ރާއްޖޭގެ މުޅި އާބާދީއަށް ބޭނުންވާ ވަރަށް ވެކްސިން ލިބިއްޖެ

ރާއްޖޭގެ މުޅި އާބާދީއަށް ބޭނުންވާ ވަރަށް ވެކްސިން ލިބިއްޖެ

Author
މުޙައްމަދު ޝަޒައިމް
31 ޖުލައި 2021 09:49
0

ކޯވިޑް-19 ގެ ކުރިން ގައުމު އޮތް ހާލަތަށް އެނބުރި ދިއުމަށް ވެކްސިން ޕްރޮގްރާމަށް އެންމެންގެ އެއްބާރުލުން ބޭނުންވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ރާއްޖެއަކީ ކޯވިޑް ވެކްސިން ކެންޕެއިން އެންމެ ކާމިޔާބުކޮށް ހިންގާ އެއް ގައުމެވެ. ވެކްސިން ހޯދަން ސަރުކާރުން ވަނީ ކާމިޔާބު މަސައްކަތްތަކެއް ކޮށްފައެވެ. އިންޑިއާ އާއި ޗައިނާގެ ގުޅުން ހަރުދަނާކޮށް އެ ދެ ގައުމުންވެސް ވެކްސިންގެ ބޮޑު ސްޓޮކެއް ހިލޭ ހޯދާފައިވެއެވެ. އަދި އެކި ކުންފުނިތަކަށް ފައިސާ ދައްކައިގެން ވެކްސިން ހޯދުމަށް އެކި މަސައްކަތްތައް ކޮށްފައިވެއެވެ.

މިމަހުގެ 28 ވަނަ ދުވަހު ހެލްތް އިމަރޖެންސި އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ރާއްޖެއިން އޯޑަރުކޮށްފައިވާ އެސްޓްރަޒެނެކާ ވެކްސިންގެ ސްޓޮކް ލިބިފައިވާކަން އިއުލާނުކޮށްފައެވެ. މިމަހުގެ 31 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި އެސްޓްރަޒެނެކާ ވެކްސިން ޖަހަން ފަށާނެ ކަމަށް ވެސް ވަނީ ބުނެފައެވެ. މިއާއެކު މިމަހުގެ 29 ވަނަ ދުވަހު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ އެސްޓްރަޒެނެކާ ވެކްސިން ޖެހުމަށް އެޕޮއިންޓްމެންޓް ހެއްދުން ހުޅުވާލާފައެވެ.

ސަރުކާރުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު މިއަދު ވިދާޅުވީ ދިވެހި އާބާދީއަށް ބޭނުންވާ މިންވަރަށް ކޯވިޑް-19 އިން ދިފާއުވުމަށް ޖަހަން ޖެހޭ ވެކްސިން ހޯދިފައިވާ ކަމަށެވެ. އަދި އެއީ މިވަގުތަށް އެ ފުރުސަތު ލިބިފައިޗާ މަދު ގައުމުތަކުގެ ތެރެއިން އެއް ގައުމު ކަން ފާހަގަ ކުރެއްވިއެވެ. މަބުރޫކް ވަނީ އާންމު ހާލަތަށް ދިއުމަށް ވެކްސިންގެ މުހިންމު ކަން ފާހަގަ ކުރައްވާ ވެކްސިން ކެންޕެއިނަށް އެއްބާރުލުން ދިނުމަށް އެދިވަޑައިގެންފައެވެ. އަދި ވެކްސިން ޖެހުމަށް ގިނަ ބަޔަކަށް ބާރު އެޅުމަށް އެދިވަޑައިގެންނެވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.