އެމެރިކާގެ ރައީސް ޖޯ ބައިޑްން

އެމެރިކާއިން އަފްއާނިސްތާނުގައި ކުރަމުން އައި ހަގުރާމަ އޮގަސްޓް 31ގައި ނިމުމަކަށް އަނާނެ: ބައިޑްން

އެމެރިކާއިން އަފްއާނިސްތާނުގައި ކުރަމުން އައި ހަގުރާމަ އޮގަސްޓް 31ގައި ނިމުމަކަށް އަނާނެ: ބައިޑްން

އެމެރިކާއިން، 20 އަހަރުވެންދެން އަފްއާނިސްތާނުގައި ކުރަމުން އައި ހަގުރާމަ، އަންނަ އޮގްސްޓުމަހުގެ 31ވަނަ ދުވަހު ނިމުމަކަށް އަންނާނެ ކަމަށް، އެމެރިކާގެ ރައީސް ޖޯ ބައިޑްން ބުރާސްފަތި ދުވަހު ވިދާޅު ވެއްޖެއެވެ.

"އަހަރެމެން އަފްއާނިސްތާނަށް ދިޔައީ އެގައުމު ބިނާ ކުރާކަށް ނޫން،" އަފްއާނިސްތާނުގައި އެމެރިކާ ކުރަމުން އައި ހަގުރާމަ މުޅިން ނިމުމަކަށް ގެނައުމަށް ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ދެއްވަމުން ބައިޑްން ވިދާޅުވިއެވެ. "އަފްއާނިސްތާނުގެ ވެރިން އެކަތިގަޑެއްގެ ގޮތުގައި، މުސްތަގުބަލެއް ހޯދުމަށް މަސައްކަތް ކުރަން ޖެހޭނެ."

އަފްއާނިސްތާނުގެ ބައެއް ސަރަހައްދުތަކުގައި، އެގައުމުގެ ސަރުކާރާ ދެކޮޅަށް ހަގުރާމަ ކުރަމުންދާ ތާލިބާނުން، ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން ދަނިކޮށް، އަފްއާނިސްތާނުގައި އެމެރިކާއިން ކުރިޔަށް ގެންދަމުންދިޔަ މިލިޓަރީ ހަރަކާތްތައް ނިމުމަކަށް ގެންނަން ނިންމެވި ސަބަބުތައްވެސް ބައިޑްން ވަނީ ހާމަކުރައްވާފައެވެ.

އަފްއާނިސްތާނުގައި އެމެރިކާއިން ކުރިޔަށް ގެންދެމުންއައި ހަގުރާމަ މުޅިން ނިންމާލުމުގައި ބައިޑްންގެ ވިސްނުން އޭނާ ހާމަ ކުރައްވާފައިވާއިރު، ފާއިތިވެދިޔަ ދުވަސްތަކުގައި، މިހާގުރާާމަ ހުއްޓާލުމަށް އެމެރިކާއިން ނިންމި ނިންމުމަކީ، ބައިޑްގެ ނިންމެވުމެއްކަން ދުނިޔެއަށް ދެއްކުމަށް ބައިޑްންގެ ސަރުކާރުން ވަނީ މަސައްކަތް ކޮށްފައެވެ.

އެމެރިކާ ސަރުކާރުން ދުނިޔެއަށް ހާމަކޮށްދޭން މަސައްކަތް ކޮށްފައިވަނީ، އެމެރިކާއިން 20 އަހަރު ވަންދެން އަފްއާނިސްތާނުގައި ކުރަމުން އައި ހަގުރާމަ ނިންމާލުމަށް އެމެރިކާއިން ނިންމި ނިންމުމަކީ، މިއީ "ކާމިޔާބު ނުކުރެވޭނެ، އަދި އަސްކަރީ ހައްލެއް ނެތް" ހަގުރާމައެއްގެ ގޮތުގައި ބައިޑްންއަށް ގަބޫލުކުރެވިގެން ނިންމެވި ނިންމެވުމެއް ކަމުގައެވެ.

"އެމެރިކާގެ ކިހާ ރައްޔިތުންނެއް؟ ކިތައް ރައްޔިތުންގެ ދަރިން ބޮޑެތި ރިސްކުތަކަށް ހުށަހެޅުމަށް ބޭނުންވަނީ؟" މި ހަގުތާރަ ނިންމާ ނުލާ އިތުރަށް އަދިވެސް ކުރިޔަށް ގެންދިއުމަށް ގޮވާލަމުންދާ ފަރާތްތަކާ މުޚާތަބްކޮށް ބައިޑްން ވިދާޅުވިއެވެ.

"އެކަށީގެންވާ އިތުރު އެހެން މަގުސަދެއް ހާސިލްކުރުމަށް މެނުވީ، އެމެރިކާގެ އިތުރު ޖީލެއް އަފްއާނިސްތާނުގައި ހަގުރާމަ ކުރަން އަހަރެން ނުފޮނުވާނަން،" ބައިޑްން އިތުރަށް ވިދާޅުވިއެވެ.

ބައިޑްން ވިދާޅުވި ގޮތުގައި އޭނާ ތާލިބާނުންނަށް އިތުބާރު ނުކުރިނަމަވެސް، އަފްއާނިސްތާންގެ އަސްކަރިއްޔާއަށް އެގައުމު ދިފާޢު ކުރެވޭނެ ކަމުގެ ޔަގީންކަން އޭނާ އޮތް ކަމުގައެވެ.

ބައިޑްން އިތުރަށް ވިދާޅުވީ، އެމެރިކާއިން އަފްއާނިސްތާން ދޫކޮށް ދިއުމަށްފަހު، އެއް ސަރުކާރަކަށް އެގައުމުގެ ބެލެހެއްޓުމަކީ އެކަށީގެންވާ ކަމަކަށް ނުވެދާނެ ކަމަށާއި، އެހެންކަމުން އަފްއާނިސްތާނުގެ މިހާރުގެ ސަރުކާރުން އެގައުމުގައި ހަގުރާމަ ކުރަމުންދާ ތާލިބާނުންނާ އެކީ ސުލްހަ ވުމަކީ މުހިންމު ކަމެއް ކަމުގައެވެ.

ބައިޑްން ވިދާޅުވި ގޮތުގައި، އެމެރިކާ ސިފައިން އަފްއާނިސްތާނުން ފޭބުމަށްފަހު، ހަގުރާމަ ނިމިއްޖެކަން އިއުލާންކުރުމުގެ ރަސްމިއްޔާތެއް ބޭއްވުމަށް ހަމަޖެހިފައެއް ނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *