ހުޅުމާލޭގައި ވެކްސިން ޖެހުން ހުޅުމާލެ ހޮސްޕިޓަލަށް ބަދަލުކޮށްފި

ހުޅުމާލޭގައި ވެކްސިން ޖެހުން ހުޅުމާލެ ހޮސްޕިޓަލަށް ބަދަލުކޮށްފި

Author
މުޙައްމަދު ޝަޒައިމް
31 ޖުލައި 2021 01:22
0

ހުޅުމާލޭގައި ވެކްސިން ދެމުންދާނީ ހުޅުމާލެ ހޮސްޕިޓަލުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ހާމަކޮށްފިއެވެ.

އެޗްޕީއޭއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ހަދާ ލިންކްގައި ހުޅުމާލެއިން ވެކްސިން ޖެހުމަށް ހުޅުމާލޭ ވެކްސިން ސެންޓަރ ޖެހިފައިވީ ނަމަވެސް ވެކްސިން ޖަހަމުންދާނީ ހުޅުމާލެ ހޮސްޕިޓަލުން ކަމަށެވެ. އެޗްޕީއޭއިން މިގޮތަށް ހާމަކުރީ މިކަމާ ގުޅިގެން ގިނަ ބަޔަކަށް އޮޅުން އަރާފައިވާތީއެވެ.

ކޯވިޑުން ރައްކާތެރިވުމަށް އާބާދީގެ 90 ޕަސެންޓަށް ވެކްސިން ޖެހުމުގެ ބޮޑު ކެމްޕެއިނެއް މިއަދު ފަށާފައިވާއިރު، މި ކެމްޕެއިނަށް އެންމެންގެ އެއްބާރުލުން ދިނުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ. އެގޮތުން އެންމެ ފަހުން އެޗްޕީއޭއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ކޮވިޑުގެ އެންމެ ފަހު ރާޅުގައި މަރުވި 80 ޕަސެންޓް މީހުން ވެކްސިން ނުޖަހާ ކަމަށެވެ. އަދި ދެވަނަ ފަހަރަށް މިކަން ތަކުރާރުވިޔަ ނުދިނުމަށް ވެކްސިން ޖެހުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

އެޗްޕީއޭއިން ބުނެފައިވަނީ މާލެ ސަރަހައްދުގައި 6 ސެންޓަރެއްގައި ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށް ގެންދާނެކަމަށެވެ. އެގޮތުން ވެކްސިން ޖެހުން ކުރިއަށްދާނީ ސޯޝަލް ސެންޓަރު، އާޓް ގެލަރީ، އިސްލާމީ މަރުކަޒު، ވިލިމާލެ ޔޫތު ސެންޓަރު، ދަމަނަވެށި އަދި ހުޅުމާލޭ ހޮސްޕިޓަލްގައެވެ.

މާލެ ސަރަހައްދުގައި ވެކްސިންގެ ބޮޑު ޕްރޮގްރާމެއް ފަށާފައިވާއިރު، ވެކްސިން ޖަހަން ދާން ޖެހެނީ އެޕޮއިންޓްމަންޓް ހައްދައިގެން ކަމަށް އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ. އެޕޮއިންޓްމަންޓް ހަމަޖެހުމުން އެސްއެމްއެސްއެއް ލިބޭނެކަމަށާއި ވެކްސިން ޖަހަންދާއިރު މިމެސެޖު ދައްކަންޖެހޭނެ ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އެއިދާރާއިން ވިދާޅުވީ އެޕޮއިންޓްމަންޓް ހަމަޖެހޭ ގަޑީގެ 15 މިނިޓްކުރިން ވެކްސިން ސެންޓަރުގައި ހުންނަންވާނެކަމަށެވެ. ގަޑިއަށް ނުދެވިއްޖެނަމަ އެޕޮއިންޓްމަންޓް ބުކިން ކެންސަލްވާނެ ކަމަށާއި އޭގެފަހުން އަލުންޖެހޭނީ އެހެން ދުވަހަކަށް އެޕޮއިންޓްމަންޓް ހަމަޖައްސަން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.