ޤައުމީ ވެކްސިން ކެމްޕެއިންގައި އެއްގަލަކަށް، ގޮވާލަނީ އަވަހަށް ވެކްސިންޖެހުމަށް!

ޤައުމީ ވެކްސިން ކެމްޕެއިންގައި އެއްގަލަކަށް، ގޮވާލަނީ އަވަހަށް ވެކްސިންޖެހުމަށް!

Author
މުޙައްމަދު ޝަޒައިމް
31 ޖުލައި 2021 01:05
0

މުޅި ރާއްޖޭގައި ދެވަނަ ފަހަރަށް މިއަދު ފެށި ކޯވިޑް ވެކްސިން ޤައުމީ ކެމްޕެއިންގައި ޚިޔާލުތަފާތުވުންތައް އެއްފަރާތްކޮށް ވެކްސިން ދެޑޯޒް ފުރިހަމަ ކުރުމަށް ސިޔާސީ ވާދަވެރިންނާއި، ދީނީ އިލްމުވެރިންނާއި، ދައުލަތުގެ ވެރިން އިލްތިމާސް ކުރަން ފަށައިފިއެވެ.

ވެކްސިން ޖެހުމުގެ ބޮޑު ޕްރޮގްރާމް މިއަދު ފަށާފައިވާއިރު، މިކަމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓްވީޓެއްގެއި ވަނީ، އެތަކެއް މަސްތަކެއްގެ ދަތިއުނދަގޫތަކަށް ފަހު، އާންމު ހާލަތަށް ރުޖޫޢަ ވުމަށް މިހާރު އޮތް މަގަކީ ވެކްސިން ކަމަށެވެ. އެގޮތުން މަސައްކަތުގެ މާހައުލަށް ނިކުތުމަށާއި، ވިޔަފާރިތައް ހިންގުމަށާއި ޢާއިލާއާއި ރައްޓެހިންނާއި އެކު ވަގުތު ހޭދަކުރުމުގެ ފުރުސަތު ހޯދުމަށް ވެކްސިންގެ ޖެހުމަށްވަނީ އިލްތިމާސް ކުރައްވާފައެވެ.

ވެކްސިންގެ ކެމްޕެއިންގައި ބައިވެރިވުމަށް އިދިކޮޅު ކޯލިޝަންގެ އިސްބޭފުޅުންވެސް ދިވެހި ރައްޔިތުންނަށް ގޮވާލަމުންނެވެ. އަދި މިކަމަކީ މުޅި މުޖުތަމައުގެ ރައްކަލަށް އޮތް އެންމެ ވަރުގަދަ ފިޔަވަޅަށްވާއިރު، މިކަމުގައި ދިވެހި އެންމެހައި ރައްޔިތުން ބައިވެރުމަށް ވަނީ ގޮވާލަފައެވެ. ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.ޝަހީމް ވަނީ ފުރާނަ ސަލާމަތްކުރުމަށްޓަކައި ސަބަބުތަކުގައި ހިފައި ފިޔަވަޅުތަކަށް ތަބާވުމަކީ ކޮންމެހެންކުރަންޖެހޭނެކަމެއްކަމަށާއި، އަމިއްލަ ނަފްސާއި ޢާއިލާއި މުޖުތަމަޢާއި ޤައުމުގެ ސަލާމަތަށްޓަކައި އެންމެހާ ރައްޔިތުން ވެކްސިން ޖައްސަވުމަށް އިލްތިމާސް ކުރައްވާފައެވެ. 

އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ނައިބް ރައީސް އަދި ހުޅުމާލެ ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާ ވިދާޅުވީ ހުރިހާ ރައްޔިތުން ވެކްސިން ޑޯޒް ފުރިހަމަ ކުރުން އެދޭކަމަށެވެ. ނަމަވެސް ސަރުކާރުން ރައްޔިތުން އަވީ ނުލައި، ވެކްސިން ޖެހޭނެ ފަސޭހަ ސެންޓަރ ތަކެއް ޤާއިމް ކުރުމަށް އޭނާ ވަނީ ގޮވާލާފައެވެ.

ވެކްސިން ޖެއްސެވުމަށް ދީނީ ގިނަ އިލްމުވެރިންވެސް ދަނީ އިލްތިމާސް ކުރަމުންނެވެ. ދީނީ އިލްމުވެރިންގެ ތެރެއިން ސަރުކާރު ކޯލިޝަންގައި ހިމެނޭ ރައީސް މައުމޫންވެސް ވަނީ ޤައުމީ މިބޮޑު ކެމްޕެއިންގައި ހުރިހާ ރައްޔިތުން ބައިވެރިވެ އަވަހަށް ދެޑޯޒް ފުރިހަމަ ކުރުމަށް އިލްތިމާސް ކުރައްވާފައެވެ.

