ރާޖްގެ ބަންދުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި

ރާޖްގެ ބަންދުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި

ބަރަހަނާ ވީޑިއޯ އުފައްދާ، ވިޔަފާރީ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ރާޖް ކުންދުރާގެ ބަންދަން އިތުރު 14 ދުވަސް ޖަހައިފި އެވެ.

މިއީ ރާޖްގެ ބަންދުގެ މުއްދަތު އިތުރު ކުރި 3 ވަނަ ފަހަރެވެ.

މި މަހުގެ 19 ވަނަ ދުވަހު ރާޖް ހައްޔަރު ކުރުމަށް ފަހު 23 ވަނަ ދުވަހު ވަނީ އެ މުއްދަތު 27 ވަނަ ދުވަހަށް އިތުރުކޮށްފަ އެވެ. އެއާއިއެކު އަނެއްކާ ބަންދާއިމެދު ގޮތެއް ނިންމުމަށް އިއްޔެ ބޭއްވި އަޑުއެހުމުގައި ވަނީ އިތުރު 14 ދުވަހު ބަންދުގައި ބެހެއްޓުމަށް މުމްބާއީގެ ލޯކަލް ކޯޓުން އަމުރުނެރެފަ އެވެ. ރާޖާއި އެކުގައި 10 މިހާކުވަނީ މި މައްސަލައިގައި ހައްޔަރުކޮށްފަ އެވެ.

45 އަހަރުގެ ރާޖް މި މައްސަލާގައި ހައްޔަރު ކޮށްފައިވަނީ މި ވިޔަފާރީގައި އަމިއްލަ ގޮތުން ބައިވެރި ވުމުގެ އިތުރުން މި ވިޔަފާރީގައި އެންމެ މުހިންމު ދައުރެއް އަދާކުރި ކަމުގެ ތުހުމަތުގައި އެވެ.

ރިޕޯޓްތަށް ބުނާގޮތުގައި ފުލުހުން ރާޖް ހައްޔަރުކުރުމަށް މި އަހަރުގެ ފެބްރުވަރީ މަހުން ފެށިގެން އަންނަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ފުލުހުންނަށް ރިޝްވަތު ދީގެން މި މައްސަލަ ހިންދާލުމަށް ރާޖް އޭރުއްސުރެ މަސައްކަތް ކުރަމުންދާ ކަމަށް ޚަބަރުތަށް ބުނެއެވެ.

މި މައްސަލާގައި ރާޖްގެ އަންހެނުން، ބޮލީވުޑްގެ ތަރި ޝިލްޕާ ޝެއްޓީގެ ބަޔާންވެސް ފުލުހުން މިހާރު ވަނީ ނަގާފަ އެވެ. ޝިލްޕާގެ ބަޔާން ނަގާފައިވަނީ މިދިޔަ ހުރުކު ދުވަހު ޖުހޫގައި ހުންނަ އޭނާގެ ގޭގަ އެވެ. މި ބަޔާނުގައި އޭނާ ބުނެފައިވަނީ ބަރަހާނާ ފިލްމްގެ ވިޔަފާރީގައި އޭނާ އަާއި އޭނާގެ ފިރިމީހާގެ އެއްވެސް ހިއްސާއެއް ނޯންނަނެކަމަށެވެ. މީގެ އިތުރުން ޝިލްޕާ ވަނީ އެކަންކަމުގެ ތުހުމަތު ރާޖްގެ ބޭބެ ޕްރަދީބް ބަކްޝީގެ ބޮލުގައި އަޅުވާފަ އެވެ.

ރާޖް ކުންދުރާގެ މި މައްސަލައަކީ މިހާރު އިންޑިއާގެ ފިލްމު އިންޑާސްޓްރީގެ އިތުރުން މުޅި އިންޑިއާގައި ވެސް އެންމެންގެ ލޯތައް މިހާރު ހުއްޓިފައިވާ އެއް މައްސަލައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *