ނިމިދޮޔަ މަހުގެ ކަރަންޓް ބިލް ބޮޑުވެފައިވަނީ ވަކި ސަރުކާރަކާއި ހެދިކަމަށް އެއްވެސް ފަހަރަކު ބުނެފައި ނުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
ކަރަންޓް ބިލް ބޮޑުވުމާއި ގުޅިގެން މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ.މުއިއްޒު ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވަމުން މިމަހުގެ 29 ވަނަ ދުވަހު އާޒިމް ކުރެއްވި ޓްވީޓުގައި ވިދާޅުވީ މިއަދު ސަރުކާރަށް އިޤްތިޞާދީ ގޮތުން މިދިމާވާ ދަތިތަކަކީ، ނިމިދިޔަ ސަރުކާރުން ޚާއްސަކޮށް މުއިއްޒުވެސް ހިމެނި ވަޑައިގަންނަވާ ކެބިނެޓަކުން އަމަލުކުރެއްވި ގޮތަކުން ޖެހެމުންދާ ދަތިތަކެއްކަމަށެވެ. ނަމަވެސް ސަރުކާރުން ދަނީ މިކަންކަން ހައްލުކޮށް ރައްޔިތުންނަށް އަދަށްވުރެ ފަހި މާދަމައެއް ހޯދުމަށް މަސައްކަތް ކުރަމުން ކަމުގައި އާޒިމް ވިދާޅުވިއެވެ.
އާޒިމްގެ މިޓުވީޓާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކުޔުން އާޒިމަށް އަމާޒުވިއިރު، ގިނަ ބަޔަކު ބުނަމުން ދިޔައީ ނިމިދިޔަ ސަރުކާރުގެ ވާހަކަ ދެއްކުން މިހާރު ހުއްޓާލައި، މިސަރުކާރުން ކަމެއް ކުރެވޭތޯ މަސައްކަތް ކުރަންޖެހޭކަމަށެވެ. އާޒިމަށް ގިނަ ބަޔަކު ފާޑުކިޔުމާއި ގުޅިގެން ވިދާޅުވީ އެއްވެސް ފަހަރަކު ކަރަންޓު ބިލް ބޮޑުވީ ކުރީ ސަރުކާރުގެ ސަބަބުން ކަމަށް ބުނެފައި ނުވާނެކަމަށެވެ. ހުރިހާވެސް މައްސަލައަކީ އެކްޓިވިސްޓުން ނޫސްވެރިންނޭ ކިޔައިގެން އުޅޭތީކަމަށް އާޒިމް ވަނީ ވިދާޅުވެފައވެެ.
އަދި އެއްފަހަރު ޓުވީޓް ބައްލަވާލައްވާ. އެއްފަހަރުވެސް ނުބުނަން ނިމިދިޔަ މަހުގެ ކަރަންޓްބިލް ބޮޑުވީ ވަކި ސަރުކާރަކާ ހެދިއެކޭ. އެކްޓިވިސްޓުން ނޫސްވެރިންނޭކީމަ ވާގޮތްމީ. އުންމީދު ކަނޑައެއްނުލަން. ރަގަޅުވާނެ.
– އާޒިމް ވިދާޅުވިއެވެ.
އާޒިމްގެ ވާހަކަތަކަށް ރައްދު ދެއްވަމުން، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ މިސަރުކާރަށް ރައްޔިތުން ހުރިހާ ބާރެއް ދިންތާ 3 އަހަރާއި ގާތްވާއިރުވެސް އަދިވެސް ކިޔަމުންދަނީ ކުރީ ސަރުކާރުކަމަށެވެ. ރައްޔިތުން މިސަރުކާރާއި ވެރިކަން ހަވާލުކުރީ ކުރީ ސަރުކާރު ކިޔަން ނޫންކަމަށް ޝިޔާމް ވިދާޅުވިއެވެ. ރައްޔިތުންނަށް ދޭޚިދުމަތް ބޮޑުވެ، ޚިދުމަތުގެ ފެންވަރު ދަށްވުމުން ރައްޔިތުން ޝަކުވާކޮށް އެއަޑު އިއްވާނެކަމަށް ޝިޔާމް ވިދާޅުވިއެވެ.
އެމްޑީޕީ ތެރޭގައި އުފެދުނު ޚިޔާލު ތަފާތުވުންތަކަށްފަހު ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި ކުއްލި ގޮތަކަށް ބައްލު ކުރެއްވުމަށްފަހު އާޒިމް ސަރުކާރަށް ތާއީދުކޮށް ވަނީ ވާހަކަ ދައްކަވަން ފައްޓާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ބޭއްވި ބައްދަލުވުމަށްފަހު، އާޒިމް ވިދާޅުވީ ބައްދަލުވުމުގައި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާއާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި މަޖިލީހާއި އެހެން މުއައްސަސާތަކާއި ގުޅިގެން މަސައްކަތް ކުރުމާއި ގުޅޭގޮތުން ރައީސާއެކު ވާހަކަ ދެކެވުނުކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