ޕާކިސްތާނުގެ ހުޅަނގު އުތުރުގެ ޑިސްޓްރިކްޓެއް ކަމުގައިވާ އުއްޕަރު ކޮހިސްތާނުގައި ދުއްވަމުންދިޔަ ބަޔަހަކަށް އަަމާޒުކޮށް ދިން ބޮމުގެ ހަމަލާއެއްގައި 10 މީހަކު މަރުވެއްޖެއެވެ. މަރުވި މީހުންގެ ތެރޭގައި ބަހުގައި ދަތުރު ކުރަމުންދިޔަ ޗައިނާގެ 6 މިހަކާއި އަދި ޕާކިސްތާނު ސިފައިންގެ މީހަކުވެސް ހިމެނޭކަމަށް ލޯކަލް މީޑިއާތަކުން ރިޕޯޓު ކޮށްފައި ވެއެވެ. މިހާދިސާގައި އިތުރު 39 މީހަކު ވަނީ ޒަޚަމްވެފައެވެ.
ރޮއިޓާސްއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، މި ބޮން ގޮއްވާލާފައިވަނީ، ބަހުގައި ހަރުކޮށްގެން ކަމެއް ނުވަތަ، "ރޯޑް ސައިޑް" ބޮމެއްގެ ގޮތުގައި ކަމެއް އަދި ޔަގީން ކުރެވިފައެއް ނުވެއެވެ.
ޕާކިސްތާނުގެ ސީނިއަރ އޮފިޝަލުން ރޮއިޓާސްއަށް މައުލުމާތު ދީފައިވާ ގޮތުގައި، މިހަމަލާގައި ޒަޚްވި މީހުން ކައިރި ހޮސްޕިޓަލްތަކަށް ގެންދިއުމުގެ މަަސައްކަތް މީހުން ސަލާމަތްކުރާ ފަރާތްތަކުން މިހާރު ދަނީ ކުރަމުންނެވެ.
ޕާކިސްތާނުގެ ހަޒާރާ ރީޖަންގެ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިޝަލަކު ރޮއިޓާރސްއަށް މައުލުމާތު ދެމުން ބުނެފައިވަނީ، ޕާކިސްތާންގެ އުއްޕަރު ކޯހިސްތާންގެ ދެސު ޑޭމްގައި މަސައްކަތް ކުރާ ޗައިނާގެ 30 އިންޖިނޭރަކު އެސަރަހައްދަށް މިބަހުގައި ދިޔައީ ދަތުރު ކުރަމުންނެވެ.
ދެސު ހައިޑްރޯ އެލެކްޓްރިކް ޕްރޮޖެކްޓަކީ ޗައިނާ – ޕާކިސްތާން އިކޮނޮމިކް ކޮރިޑޯ (CPEC)ގެ ތެރޭގައި ހިމެނޭ މުހިންމު ޕްރޮޖެކްޓެކެވެ.
65 ބިލިއަން ޑޮލަރުގެ މި އިންވެސްޓްމަންޓް ޕްލޭންއަކީ، ބޭޖިންއިން ކުރިޔަށް ގެންދާ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގެ ބައެކެވެ. ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގެ މަގުސަދަކީ، ޕާކިސްތާންގެ ދެކުނުގައި އޮންނަ ޖީވަޑަރ ސީ ޕޯޓާއި ޗައިނާގެ ހުޅަގުގެ ސަރަހައްދުތަކާ ގުޅުވާލުމެވެ.
ކޮމެންޓު ފޮނުވާ