ރައީސް ޞާލިހާއި، ނަޝީދު ހިމެނޭހެން ހުރިހާ ލީޑަރުންނަށް ޤައުމީ ކެމްޕެއިންގެ ދަޢުވަތު

ރައީސް ޞާލިހާއި، ނަޝީދު ހިމެނޭހެން ހުރިހާ ލީޑަރުންނަށް ޤައުމީ ކެމްޕެއިންގެ ދަޢުވަތު

Author
މުޙައްމަދު ޝަޒައިމް
31 ޖުލައި 2021 11:30
0

އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އިން "މިނިވަން ކަމުގެ ދިފާއުގައި ދިވެހިން"ގެ ނަމުގައި ރޭ އިފްތިތާހުކުރި ކެމްޕެއިންގައި ބައިވެރިވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި، ރައީސް ނަޝީދު ހިމެނޭހެން ރާއްޖޭގެ ހުރިހާ ސިޔާސީ ލީޑަރުންނަށް ދައުވަތު ދީފިއެވެ.

މިކެންޕެއިން އިފްތިތާހު ކޮށްދެއްވުމަށްފަހު ވާހަކަ ދައްކަވަމުން އިދިކޮޅު ކޯލިޝަން ހިންގުމާއި ވަގުތީގޮތުން ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރާއްޖޭގެ ސިޔާސީ ހުރިހާ ލީޑަރުންނަށް މި ކެމްޕޭނުގައި ބައިވެރިވެވަޑައިގަތުމަށް ދައުވަތު އަރުވާ ކަމަށެވެ. ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށާއި އުމަރު ނަސީރު އާއި އަދާލަތު ޕާޓީގެ ލީޑަރު އިމްރާން އަބްދުﷲ އާއި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އާއި ޖުމްހޫރި ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އިތުރުން އެމްޑީޕީގެ ލީޑަރު ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް މި ކެމްޕޭނުގައި ބައިވެރިވެވަޑައިގަތުމަށް އަބްދުއްރަހީމް ވަނީ ދައުވަތު އަރުއްވާފައެވެ.

އޭނާ ވިދާޅުވީ އެއްވެސް ދާއިރާއެއް އިސްތިސްނާ ވުމެއް ނެތި ކޮންމެ ދާއިރާއަކުން ބެއްޔަސް ރާއްޖެ މިއަދު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށެވެ. އަދި ރޭ ފެށިގެން ދިޔަ ކެމްޕެއިނަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވިސްނުންފުޅާއި އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތިން ފެއްޓި ގައުމީ ކެމްޕެއިނެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިއަދު މިއޮތީ އަޅުގަނޑުމެން ހިތާމަ ކުރަން ޖެހޭ ހާލަތަކަށް ރާއްޖެ ގޮސްފަ. އަޅުގަނޑުމެން މި ގަބޫލު ކުރީ ދިވެހި ގައުމުގެ ހައްގުގަ އަޅުގަނޑުމެން މަސައްކަތް ކުރަން ޖެހޭ ވަގުތު. ޕީޕީއެމްގެ މޮޓޯ އަކީ އެންމެ ފުރަތަމަ ގައުމު. އެހެން ވީމަ ޕީޕީއެމުން އަބަދުވެސް އިސް ކުރާނީ އެންމެ ފުރަތަމަ ގައުމު. މި ވަގުތަކީ އެހެން ހުރިހާ ކަމެއް ހުއްޓާލުމަށް ފަހު ގައުމު ސަލާމަތް ކުރުމުގެ މަސައްކަތް ޕާޓީން އިސްވެ ފަށަން ޖެހޭ ވަގުތު ކަމުގައި ރައީސް ޔާމީން ވިދާޅުވި.

– އަދުރޭ ވިދާޅުވިއެވެ.

ސަރުކާރު ހިންގާ ކޯލިޝަންގެ ލީޑަރުންނަށް އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ހަރަކާތެއްގައި ބައިވެރިވާން އެކްޓިން ލީޑަރު އަދުރޭ ދައުވަތު ދެއްވިއިރު، މި ހަރަކާތަކީ އިންޑިއާގެ އަސްކަރީ ނުފޫޒުތައް ރާއްޖެއަށް އަންނަ ކަމަށް ބުނެ ފަށާފައިވާ ހަރަކާތެކެވެ.

އަބްދުއްރަހީމް އިތުރަށް ވިދާޅުވީ ސިޔާސީ ޕާޓީތައް އުފައްދައިގެން ވެރިކަމަށް އާދެވޭނީ ގައުމުގައި މިނިވަންކަން އޮވެގެން ކަމަށާއި އެހެންކަމުން މި ހުރިހާ ލީޑަރުންވެސް މިއީ ގައުމީ މަސައްކަތެއް ކަމުގައި ދެކެގެން ކެމްޕޭނުގައި ބައިވެރިވުމަކީ އެދޭ ކަމެއް ކަމަށް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.