އެމެރިކާގެ ޖޯން ހޮޕްކިންސް ޔުނިވަރސިޓީން އާންމު ކުރި ރަސްމީ ހިސާބުތަކުން ދައްކާ ގޮތުގައި، ކޯވިޑް19ގައި ދުނިޔެއިން މަރުވި މީހުންގެ އަދަދު 4 މިލިއަނަށް އަރައިފިއެވެ.
މި ހިސާބުތަކުން ދައްކާ ގޮތުގައި، ކޯވިޑް ބަލީގައި މުޅި ދުނިޔެއިން މަރުވި މީހުންގެ ތިން ބައިކޮށްފަ އެއްބައި ހިއްސާކުރަނީ، ދުނިޔޭގެ ތިން ގައުމަކުންނެވެ. މިގޮތުން ދުނިޔޭގައި މިބަލީގައި އެންމެ ގިނަ އަދަދެއްގެ މީހުން މަރުވެފައިވަނީ އެމެރިކާގައެވެ. އެގައުމުގެ 606،000 މީހުން މަރުވެފައިވާއިރު، އެއީ މުޅި ދުނިޔެއިން ބަލީގައި މަރުވެފައިވާ މީހުންގެ %15 އެވެ. އެމެރިކާގެ ފަހަތުން ދެން އެންމެ ގިނަ އަދަދަކަށް މީހުން މަރުވެފައިވަނީ ބްރެޒިލް ދެން އިންޑިއާގައެވެ.
މުޅި ދުނިޔެއިން ކޯވިޑް ބަލީގައި މަރުވެފައިވާ މީހުންގެ އަދަދު 4 މިލިއަނަށް އަރާފައިވާއިރު، އެމެރިކާ އަދި ޔޫރަޕް ބައްރުގައި، މިބަލީގައި މަރުވަމުންދާ މީހުންގެ ނިސްބަތް މިހާރުވަނީ ވަރަށް ބޮޑުތަނުން ދަށަށް ދާން ފަށާފައެވެ. މި ސަރަހައްދުގެ ގައުމުތަކަކީ ގިނަ އަދަދަކަށް ކޯވިޑް ވެކްސިން އެގައުމުތަކުގެ ރައްޔިތުންނަށް ފޯރުކޮށް ދީފައިވާ ގައުމުތައްކަން ފާހަގަ ކޮށްލެވެއެވެ.
އެހެންނަމަވެސް، ތަރައްގީވަމުން އަންނަ ގައުމުތައް ކަމުގައިވާ، އިންޑޮނޭޝިއާ ފަދަ ބައެއް ގައުމުތައް އަދިވެސް ދަނީ، މިބަލީގެ ނުރައްކާތެރި ރާޅުތަކާއި ހަގުރާމަ ކުރަމުންނެވެ. އިންޑޮނޭޝިއާއިން އަދިވެސް މަސައްކަތް ކުރަމުންދަނީ، އެގައުމުގެ ރައްޔިތުންނަށް އެކަށީގެންވާ ވަރަށް ވެކްސިން ހޯދުމަށެވެ.
އަދި މީގެ އިތުރުން، އޭޝިއާ އަދި ސައުތު އޭޝިއާ ސަރަހައްދުގައި، ކޯވިޑް ބަލީގެ ހާލަތު ގޯސްގެން ދިއުމުގެ އެންމެ ބޮޑު ދައުރެއް އޮތީ، ފަހަކަށް އައިސް އިންޑިއާއިން ފެނުނު، ކޯވިޑް19ގެ އަސްލު ވައިރަހަށްވުރެވެސް ނުރައްކަތެރި، އަދި ފަސޭހައިން ގައިން ގަޔަށް ފެތުރޭ ޑެލްޓާ ވޭރިއެންޓްގެ ސަބަބުންނެވެ.
އެމެރިކާގެ ސެންޓަރ ފޯރ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (CDC)ގެ އެންމެ ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި، އެމެރިކާގައި މިހާރު ކޯވިޑް19އަށް ޕޮޒިޓިވް ވަމުންދާ މީހުންގެ %50 އަށްވުރެ ގިނަ މީހުން ޕޮޒިޓިވް ވަމުންދަނީ ޑެލްޓާ ވޭރިއެންޓްގެ ސަބަބުންނެވެ.
ޖޯން ހޮޕްކިންސް ޔުނިވަރސިޓީގެ އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން، އެމެރިކާގައި ފާއިތުވެދިޔަ ހަފްތާގައިވެސް ކޮންމެ ދުވަހަކު ކޯވިޑް ބަލީގައި އެވެރޭޖްކޮށް 7،900 މީހަން ވަނީ މަރުވެފައެވެ.
މިއީ، މުޅި ދުނިޔޭގައިވެސް މިބަލީގެ ހާލަތު އެންމެ ގޯސްވެގެން ދިޔައިރު، މިއަހަރުގެ ޖުނުއަރީމަހު، ދުވާލަކަށް 14،700 މީހުން މަރުވަމުން ދިޔަ ނިސްބަތަށްވުރެ %46 ދަށް އަދަދެކެވެ. އެހެންނަމަވެސް، އަދިވެސް މިއީ ފާއިތުވެދިޔަ އަހަރުގެ މި ދުވަސްވަރަށްވުރެ، މީހުން ވަމުންދާ ނިސްބަތް %57 މަތީ އަދަދެކެވެ. ފާއިތުވެދިޔަ އަހަރު މިދުވަސްވަރު އެމެރިކާގައި ކޯވިޑް ބަލީގައި މީހުން މަރުވަމުން ދިޔަ ނިސްބަތަކީ އެވްރެޖްކޮށް ދުވާލަކަށް 5،000 މީހުންނެވެ.
ދުނިޔޭގައި ކޯވިޑް ބަލީގައި މީހުން މަރުވި އަދަދު 1 މިލިއަނަށް އަރާފައިވަނީ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މުޅި ދުނިޔޭގައި 2019ވަނަ އަހަރު ޑިސެމްބަރު މަހު ފެތުރެންފެށި ކޯވިޑް19އަކީ، އާލަމީ ވަބާއެއްގެ ގޮތުގައި އިއުލާންކުރިތާ 191 ދުވަސްފަހުން، 2018 ވަނަ އަހަަރު ސެޕްޓެމްބަރ މަހުގެ 18 ވަނަ ދުވަހުއެވެ. އަދި އެއަށްފަހު، ދުނިޔޭގައި މިބަލީގައި މަރުވި މީހުންގެ އަދަދ 2 މިލިއަނަށް އަރާފައިވަނީ ޖެހިގެން އައި 115 ދުވަހުގެ ތެރޭގައެވެ.
އަދި މީހުން މަރުވި އަދަދު ޖެހިގެން އައި 88 ދުވަހުގެ ތެރޭގައި 3 މިލިއަނަށް އަރާފައިވާއިރު، މީހުން މަރުވި އަދަދު 4 މިލިއަނަށް އަރާފައި ވަނީ އޭގެ 89 ދުވަސް ފަހުންނެވެ.
ކޮމެންޓު ފޮނުވާ