ގޭގެ ކުރިމަތީގައި ހުއްޓާ ވަގަށް ނަގާ، ކިޑްނެޕްކޮށްގެން ބަޔަކު މީހުން ތުއްތު ދަރިފުޅު ގެންދިޔުމަށްފަހު، އޭގެ 24 އަހަރު ފަހުން ޗައިނާގެ ދެމަފިރިއަކަށް ގެއްލުނު ދަރިފުޅު ފެނި ދެމަފިރިންނަށް ދަރިފުޅު ލިބިއްޖެއެވެ.
ގުއޯ ގަންގޓަން އާއި އޭނާގެ އަންހެނުން ޒަހާންގ ވެންގއަށް، ދެމަފިރިންގެ ބޮޑުވެފައި ހުރި ދަރިފުޅު (މިހާރު އުމުރުން 26 އަހަރު)ފެނުމާއެކު، ރޮވިފައިތިބި ދެމަފިރިންވަނީ އުފަލުން ގޮސް ދަރިފުޅުގެ ގައިގައި ބައްދައިގެންފައެވެ.
މީގެ 24 އަހަރުކުރިން ގެއްލުނު މި ދަރުފުޅާއި އޭނާގެ މައިންބަފައިންނާއި އަލުން އެއްތަން ކުރުމަށްޓަކާ ބޭއްވުނު ހަފްލާގެ ހުރިހާ ކަމެއްވެސް ހަމަޖައްސައިދިނީ، ޗައިނާގެ އިރުމަތީ ޕްރޮވިންސެއް ކަމުގައިވާ ޝަންޑޮންގގެ ލިއޯޗެންގެ އަވަށުގައެވެ. މިއީ މިދެމަފިރިންވެސް ނިސްބަތްވާ އަވަށެވެ. މި އާއިލާ އަލުން ގުޅުވައިދުނުމަށް، ދެމަފިރިންގެ އަމިއްލަގޭގައި ފުލުހުން ބޭއްވި ކުޑަ އިހުތިފާލްގެ ވީޑީއޯ ރެކޯޑިންގެ ފުލުހުންވަނީ އާންމު ކޮށްފައެވެ.
24 އަހަރު ކުރިން ގެއްލުނު މި ދަރިފުޅު ހޯދުމަށްޓަކާ، އޭނާގެ ބައްޕަ ގުއޯ ވަނީ، އަމިއްލަ ސައިކަލުގައި ޗައިނާގެ އެތަން މިތަނުގައި އެތަކެއް ޒަމާންތަކެއް ވަންދެން ދުއްވާ ހަދާފައެވެ. އަދި ފަހުން ގުއޯ ވެގެން ދިޔައި، މިފަދައިން ގެއްލިފައިވާ ކުދިން ހޯދާ އެކުންދިންގެ މައިންބަފައިނާ ހަމައަށް ފޯރުކޮށް ދިނުމުގައި ފުލުހުންނަށް އެހީތެރިވެދޭ އެކްޓިވިސްޓަކަށެވެ.
މިމަސައްކަތުގައި އޭނާއަށް އެތައްބައެއްގެ ތައުރީފުވެސް ލިބިގެން ގޮސްފައި ވެއެވެ.
ގެއްލުނު އިރު، އުމުރުން އެންމެ 2 އަހަރާއި ބައިގެ، ގުއޯ ޒިންޒްހެން އޭނާގެ ގޭގެ ގޭޓް ކުރިމަތީ ހުއްޓާ ޖަހައިގަނެގެން ގެންގޮސްފައިވަނީ އަންހެނަކާ އޭނާ ރައްޓެހިވެގެން އުޅޭ ފިރިހެން މީހާއެވެ. މި ދެމީހުން މިކުއްޖާ ޖަހައިގަނެގެން ގެންގޮސްފައިވަނީ، ޗައިނާގެ ހުޅަގު އުތުރުގައި އޮންނަ ހެބެއި ޕްރޮވިންސްއަށެވެ. މިއީ ޗައިނާގެ ވެރިރަށް ބޭޖިންގެ ވަށައިގެން އޮންނަ ޕްރޮވިންސްއެކެވެ.
މި ޕްރޮވިންސްއަށް ގެންދިއުމަށް މި ކުއްޖާ ވިއްކާލާފައިވަނީ، ޗައިނާގެ މެދުތެރޭ ސަރަހައްދުގައި ދިރިއުޅޭ ދެމަފިރިއަކަށެވެ.
ވިޔަފާރި ކުރުމަށްޓަކާ ޗައިނާގައި ކުދިން ވަގަށް ނެގުމަކީ އާންމުކޮށް ހިގާ ކަމެކެވެ.
