ޢަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމާ ގުޅޭ މައްސަލަ ހައިކޯޓުން ބަލައިނުގަތުމުން ނިންމެވުން މުރާޖަޢާ ކޮށްދިނުމަށް އެދިއްޖެ

ޢަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމާ ގުޅޭ މައްސަލަ ހައިކޯޓުން ބަލައިނުގަތުމުން ނިންމެވުން މުރާޖަޢާ ކޮށްދިނުމަށް އެދިއްޖެ

Author
ޢަލީ އާދަމް
14 ޖުލައި 2021 09:14
0

ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ނެރެނުދޭން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފްކުރި މައްސަލަ ބަލައިނުގަތުމަށް އެކޯޓުގެ ރަޖިސްޓްރަރ ނިންމެވިނިންމެވުން މުރާޖަޢާ ކޮދިނުން އެދި ޕީޖީ އޮފީހުން ހުށަހަޅައިފި އެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޢަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމާ ގުޅޭގޮތުން ކްރިމިނަލް ކޯޓުން ނިންމެވި ނިންމެވުން ޕީޖީ އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފްކުރި މައްސަލަ ބަލައިނުގަތުމަށް އެކޯޓުގެ ރަޖިސްޓްރަރ ނިންމެވުމުން، އެ ނިންމެވުން މުރާޖަޢާ ކޮށްދެއްވުން އެދި ހައިކޯޓުގެ ގަވާއިދުގެ 17 ވަނަ މާއްދާގެ (ހ) ގެ ދަށުން މިއަދު އެކޯޓަށް ހުށަހަޅާފައި ވާކަމަށެވެ.

އަލީ ވަހީދު ރާއްޖެ ދޫކޮށް ފިލައިގެން ގޮސްފައިވަނީ ކޯޓުން އޭނާގެ ޕާސްޕޯޓް ދޫކޮށްލުމަށް ނިންމުމުން ހަމަ އެރޭގެ ވަގުތެއްގައެވެ. އަލީ ވަހީދުގެ މައްސަލާގައި އޭނާގެ ޕާސްޕޯޓް އަލުން ހިފަހައްޓާދިނުމުގެ އަމުރެއް ނެރެދިނުމަށް ފުލުހުން ކްރިމިނަލް ކޯޓަށް ހުށައެޅި މިދިޔަ ޖޫން މަހުގެ 23 ވަނަދުވަހުއެވެ. ނަމަވެސް އެކޯޓްގެ ގާޒީ ހަސަން ސައީދު މިމަހުގެ 4 ވަނަ ދުވަހު ނިންމަވާފައިވަނީ އެ ފަދަ އަމުރެއް ނެރެދެވެން ނެތްކަމަށެވެ.

މިނިސްޓަރ އޮފް ޓޫރިޒަމްގެ މަޤާމުގައި ޢަލީ ވަޙީދު ހުންނެވި އިރު އޭނާގެ މައްޗަށް ތުހުމަތުކުރެވުނު ޖިންސީ ފުރައްސާރަކުރުމާއި، ޖިންސީ ގޯޯނާކުރުމުގެ މައްސަލަތަކުގައި ހަތް ދައުވާއެއް އުފުލާ އެ މައްސަލަތަކުގެ ޝަރީއަތްތައްވަނީ ފަށާފައެވެ.

އަލީ ވަހީދުގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ ޝަރީއަތުގައި އޭނާ ބައިވެރިވުމަށް އެދިވަޑައިގެންފައިވަނީ އިންގިރޭސިވިލާތުގައި ހުންނަވައިގެން އޮންލައިންކޮށެވެ. އަދި ކްރިމިނަލް ކޯޓުން މިގޮތަށް ހަމަޖައްސާދެއްވުމުން އިންގިރޭސިވިލާތުގައި ހުންނަ ހައިކޮމިޝަންގައި އެ މައްސަލައިގެ އަޑުއެހުމެއް އޮންލައިންކޮށް ވަނީ ބާއްވާފައެވެ. އެހެންނަމަވެސް އެ ގޮތަށް ޝަރީއަތް ކުރިޔަށް ގެންދިޔުމަކީ ޤާނޫނާއި ހިލާފުކަމެއްކަމަށް ބުނެ ދައުލަތުން ވަނީ އެ މައްސަލަވެސް ހައިކޯޓްގައި އިސްތިއުނާފުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.