ރައީސް ޔާމީންގެ ވެރިކަމުގައި، އެމަނިކުފާނުގެ އެއްބަފާ ބޭބޭފުޅު މައުމޫން އަބްދުލް ޤައްޔޫމަށް ހިފަހައްޓާނުލެވުނީ ރައީސް ޔާމީންގެ ތަރައްޤީގެ ސްޕީޑު ބާރުވުމުން ކަމުގައި ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ ޝިފާގު މުފީދު (ހިސްޓޯ) ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ޔާމީނަށް ކުރި ތާއީދު އަނބުރާ ރައީސް މައުމޫން ގެދެވީ ޕީ.ޕީ.އެމް ގެ އުސޫލުތަކާއި ދުރަށް ގޮސް ކޮރަޕްޝަނާ އަނިޔާވެރިކަމުގެ ތެރެއަށް ދިޔުމުން ކަމުގައި ރައީސް މައުމޫންގެ ދަރިކަނބަލުން އަދި މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވަނީ އިއްޔެ ވިދާޅުވެފައެވެ.
ޔުމްނާގެ ވާހަތަކާއި ގުޅިގެން ހިސްޓޯ ވިދާޅުވީ ރައީސް މައުމޫނަކީ ތަރައްޤީ ތަސައްވަރު ކުރެވޭ ވަރަށްވުރެއް ސްޕީޑު ސްލޯ ބޭފުޅެއްކަމަށެވެ. ރައީސް ޔާމީންގެ އަރިހުގައި މައުމޫނަށް ހިފަހައްޓަ ނުލެވުނީ އެހަކަތަ ނެތުމުންކަމަށާއި، ރައީސް ޔާމީންއަކީ ތަރައްޤީގައި އެހެން އެއްވެސް އެއްވެސް ސިޔާސީ ލީޑަރަކަށް ފައިހަމަކޮށްލެވޭ ވަރަށްވުރެއް މާ ބާރު ސްޕީޑުގައި ތަރައްޤީ ގެނުވި ވެރިއެއްކަމަަށެވެ. އަދި މިއަދު ޤައުމުން ފެނިގެން މިދާ ޤައުމީ ތަޞައްވުރެއް ގެންގުޅުއްވައި އެއަށް ޢަމަލީ ސިފަގެނެސްދެއްވި ބާނީ އަކީ ރައީސް ޔާމީންކަމަށް ހިސްޓޯ ވިދާޅުވިއެވެ.
ރައީސް މައުމޫނަކީ ތަރައްޤީ ތަޞައްވުރު ކުރެއްވޭވަރަށްވުރެ ސްލޯ ބޭފުޅެއް. ރައީސް ޔާމީންއަރިހު ހިފަހައްޓައި ނުލެވުނީ އެމަނިކުފާނުގެ ސްޕީޑް ބާރުވުމުން. ރައީސް ސާލިޙު ސްލޯވީމަ އަރިހުގައި އެއިންނަވަނީ. ޤައުމީ ތަޞައްވުރެއް ގެންގުޅުއްވައި އެއަށް ޢަމަލީ ސިފަގެނެސް ޙަޤީޤަތަކަށް ހައްދަވައި ދެއްވީ ރައީސް ޔާމީން.
– ހިސްޓޯ ވިދާޅުވިއެވެ.
ޔުމްނާ ވިދާޅުވީ ހުޅުމާލޭގެ ފޭސް ދޭކަކީވެސް އަދި ބްރިޖަކީވެސް ރައީސް މައުމޫންގެ ތަސައްވަރެއްކަމަށެވެ. އޭރުގެ ވެރިކަމުގައި ރައްޔިތުންނަށް އެތައް އަނިޔާއެއްކޮށް، ވައްކަމާއި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެތައްކަމެއްކޮށް، ޕީޕީއެމްގެ އުސޫލުތައް ދޫކޮށްލުމަކީ ރައީސް މައުމޫން ރައީސް ޔާމީނަށް ކުރެއްވި ތާއީދު އަނބުރާ ގެންދެވި ސަބަބުކަމަށް ޔުމްނާ ވިދާޅުވެފައިވެއެވެ.
ކޮމެންޓު ފޮނުވާ