ރާއްޖޭގައި އާންމު ހާލަތަށް ގައުމު ގެންދިއުމަށް އެންމެން އެކުގައި މަސައްކަތް ކުރުމަށް ނާއިބު ރައީސް ފައިޞަލް ނަސީމް ގޮވައިލައްވައިފިއެވެ.
ކޯވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ވެކްސިން ޕްރޮގްރާމް ފަށާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގައެވެ. ވެކްސިން ޖަހަންޖެހޭ އާބާދީގެ ބޮޑުބަޔަކަށް ދެމުން އައި ކޮވިޝީލްޑް ވެކްސިން ހުސްވުމުގެ ސަބަބުން މޭއިމަހުގެ ތެރޭގައިވަނީ ވެކްސިން ޢާއްމުކޮށް ދިނުން ހުއްޓާލާފައެވެ. އެހެންނަމަވެސް ވެކްސިންގެ އިތުރު ޑޯޒްތައް ލިބުމާއެކު ވެކްސިން ޕްރޮގްރާމް މިމަހުގެ 6 ވަނަ ދުވަހު އަލުންވަނީ ފަށާފައެވެ. ޢީދު ބަންދާއި މިނިވަންދުވަހުގެ މުނާސަބަތާއި ގުޅިގެން ސަރުކާރު ބަންދުވުމާއެކު ވެކްސިން ދިނުން މަޑުޖައްސާލިނަމަވެސް މިއަދުން ފެށިގެން އަލުން ވެކްސިން ޕްރޮގްރާމް ރަސްމީކޮށް ފެށުމަށް މިހާރުވަނީ ތައްޔާރުވެފައެވެ. ވެކްސިން ޖެހުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވަނީ އެޕޮއިންޓްމަންޓް އުސޫލުންނެވެ.
ނާއިބް ރައީސް ވިދާޅުވީ މި ފުރުޞަތުގެ ބޭނުން ހިއްޕަވައި ޢާއްމު ޙާލަތަށް ރުޖޫއަވުމަށް އެންމެން އެކުގައި މަސައްކަތް ކުރުމަކީ ރާއްޖޭގެ އިޤްތިޞާދާއި ޤައުމުގެ ކުރިމަގަށްވެސް އޮތް ވަރަށްބޮޑު ފުރުސަތަކަށް ވެގެންދާނެކަމަށެވެ. އަދި ކޯވިޑް-19ގެ ވެކްސިން ޖެހޭ އުމުރުފުރާގެ އެންމެންނަށް ވެކްސިން ޖެހުމުގެ ފުރުޞަތު ފަހި ވެފައިވާ މަދު ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމީ ލިބިފައިވާ ވަރަށްބޮޑު ނަސީބެއްކަމަށް ނާއިބް ރައީސް ވިދާޅުވިއެވެ.
ކޯވިޑް-19ގެ ވެކްސިން ޖެހޭ އުމުރުފުރާގެ އެންމެންނަށް ވެކްސިން ޖެހުމުގެ ފުރުޞަތު ފަހި ވެފައިވާ މަދު ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމީ އަޅުގަނޑުމެންގެ ނަސީބު. މި ފުރުޞަތުގެ ބޭނުން ހިއްޕަވައި ޢާއްމު ޙާލަތަށް ރުޖޫއަވުމަށް އެންމެން އެކުގައި މަސައްކަތް ކުރަމާ!
– ފައިސަލް ނަސީމް ވިދާޅުވިއެވެ.
ވެކްސިން ޖެހުމަށް ފަސޭހަ ގޮތްތަކެއް ހަމަޖައްސާފައިވާއިރު ރާއްޖޭގައި ވެކްސިން ޖަހަން ޖެހޭ އާބާދީގެ 27 އިންސައްތަ އަދިވެސް ވެކްސިން ފުރިހަމަ ނުކުރާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އެހެންކަމުން މިފަހަރު ވެކްސިން ޖެހުމަށް ހުޅުވާލުމުން މިހާރު ލިބެން ހުރި ވެކްސިން އަވަހަށް ޖެހުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ. ސަރުކާރުންވަނީ އަންނަ މަހުގެ ނިޔަލަށް ރާއްޖޭގައި ވެކްސިން ޖަހަންޖެހޭ އާބާދީއަށް ވެކްސިންދީ ނިންމުމަށް އަމާޒު ހިފާފައެވެ. މިކަންކާމިޔާބުކުރުމަށް ސަރުކާރުން މިހާރުވަނީ އެސްޓްރާޒެނެކާއިން ވެކްސިން ޝިޕްމަންޓެއްވެސް ގެނެސްފައެވެ.
ވެކްސިންއާއި ގުޅޭގޮތުން ކުރެއްވި ޓުވީޓެއްގައި ރައީސް އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ރާއްޖެ ހިމެނެނީ ވެކްސިން ޖަހަންޖެހޭ މުޅި އާބާދީއަށް ވެކްސިންޖެހޭ ވަރަށް ވެކްސިން ލިބުނު މަދު ޤައުމުތަކުގެ ތެރޭގައިކަމަށެވެ. އެހެންކަމުން އެކަން ކަށަވަރުކޮށް މިބަލިމަޑުކަމުން އަރައިގަތުމަށް ވެކްސިން ފުރިހަމަކުރުމަށް ހުރިހާ އެންމެން ގުޅިގެން މަސައްކަތްކުރުމަށް މަބްރޫކްވަނީ އެދިވަޑައިގެންފައެވެ.
މިއަދު ވެކްސިން ޕްރޮގްރާމް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވާއިރު ވެކްސިން ޖަހަނީ ސޯޝަލް ސެންޓަރު، އާޓް ގެލަރީ، އިސްލާމީ މަރުކަޒު، ވިލިމާލެ ޔޫތު ސެންޓަރު، ދަމަނަވެށި އަދި ހުޅުމާލޭ ހޮސްޕިޓަލްގައެވެ. ހުޅުމާލޭ ހޮސްޕިޓަލް ފިޔަވާ އެހެން ސެންޓަރުތަކުގައި ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ހަވީރު 4:00 އަށް ވެކްސިން ޖަހައިދެއެވެ. އަދި ހުޅުމާލޭ ހޮސްޕިޓަލުގައި ވެކްސިން ޖަހާނީ ހެނދުނު 9:00 އިން ހަވީރު 5:00 އަށްކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.
ކޮމެންޓު ފޮނުވާ