ނެދަރލޭންޑްސްގައި، ބޮޑެތި ޖަރީމާތައް ރިޕޯޓުކޮށް، ދިރާސާ ކުރުމަށް މަޝްހޫރު ރިޕޯރޓަރ ޕީޓަރ ޑިވްރީސް، ބަޔަކު ބަޑިން ދިން ހަމަލާތަކެއްގައި ސީރިއަމް ޒަޚްމަތަކެއް ލިބި، ފަރުވާ ދެމުންދަނިކޮށް މަރުވެއްޖެއެވެ.
މީގެ 9 ދުވަސްކުރިން ނޫސްވެރިޔާ ޕީޓަރ ޑިވްރީސްއަށް ހަމަލާ ދީފައިވަނީ ނެދަރލޭންޑްސްގެ ސެންޓްރަކް އެމްސްޓަރޑަމްގައެވެ.
"ޕީޓަރ ވަނީ އެންމެ ފަހު ވަގުތާހަމައަަށްވެސް މަރާ ހަނގުރާމަ ކޮށްފަ، އެހެންނަމަވެސް ކާމިޔާބެއް ނުވި،" ޕީޓަރ ޑިވްރީސްގެ އާއިލާގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.
މި ޖުލައި މަހުގެ 6 ވަނަ ދުވަހު، ޕީޓަރ ޑިވްރީސްއަށް ދިން ބަޑީގެ ހަމަލާތައް ވެގެންދިޔައީ މުޅި ނެދަރލޭންޑަށް ލިބިގެންދިޔަ ކުއްލި ސިހުމަކަށެވެ. މިހަމަލާ ދިންކަމަށް ތުހުމަތު ކުރެވޭ ދެމީހަކު ވަނީ ހައްޔަރު ކޮށްފައެވެ.
އެތައް އަހަރެއްވަންދެން، ނެދަރލޭންޑްސްގައި ހިނގާފައިވާ ބޮޑެތި ޖަރީމާތައް، އެއްވެސް ޖެހިލުމެއް ނެތި، ތަހުގީގީ ނަޒަރަކުން ރިޕޯޓު ކުރަމުންއައި ޕީޓަރ ޑިވްރީސް ދާދި ފަހުން ވަނީ، އެގައުމުގެ ޑްރަގް ލޯޑުންނާއި އަދި ބޮޑެތި ގޭންގުތަކާ ގުޅުންހުރި ބައެއް މައްސަލަތައް ދިރާސާކޮށް ރިޕޯޓު ކޮށްފައެވެ.
އުމުރުން 64 އަހަރުގެ ޑިވްރީސްއަށް ޖުލައިމަހުގެ 6 ވަނަ ދުވަހު ބަޑިން ހަމަލާ ދީފައިވަނީ، އޭނާ ޓީވީ ސްޓޫޑިއޯއަކުން ނުކުތްތަނާއެވެ. ހަމަލާ އަމާޒު ވެފައިވަނީ އޭނާގެ ބޮލަށެވެ.
އެނާއަށް ގިނަ ބައެއްގެ ތައުރީފް ލިބިގެން ގޮސްފައިވަނީ، އެއްވެސް ޖެހިލުމެއް ނެތި އޭނާ އާންމުކޮށް ރިޕޯޓުކުރާ، އަޑި ނޭގޭ ބޮޑެތި ޖަރީމާތަކުގެ ސަބަބުންނެވެ. މީގެ ތެރޭގައި 1983 ވަނަ އަހަރު ނެދަރލޭންޑސްގައި ހިގި، ބިޔަރުގެ ވިޔަފާރި ކުރާ މަޝްހޫރު ބިލިއަނަރ ކިޑްނެޕް ކުރި ހާދިސާ ހިމެނެއެވެ.
"އޭނާގެ ވަށައިގެންވާ ހުރިހާ އެންމެންވެސް އޭނާ ދެކެ ލޯބިވޭ،" އާއިލާގެ ފަރާތުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
އޭނާ މަޝްހޫރުވެފައި ވަނީ، ކަމުގެ ހަގީގަތް ހޯދުމަށް އުދަގޫ، ބޮޑެތި ޖަރީމާތައް ރިޕޯޓު ކުރުމަށް އޭނާ އަބަދުވެސް ކުރަމުންދާ މަސައްކަތްތަކާ ގުޅިގެންނެވެ. އަދި އޭނާއަކީ، މިފަދަ ހާދިސާތަކުގެ ޝިކާރައަކަށްވާ އާއިލާތަކަށްވެސް އެތަކެއް އެހީތެރިކަމެއް ފޯރުކޮށް ދީފައިވާ މީހެކެވެ.
މިގޮތުން އޭނާގެ ނޫސްވެރިކަމުގެ ހަޔާތުގައި އޭނާވަނީ، މީހުން މެރުމުގެ ބޮޑެތި ހާދިސާތަކާ ގުޅޭ 500 ހާދިސާ ތަހުގީގު ކޮށްފައެވެ. އަދި މިގޮތުން އޭނާ ކުރި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، މީހުންގެ މެރުންފަދަ ބޮޑެތި ބައެއް ޖަރީމާތަކުގެ ހަގީގަތްތައް ހޯދުމުގެ މުހިންމު ވަސީލަތަކަށްވެސް އޭނާ ވެފައި ވެއެވެ.
ކޮމެންޓު ފޮނުވާ