އަދި ޗައިނާގައި ކުޑަކުދިން ވަގަށް ނެގުމުގެ މައްސަލަ އިންތިހާއަށް ގޯސްވެގެން ދިޔައީ، އާބާދީ ކޮންޓްރޯލް ކުރުމަށްޓަކާ، 2015ވަނަ އަހަރާއި ހަމައަށް ކޮންމެ ދެމަފިރިއަކަށްވެސް އެއް ކުއްޖަކަށްވުރެ ގިނައިން ހޯދުން ޗައިނާގައި މަނާ ކޮށްފައި އޮތް އޮތުމުގެ ސަބަބުންނެވެ. ނަތީޖާއެއްގެ ގޮތުން ދެމަފިރިން މުސްކުޅި ވާދުވަހު ބަލާނެ ކުދިން ހޯދުމަށްޓަކާ ޗައިނާގައި ފިރިހެން ކުދިން ވިއްކުން ވެގެން ދިޔައީ އާންމު ވަމުންނެވެ.

ޗައިނާގެ ފުލުހުންނަށް ގުއޯ ޒިންޒްހެން އެންމެ ފުރަތަމަ ފާހަގަ ވެފައިވަނީ، ފާއިތުވި ޖޫންމަހު އޭނާގެ ބޮޑުވެފައި ހުންނަ އިރު ވައްތަރުވެދާނެ ކަމަށް ބެލެވޭ މީހުންގެ ފޮޓޯތައް ހޯދުމަށްޓަކާ، ޑޭޓާބޭސްތައް ބަލަމުން ދަނިކޮށް ކަމަށް، ޕޮލިސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.
އޭނާގެ އައިޑެންޓިޓީ ޔަގީން ކުރެވިފައިވަނީ ހެދުނު ޑީއެންއޭ ޓެސްޓް ތަކުންނެވެ. މިނިސްޓްރީ ބުނެގައިވަނީ، މި މިހާރު އުމުރުން 26 އަހަރުގެ މި ކުއްޖާ ވަގަށް ނެގި އަންހެން މީހާއާއި އޭނާ ރައްޓެހިވެގެން އުޅޭ ފިރިހެން މީހާ ހައްޔަރު ކުރެވި އެމީހުންގެ މައްޗަށް 3 ކުއްޖަކު ވަގަށް ނެގިކަމުގެ ތުހުމަތު މިހާރުވަނީ ކުރެވިފައެވެ.
އެމީހުންގެ ޝަރީއަތްތައް ފެށުމަށް ހަމެޖެހިފައިވާއިރު، އެމީހުންގެ މައްޗަށް މަރުގެ ހުކުމްވެސް އައުމުގެ ފުރުސަތު އެބަ އޮތެވެ.
މިހާރު އުމުރުން 51 އަހަރުގެ ގުއޯ ގަންގޓަން އެންމެ ފުރަތަމަ އޭނާގެ ދަރިފުޅު ހޯދުމުގެ މަސައްކަތް ފަށާފައިވަނީ އޭނާގެ ދަރިފުޅުގެ ފޮޓޯޖެހި ދިދައެއް ހިފައިގެން އޭގައި ދަރިފުޅާ ބެހޭ ތަފްސީލްތައް ހިމަނައިގެންނެވެ. އޭތެރޭގައި ދަރިފުޅުގެ ވާތުފައިގެ ބޮޑުވާ އިގިލީގައި ހުރި ލަކުނެއްގެ ވާހަކަ އޭނާ ޚާއްސަކޮށް ލިޔެފައި ވެއެވެ.
އުއޯގެ ސޯޝަލް މީޑިއާ އެކައުންޓުގައި އޭނާ ލިޔެފައިވާ ގޮތުގައި، ގެއްލުނު އޭނާގެ ދަރިފުޅު ހޯދުމަށްޓަކާ ޗައިނާގެ 34 ޕްރޮވިންސްގެ ތެރެއިން 30 ޕްރޮވިންސެއްގައި ދުއްވާ، މިހާތަނަށް އައިއިރު އޭނާއަތުން 10 ސައިކަލް ބާވެ ހަލާކު ވެގެން ގޮސްފައި ވެއެވެ.
އުމުރުން މިހާރު 26 އަހަރުވެފައިވާ ގުއޯ ޒިންޒްހެން ބުނެގައިވަނީ އޭނާ ދިރިއުޅެން ބޭނުންވަނީ ހެނާން ޕްރޮވިންސްގައި ކަމަށާއި އެހެންނަމަވެސް، އޭނާގެ އުފަން މަންމައާއި ބައްޕަގެ ގާތަށް އަބަދުވެސް ޒިޔާރަތް ކުރާނެ ކަމަށެވެ.
ކޮމެންޓު ފޮނުވާ