޫއެންއޯޑީސީއިން އެމްސީއެސްއާ ބާއްވާ ގާތްގުޅުމަށާއި އޮފިސަރުން ޤާބިލު ބަޔަކަށް ހެދުމަށް ފަންނީ އަދި އެހެނިހެން ގޮތްގޮތުން ފޯރުކޮށްދެއްވާ އެހީތެރިކަމަށް ޝުކުރުއަދާކުރެއްވިއެވެ. އަދި މިޕްސްޓަރ އާއި ޖަރނީއިން މި ދެ ޕްރޮގްރާމް ކުރިއަށްގެންދިއުމަށްޓަކައި ދެއްވާފައިވާ އެހީތެރިކަމަށް ޝުކުރުއަދާކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.