މި ހިނގާ ޖުލައި މަހުގެ ކަރަންޓު ބިލުތައް އާދަޔާ ޚިލާފަށް ބޮޑުވުމުގެ ޝަކުވާސެއް ރަސްމީކޮށް މިހާތަނަށް އެއްވެސް ފަރާތަކުން ހުށަހަޅާފައި ނުވާކަމަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ބުނެފިއެވެ.
އެއޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިލެކްޓްރިކް ކޮމްޕެނީ ލިމިޓަޑް (ސްޓެލްކޯ)ގެ ބައެއް ކަސްޓަމަރުންގެ މިހިނގާ ޖުލައި މަހުގެ ބިލް އާދަޔާ ޚިލާފަށް ބޮޑުވެފައިވާ ކަމުގެ ޝަކުވާ މީސްމީޑިއާގެ ޒަރީއާއިންނާއި އެކިގޮތްގޮތުން އޮތޯރިޓީގެ ސަމާލުކަމަށް އައިސްފައިވާކަމަށެެވެ.
ރަސްމީކޮށް މިމައްސަލަ އޮތޯރިޓީއަށް އެއްވެސް ފަރާތަކުން އަދި ހުށަހަޅާފައި ނުވާކަމަށާއި، ނަމަވެސް މިމައްސަލަ އެ އޮތޯރިޓީއިން ބަލަމުންދާކަމުގައެވެ.
މާލެ ސިޓީއަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުންދާ ސްޓެލްކޯއިން ވެސް ބުނެފައިވަނީ، ގޭބިސީތަކުގެ ކަރަންޓު ބިލުގައި މައިގަނޑު ގޮތެއްގައި އައިސްފައިވާ ބަދަލަކީ ވެސް ސަބްސިޑައިޒްކޮށްފައިވާ ބައި އުނިކުރުމުން އައިސްފައިވާ ބަދަލެއް ކަމަށެވެ. ސްޓެލްކޯއިން ވަނީ މީގެ ކުރިންވެސް ބިލްތަކަށް މިބަދަލު އަންނާނެކަމަށް ބުނެފައެވެ.
ސްޓެލްކޯއިން ވަނީ ކަރަންޓު ބިލުގައި ފާހަގަކުރެވޭ ވަރުގެ ބޮޑު ބަދަލެއް އައިސްފައިވާ ކަން ފާހަގަވާ ނަމަ ސްޓެލްކޯގެ ކޯލް ސެންޓަރަށް އެ ކަން ރިޕޯޓް ކުރުމުން، ދެވަނަ ފަހަރަށް ރީޑިން ނަގަން އެ ގެއަކަށް ޒިޔާރަތްކޮށް ކަރަންޓު ބިލުގެ އަދަދު ދެ ވަނަ ފަހަރަށް ކަށަވަރު ކުރާނެ ކަމަށް ބުނެފައެވެ.
ކޮމެންޓު ފޮނުވާ