މާލެ ސިޓީގެ އެންމެ ބޮޑު އަވަށް ކަމުގައިވާ ހުޅުމާލޭގައި ކޯވިޑް ޓެސްޓް ހެދޭނެ ގޮތެއް ނެތުމަކީ ނުހަނު ކަންބޮޑުވާ ކަމެއްކަމަށާއި، ވީހާވެސް އަވަހަށް ހުޅުމާލޭގެ ރައްޔިތުންނަށް، ހުޅުމާލޭގައި ތިބެގެން ޓެސްޓް ހެދޭނެ ގޮތެއް ހަމަޖެއްސުމަށް އެދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާ ގޮވާލައްވައިފިއެވެ.
ކުރިއަށް އޮތް ބަންދު ދުވަސްތަކުގައި ގިނަ ބަޔަކު ރަށްރަށް ދިއުމަށް ބޭނުންވެފައިވާއިރު، ކޯވިޑް ޓެސްޓް ހެދުމަށް ވަނީ ގިނަ ގޮންޖެހުންތަކާއި ކުރިމަތިވެފައެވެ. ޚާއްސަކޮށް ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް، ޓެސްޓް ހެދޭނެ ގޮތެއް ނެތުމުގެ ކަންބޮޑުވުން ވަނީ އިންތިހާއަށް ބޮޑުވެފައެވެ. މިކަމުގެ ކަންބޮޑުވުން ފާޅު ކުރައްވައި ޝުޖާ ވިދާޅުވީ މާލެ ސިޓީގެ އެންމެ ބޮޑު އަވަށުގައި ކޯވިޑް ޓެސްޓް ހެނދޭނެ ގޮތެއް ނެތުމަކީ ވެވޭ ވަރަށް ބޮޑު އިހުމާލެެއްކަމަށެވެ. ޓެސްޓް ހަދަން ގުޅާލުމުން މާލެއަށް އައިސް ޓެސްޓު ހެދުމަށް އެންގުމަކީ ޖައްސާ އިތުރު ތަކްލީފެއް ކަމުގައި ޝުޖާ ވިދާޅުވިއެވެ.
މާލެ ސިޓީގެ އެންމެ ބޮޑު އަވަށް ކަމުގައިވާ ހުޅުމާލޭގައި ކޮވިޑް ޓެސްޓް ހެދޭނެ ގޮތެއް ނެތް. ދާއިރާގެ ރައްޔިތުން ގުޅީމަ ތިޔަ ވިދާޅުވަނީ ޓެސްޓް ހަދަން ބޭނުމިއްޔާ މާލޭގެ ސޯޝަލް ސެޓަރާއި، ވިލިމާލެ އަށް ވަޑައިގެން ޓެސްޓް ހައްދަވާށޭ! މީ ކިހާބޮޑު ތަކުލީފެއްތޯ؟
– ޝުޖާ ވިދާޅުވިއެވެ.
ޝުޖާ ވިދާޅުވީ ޓެސްޓް ހެދޭ ގޮތެއްނެތި ރަށްރަށާށް އާއިލާ ކައިރިއަށް ދާން ބޭނުންވާ އެތައް ބަޔަކު ނުފުރި ރަށު ބަންދު ވެފައިވާކަމަށެވެ. މިއީ އެޗްޕީއޭއިން މިހާރުން މިހާރަށް އަވަސް ހައްލެއް ހޯދައި ދޭންޖެހޭ ކަމެއްކަމަށް ޝުޖާ ވިދާޅުވިއެވެ.
ހުޅުމާލޭގެ އެތައް ރައްޔިތެއް ތިއްބެވީ ޗުއްޓީ އަށް އަތޮޅުތެރެއަށް ނުފުރި ރަށުބަންދު ވެފަ! މިކަމަށް އަވަސް ހައްލެއް ހޯއްދަވައި ދެއްވާ އެޗްޕީއޭ. އަޅުގަނޑުގެ ދާއިރާގެ ރައްޔިތުން ނަކީ ޚިދުމަތުން މަހުރޫމް ވެފަ ތިބި ރައްޔިތަކަށް ވާން ނޭދެން.
– ޝުޖާ ވިދާޅުވިއެވެ.
އީދު ބަންދާއި ސްކޫލް ކުދިންގެ އަހަރީ ޗުއްޓީއާއި މިއަހަރުގެ މިނިވަންދުވަސް އެއްދުވަސްވަރަކާ ދިމާވެ ބޮޑު ޗުއްޓީއެއްވަނީ ލިބިފައެވެ. ބަންދުގެ އުފާ އެންމެ ބޮޑުވީ ރާއްޖޭގައި ކޯވިޑްގެ ޙާލަތަށް ރިޢާޔަތްކޮށް އެޗްޕީއޭއިން މިމަހު ޢިއުލާންކުރި ލުއިތަކާއެކުގައެވެ. އެގޮތުން ކޯވިޑްގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން މާލެއިން ބޭރަށް ނުދެވި ތިބި ގިނަ ބަޔަކަށް ރަށްރަށް ދަތުރުކުރެވޭނެ މަގު ފަހިވުމުގެ ސަބަބުން ގިނަ ބަޔަކު އަންނަނީ ރަށްރަށަށް ދަތުރުކުރަމުންނެވެ.
އެޗްޕީއޭއިން ލުއިދީ ޢާއްމުކޮށްފައިވާ އުސޫލުގައިވަނީ ވެކްސިންގެ ދެޑޯޒް ފުރިހަމަކޮށް 14 ދުވަސް ހަމަވެފައިވާ ފަރާތްތަކަށް ނެގެޓިވް ޕީސީއާރް ޓެސްޓް ނަތީޖާއާއެކު ކަރަންޓީންވުމަކާ ނުލާ ރަށްރަށަށް ދަތުރުކުރެވޭނެކަމަށެވެ.
އަދި ކޯވިޑަށް ޕޮޒިޓިވްވެ ދެމަސް ނުވާ މީހުންނަށް ޕީސީއާރް ޓެސްޓު ހެދުމަކާ ނުލާ، ކަރަންޓީން ވުމަކާ ނުލާ ރަށްރަށަށް ދެވޭނެކަމަށެވެ. މިއާއެކު ވެކްސިން ފުރިހަމަކޮށްފައިވާ މީހުންގެ ތެރެއިން 14 ދުވަސްވެފައިވާ ގިނަ ބަޔަކު ޕީސީއާރް ޓެސްޓު ހަދަމުންދާތީ މިވަގުތު ޓެސްޓުކުރަންޖެހޭ ސާމްޕަލްތަކުގެ ޢަދަދު އިތުރުވެފައިވާކަން އެޗްޕީއޭއިންވެސްވަނީ ހާމަކުރައްވާފައެވެ.