ޚިދުމަތްދޭން ފެށިތާ އަހަރަކަށްވުރެ ގިނަ ދުވަސްފަހުން، ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދޭ އެއްވެސް މީހަކު މިވަގުތު ނެތްކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ބުނެފިއެވެ.
ހުޅުމާލޭ ކޯވިޑް ފެސިލިޓީއަކީ ކޯވިޑް-19 ގައި އެންމެ ގިނަ މީހުންނަށް ފަރުވާދޭންޖެހި، އެންމެ ގިނަ މީހުން ނިޔާވެގެން ދިޔަ ފެސިލިޓީއެވެ. ފެސިލިޓީގައި އެތައް ބަޔަކަށް ފަރުވާދޭންޖެހި، މުޅި ފެސިލިޓީ ފުރި އެކަށީގެންވާ ވަރާއި ގާތަށްވެސް ޚިދުމަތް ނުދެވި ދިޔަ ދުވސްތަކެއްވެސް ދިޔައެވެ. ފެސިލިޓީގައި ފަރުވާދެމުންދިޔަ ޑޮކްޓަރުންނާއި، ނަރުހުން ވަރުބަލިވެ، އެތައް ކަންބޮޑުވުން ގިނަ ބަޔަކު މީގެ ދެ މަހެއްކުރިން ދިޔައީ ފާޅު ކުރަމުންނެެވެ.
ހުޅުމާލެ މެޑިކަލް ފެސިލިޓީއާކީ ރާއްޖެއިން ކޯވިޑް-19 ފެނުމާއި ގުޅިގެން ކޯވިޑަށް ފަރުވާ ދިނުމަށް ޚާއްސަކޮށްގެން މާލެ ސަރަޙައްދުގައި ހޮސްޕިޓަލެއްގެ ފެންވަރުގައި ޤާއިމްކުރި ފުރަތަމަ ފެސިލިޓީއެވެ. ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފުރަތަމަ ފަހަރަށް މީހަކު އެޑްމިޓްކޮށް ފަރުވާދޭން ފަށާފައިވަނީ މިދިޔަ އަހަރުގެ ޖޫންމަހުގެ 7 ވަނަ ދުވަހުއެވެ. ކޯވިޑް ބަލީގައި ހާލުބޮޑުވާ މީހުންނަށް ވަކި ޚާއްސަ ތަނެއްގައި ފަރުވާ ދިނުމަށް ސިފައިންނާއި ސަރުކާރުގެ ބައެއް ކުންފުނިތަކާއި އަމިއްލަ ކުންފުނިތައް ގުޅިގެން އޭރު ހުޅުމާލޭގައި ޤާއިމުކުރި މި މެޑިކަލް ފެސިލިޓީއަކީ 290 އެނދުގެ ފެސިލިޓީއެކެވެ.
މާލެ ސަރަހައްދުގައި އެޑްމިޓުކޮށްގެން މިހާރު ތިން މީހަކަށް ފަރުވާދެވެމުން ދިޔައިރު، އޭގެ ތެރެއިން ހުޅުމާލޭ ކޯވިޑް ފެސިލިޓީގައި އޮތް މީހާ ރޭގެ ވަގުތެއްގައި ވަނީ ދޫކޮށްލައިފައެވެ. ބާކީ ތިބި ދެ މީހުންނަށް ފަރުވާދެމުންދަނީ ދަރުމަވަންތަ ހޮސްޕިޓަލުގައެވެ. މިއީ އެޗްއެމްއެފް ގާއިމުކުރި ފަހުން އެތަނުގައި ފަރުވާދެމުންދާ އެއްވެސް ބަލި މީހަކު ނެތް ފުރަތަމަ ފަހަރު ކަމަށް އެޗްއީއޯސީން ވަނީ ޔަގީންކޮށްދީފައެވެ.
ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އެންމެ މީހުން ގިނަވީ އަދި އެންމެ ނުރައްކާތެރި ދަރަޖައަކަށް ދިޔައީ ރާއްޖެއަށް އެންމެ ފަހުން ކުރިމަތިވި ކޯވިޑް ރާޅުގައެވެ. މިދިޔަ އޭޕްރީލްމަހުގެ ފަހުކޮޅުން ފެށިގެން ރާއްޖެއަށް ކުރިމަތިވި ކޯވިޑް ރާޅުގައި ދުވާލެއްގެ މައްޗަށް 2000 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވި ދުވަސްތައްވެސް ފާހަގަކުރެވުނުއިރު އޭރުވެސް އެންމެ ގިނަ މީހުންނަށް ފަރުވާދެމުން ދިޔައީ މި ފެސިލިޓީގައެވެ. މާލެ ސަރަހައްދުގެ އާބާދީ ބޮޑުވުމާއި ގިނަ ބަޔަކު ޕޮޒިޓިވްވަމުންދިޔައީވެސް މާލެ ސަރަހައްދުގައިކަމުން އޭގެތެރެއިން ހާލަތު ސީރިއަސްވި ގިނަ މީހުންނަށް ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔައެވެ. އެގޮތުން ބަލީގެ ހާލަތު އެންމެ ގޯސްވިއިރު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 300އާ ގާތްކުރާ އަދަދަކަށް ވަނީ މީހުންނަށް ފަރުވާ ދީފައެވެ.
ކޮމެންޓު ފޮނުވާ