މާލޭގެ ސްކޫލްތައް ހުޅުވާ މަތީ ގްރޭޑްތަކުގެ ދަރިވަރުންނަށް އެއް މަސްދުވަހަށްފަހު ކިޔަވައިދޭން ފަށައިފިއެވެ.
ކޯވިޑް-19ގެ މި ހާލަތަށް ރިއާޔަތްކޮށް، ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ ލަފާގެ މަތީން، މިއަދު މާލޭސިޓީގެ ސްކޫލްތަކުގައި ކީ ސްޓޭޖް ހަތަރަކާއި ފަހެއްގެ (ގްރޭޑް 9-12އަށް) ދަރިވަރުންގެ ކިޔެވުން ފަށާފައިވާއިރު މީގެ ކުރިން މާލެ ސިޓީގެ ދަރިވަރުންނަށް ކިޔަވައިދެމުން އައިސްފައިވަނީ އޮންލައިންކޮށްނަމަވެސް އޭލެވެލް އިމްތިހާނަށް ދަރިވަރުން ތައްޔާރުކުރުމުގެ ގޮތުން އެދަރިވަރުން ބައެއް ގަޑިތަކުގައި ސްކޫލަށް ގެންގޮސްގެން ވަނީ ކިޔަވާދީފައެވެ.
ސްކޫލްތަކުގައި މިހާރު ކިޔަވައިދެމުންދަނީ ކޮންމެ ކީ ސްޓޭޖަކަށް ހަތަރު ގަޑިއިރުކަނޑައަޅައިގެންނެވެ. އަދި އެ ވަގުތުތަކުގައި އެންމެ ގިނައިން ވެސް ކިޔަވައިދެވޭނީ ހަތަރު މާއްދާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. ކޮންމެ މާއްދާއެއް ކިޔަވައިދިނުމަށް ކަނޑައަޅާފައިވަނީ 45 މިނެޓެވެ. އަދި ބާކީ ހުރި ވަގުތުތައް ހަމަޖައްސާފައި ވަނީ ސިއްޙީ އެސެސްމަންޓުތައް ހެދުމާއި އެސެމްބްލީ އާއި އަތް ދޮވުން ފަދަ ކަންކަމަށެވެ. އެހެންނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން ދާދިފަހުން ވަނީ އަތޮޅުތަކުގެ ސްކޫލްތަކުގައި ކިޔަވައިދޭ ގަޑި 5 ގަޑިއިރަށް ބަދަލުކޮށްފައެވެ.
ކޯވިޑް-19 އާ ގުޅިގެން މިދިޔަ މާޗު މަހުގެ ތެރޭގައި ސްކޫލުތަކުގެ ކިޔެވުން މެދުކަނޑާލައި ކުދިންނަށް ކިޔަވައި ދިނުމުގެ ކަންކަން ކުރިއަށް ގެންދަނީ ޓެލިކިލާސް މެދުވެރިކޮށް އަދި އޮންލައިންކޮށް ގޫގްލް ކްލާސްރޫމާއި ވައިބާ މެދުވެރިކޮށެވެ. ނަމަވެސް، ޖުލައި މަހު، މާލެ ސަރަހައްދުގެ ސްކޫލުތައް ފިޔަވައި އެހެން ހުރިހާ ރަށްތަކުގެ ސްކޫލުތަކުގައި ގްރޭޑް 1 އިން ގްރޭޑް 12 އަށް ކިޔަވައިދޭން ވަނީ ފަށާފައެވެ. އަދި މާލެ ސަރަހައްދުގެ ސްކޫލުތަކުގައި ގްރޭޑް 9 އިން ގްރޭޑް 12ގެ ދަރިވަރުންނަށް ކިޔަވައިދޭންފަށާފައިވެއެވެ.
މާލެ ސަރަހައްދުގެ ސްކޫލުތަކުގެ ދަރިވަރުންނަށް ކިޔަވައިދޭން ފެށިނަމަވެސް މާލެ ސަރަހައްދުގައި ކޮވިޑް ފެތުރުން އިތުރުވެފައި ވާތީވެ، ފަހުން މާލޭގެ ސްކޫލްތައް ވަގުތީ ގޮތުން ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދިނުން ކުރިއަށް ގެންދެވުނެވެ. އެންމެ ފަހުން މާލެ ސިޓީގެ ސްކޫލުތައް އިތުރު 2 ހަފުތާއަށް ބަންދު ކޮށްފައި ވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހެވެ.
ކޮމެންޓު ފޮނުވާ