ޕާކް ކުރުމުގެ މައްސަލާގައި، ރައްޔިތުންނަށް އަދަބު ނުދީ މައްސަލަ ހައްލުކޮށްދީ

ޕާކް ކުރުމުގެ މައްސަލާގައި، ރައްޔިތުންނަށް އަދަބު ނުދީ މައްސަލަ ހައްލުކޮށްދީ

Author
މުޙައްމަދު ޝަޒައިމް
16 ޖުލައި 2021 03:27
0

ޕާކް ކުރުމުގައި ދިމާވެފައިވާ ގޮންޖެހުންތައް ހައްލުނުކޮށް ރައްޔިތުންނަށް އަދަބު ނުދީ ސީދާ މައްސަލަ ހައްލު ކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކަށް ގޮވާލައިފިއެވެ.

ޤަވައިދުތަކާއި ހިލާފުވުމުންނާއި ޤަވައިދާއި ހިލާފަށް ޕާކުކުރާނަމަ ލައިސަންސުން ޕޮއިންޓް އުނިކޮށް ލައިސަންސް ބާތިލުކުރާ ގޮތަށް ޓްރާންސްޕޯޓް މިނިސްޓްރީން ނިންމި ނިންމުމަށް ގިނަ ބަޔަކު ފާޑުކިޔަމުންދާ މިދަނޑިވަޅުގައި އަލީ ހުސެއިން ވިދާޅުވީ ޕާކް ކުރުމުގެ މައްސަލާގައި ހަގީގައި ހައްލު ހޯދުމަށް މަސައްކަތް ނުކޮށް ރައްޔިތުން އަދަބު ދިނުމަކީ އޮތް ހައްލު ނޫންކަމަށެވެ. އަލީ ހުސެއިން ވިދާޅުވީ އެންމެފަހުން ލައިސަންސް ބާތިލު ކުރާ ހިސާބަށް މިދަނީ މާލެއަށް ތޮއްޖެހުމަށް މަޑުޖެހުމެއް ނާންނާތީ ކަމަށެވެ. މިކަމަށް ހައްލު ގެނައުމަކީ ރައްޔިތުންނަށް ކުރެވޭނެ ކަމެއްނޫންކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.

ޕާކް ކުރާނެ ޖާގަ ނެތްއިރު ސްޓިކާޖަހައި، ޖޫރިމަނާކޮށް، އެންމެފަހުން ލައިސަންސް ބާތިލު ކުރާ ހިސާބަށް މިދަނީ މާލެއަށް ތޮއްޖެހުމަށް މަޑުޖެހުމެއް ނާންނާތީ. ރައްޔިތުންނަށް އަދަބު ދިނުމުގެ ބަދަލުގައި ޙަޤީޤީ މައްސަލަޔަށް ޙައްލެއް ލިބޭތޯ އުޅުން މާ ރަނގަޅުވާނެ.

– އަލީ ހުސެއިން ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާއްމުކުރި އައު ޤަވައިދު ބުނާގޮތުން ކޮންމެ ލައިސަންސެއްގައި 100 ޕޮއިންޓް ހިމެނޭނެއެވެ. އައު ޤަވައިދުގައިވާ ގޮތުން އެއްގަމު ދަތުރުފަތުރު ކުރުމުގެ ޤާނޫނުގެ ދަށުން ހަދާފައިވާ ޤަވައިދުތަކާއި ހިލާފުވާނަމަ ލައިސަންސާއިއެކު ހިމަނާފައިވާ ކްރެޑިޓް ޕޮއިންޓްތައް އުނިކޮށް އެ ޕޮއިންޓްތައް ހުސްވުމުން ލައިސަންސް ބާތިލުވާނެއެވެ.

އައު ޤަވައިދުގައިވާ ގޮތުން، ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އުޅަނދު ދުއްވުމުގެ ސަބަބުން މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބިއްޖެނަމަ އެ އުޅަނދު ދުއްވި މީހެއްގެ ލައިސަންސުން 75 ޕޮއިންޓް އުނިވާނެއެވެ. އަދި ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް ދުއްވައިގެން މީހެއްގެ ހަށިގަނޑަށް އެއްވެސް ގެއްލުމެއް ލިބިއްޖެނަމަ 50 ޕޮއިންޓް އުނިކުރާނެއެވެ. އަދި މިކުށް 2 ފަހަރަށް ވުރެ ގިނަ ފަހަރު ތަކުރާރުވެއްޖެނަމަ ކޮންމެ ފަހަރަކު 25 ޕޮއިންޓް އުނިވާނެއެވެ.

އުޅަނދު ދުއްވާ މީހާގެ އަތުން އަހަރެއްގެ ތެރޭގައި 5 އެކްސިޑެންޓަށްވުރެ ގިނައިން އެކްސިޑެންޓް ވެއްޖެނަމަ ކޮންމެ ފަހަރަކަށް 20 ޕޮއިންޓް އުނިކުރަންވެސް ޤަވައިދުގައިވަނީ ހިމަނާފައެވެ. މީގެއިތުރުން ކަނޑައެޅިފައިވާ ބާރިމުނަށްވުރެ ބާރަށް ދުއްވި ކުށް ތަކުރާރުވާނަމަ ކޮންމެ ފަހަރަކަށް 25 ޕޮއިންޓް ލައިސަންސުން އުނިވާނެއެވެ.

މީގެއިތުރުން ވަންވޭގައި ނުބައިކޮޅަށް ދުއްވުމާއި ޤަވައިދާ ހިލާފަށް ޕާކުކުރުމުންވެސް ލައިސަންސުން ޕޮއިންޓް އުނިވާނެއެވެ. ވަންވޭގައި ނުބައިކޮޅަށް ދުއްވައިފިނަމަ ނުވަތަ ޓްރެފިކް ލައިޓާއި ހިލާފުވެއްޖެނަމަ އެކުށް 2 ފަހަރަށްވުރެ ގިނައިން ތަކުރާރުކޮށްފިނަމަ ކޮންމެ ފަހަރަކަށް 10 ޕޮއިންޓް ކަނޑާނެއެވެ. އަދި ޤަވައިދާ ހިލާފަށް ޕާކުކޮށްގެން އިސްޓިކާ ޖަހާ ކޮންމެ ފަހަރަކު ވެހިކަލްގެ ވެރިފަރާތުގެ ލައިސަންސުން 5 ޕޮއިންޓް ކަނޑާނެއެވެ. ޓްރާންސްޕޯޓް މިނިސްޓްރީ ވިދާޅުވީ ޤަވައިދުތަކާއި ހިލާފުވެގެން ލައިސަންސްއިން ޕޮއިންޓް ހުސްވެ ލައިސަންސް ބާތިލުވެއްޖެނަމަ އަލުން ލައިސަންސް ނެގޭނީ 6 މަސްދުވަސް ފަހުންނެވެ. އަދި އެމީހަކަށް އަލުން ލައިސަންސް ލިބޭނީ އަލަށް ލައިސަންސް ނަގާ އުސޫލުން އިމްތިހާނުގައި ބައިވެރިވެ ފާސްވެއްޖެނަމައެވެ.

މީގެއިތުރުން އައު ޤަވައިދުގައިވަނީ ލައިސަންސް ވަގުތީ ގޮތުން ހިފެހެއްޓެނެ އުސޫލުތަކެއްވެސް ކަނޑައަޅާފައެވެ. މިގޮތުން ސްޕީޑް ލިމިޓަށްވުރެ ބާރަށް ދުއްވުމުގެ ކުށް 2 ފަހަރަށް ތަކުރާރުވެއްޖެނަމަ އެމީހެއްގެ ލައިސަންސް 48 ގަޑިއިރަށް ހިފަހައްޓާނެއެވެ. އަދި އެކްސިޑެންޓެއްވެއްޖެނަމަ ތަހުޤީގުގެ ބޭނުމަށް 7 ދުވަހަށް ލައިސަންސް ހިފެހެއްޓުމުގެ ބާރުވެސް އައު ޤަވައިދުގެ ދަށުން ލިބިގެންދެއެވެ.

އައު ޤަވައިދުގައިވާ ގޮތުން ލައިސަންސް ހިފަހައްޓާފައި ވަނިކޮށް ވެހިކަލް ދުއްވާފިނަމަ އެ އުޅަނދުގެ ވެރިފަރާތް ޖޫރިމަނާކުރުމުގެ އިތުރުން ވެހިކަލްވެސް 15 ދުވަހަށް ޓޯ ކުރާނެއެވެ. އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމާބެހޭ ގަވާއިދަށް މިމަހުގެ 15 ވަނަދުވަހުން ފެށިގެން ވަނީ އަމަލުކުރަން ފަށާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޢ ޢައްޔަ
ލައިސަންސް ނެތް މީހުންވެސް ވެހިކަލްގެ ވެރިފަރާތުގެ ގޮތުގައި ތިބޭނެ ދެން ކޯޗަކުންބާ އެ ވެހިކަލް ނުބައިކޮށް ޕާކު ކުރީމާ ޕޮއިންޓް ކަނޑާނީ
ނ ނަޒީފް
ހުރިހާ ނުބައެއް ހަދަނީ އެތަނުގަ އުޅޭ ޝިމާޒް ކިޔާމީހެ އް.މީނަ މިދެން މާ ކަންކަން އެނގޭމީހެއް. ގާނޫންތަކަށް ލަފާދެނީވެސް އޭނަ
އ އަސްމި
ކަމަނާ އަށް 2 ޑްރައިވަރުންނާ ޕާކިންގ ފްރީ ޒޯން އަދި ގޭގައިވެސް ގަރާޖް އޮތުމުން އަހަރުމެންގެ އިހްސާސް އަދި ސައިކަލުގެ ޒަރޫރީ ކަމުންވެސް ޖެއްސުން ކުރުމަކީ ހިތާމައެއް. ރައްޔަތުންނާ މަޝްވާރާ ކުރުމެއް ނެތި ޒޯނު ނުދައްކައި ފައިސާ އަތުލުމުގެ ކޮން ހައްގެއްތޯ އަތީ ކަމާނާއަށް.