ކޯލިޝަންގެ ޕާޓީތަކުގެ އިތުރުން އުފެއްދުމަށް މަސައްކަތް ކުރާ މޯލްޑިވްސް ނޭޝަލް ޕާޓީގެ އެއްފައުންޑަރ އަބްދުﷲ ރިޔާޒުވެސް ވަނީ ވެކްސިން ޖެއްސެވުމަށް ހުރިހާ ރައްޔިުންނަށް ގޮވާލާފައެވެ. ރިޔާޒު ވިދާޅުވެފައިވަނީ ޕީސީއާރޓެސްޓް ހަދަން ކޮންމެ ފަހަރަކު ސާމްޕަލްދިނުމަކީ އުދަގޫކަމެއް އަދި ޚަރަދެއް ހިގާކަމެއްކަމަށެވެ. އެކަންނުކޮށް އެއްރަށުން އަނެއްރަށަށް ދަތުރުކުރެވެން އޮތީ ގިނަބަޔަކު ވެކްސިން ޖެހުމުން މުހިންމު ކަމަށް ރިޔާޒު ވިދާޅުވިއެވެ.

މިއަހަރުގެ މިނިވަން ދުވަހުގެ މުނާޞަބަތުގައި ޤައުމާ މުޚާޠަބުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ދެއްވި ޚިޠާބުގައިވަނީ އަންނަ އޯގަސްޓުމަހުގެ ނިޔަލަށް ރާއްޖޭގެ އެންމެންނަށް ކޯވިޑް-19 އިން ދިފާޢުވުމަށް ވެކްސިން ޖަހާ ނިންމުމަކީ އަމާޒެއްކަމަށް ވިދާޅުވެފައެވެ. އެގޮތުން ޤައުމީ ވެކްސިން ބޮޑު ޕްރޮގްރާމެއް ފައްޓަވާކަން ހާމަ ކުރައްވާ ރައީސް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ވެކްސިން ޖަހާ އުމުރުގެ %90 މީހުންނަށް އޮގަސްޓު މަހުގެ ނިޔަލަށް ވެކްސިން ޖެހުން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، އަޅުގަނޑުމެންނަށް ކުރިމަތިވެފައިވާ ކޯވިޑްގެ ޙާލަތަކީވެސް، މުޅި ޤައުމުގެ އެއްބައިވަންތަކަމާއި، ރައްޔިތުންގެ އެއްބާރުލުމަށް ނުހަނު ބޮޑަށް ބޭނުންވާ ޙާލަތެއްކަމަށެވެ. އަދި. މުޅި ދުނިޔޭގައި ފެތުރެމުންދާ ކޯވިޑްގެ ބަލިމަޑުކަމުން ދިވެހިން ރައްކާތެރިކުރުމަށް، ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި، ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ނިހާޔަތަށް ސަރުކާރަށް ބޭނުންވާކަމަށެވެ.

މާލެ ސަރަހައްދުގައު ވެކްސިން ބޮޑު ޕްރޮގްރާމް ފަށާފައިވާއިރު، ވެކްސިން ޖެހުމަށް ދާން ޖެހެނީ އެޕޮއިންޓްމަންޓް ހައްދައިގެން ކަމަށް އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ. އެގޮތުން އެޗްޕީއޭގެ ވެކްސިން ޕޯޓަލް މެދުވެރިކޮށް ވެކްސިންގެ ފުރަތަމަ އަދި ދެވަނަ ޑޯޒް ޖެހުމަށް ރެޖިސްޓްރީ ކުރެވޭނެއެވެ. މީގެ އިތުރުން ކޮވިޝީލްޑުގެ ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް މިހާރު ސަރުކާރުން ގެނެސްފައިވާ އެސްޓްރާ ޒެނެކާ ވެކްސިން ޖެހޭނެ ކަމަށް އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ.

އެޗްޕީއޭއިން ވިދާޅުވި ގޮތުގައި މާލެ ސަރަހައްދުގައި 6 ސެންޓަރެއްގައި ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށް ގެންދާނެއެވެ. ވެކްސިން ޖަހަނީ ސޯޝަލް ސެންޓަރު، އާޓް ގެލަރީ، އިސްލާމީ މަރުކަޒު، ވިލިމާލެ ޔޫތު ސެންޓަރު، ދަމަނަވެށި އަދި ހުޅުމާލޭ ހޮސްޕިޓަލްގައެވެ. ހުޅުމާލޭ ހޮސްޕިޓަލް ފިޔަވާ އެހެން ސެންޓަރުތަކުގައި ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ހަވީރު 4:00 އަށް ވެކްސިން ޖަހައިދެއެވެ. އަދި ހުޅުމާލޭ ހޮސްޕިޓަލުގައި ވެކްސިން ޖަހާނީ ހެނދުނު 9:00 އިން ހަވީރު 5:00 އަށްކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އަތޮޅުތެރޭގައި ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށް ގެންދާނީ އެރަށެއްގެ ސިއްޙީ މަރުކަޒު ނުވަތަ، ހޮސްޕިޓަލް މެދުވެރިކޮށް ކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.