ރާއްޖެ ކައިރިން ދަތުރުކުރަމުންދާ ބޭރުގެ އާގު ބޯޓެއްގައި އޮތް ހާލުބޮޑު ބަލި މީހަކު އެމްއެންޑީއެފް ސަދަން އޭރިއާގެ އެހީތެރިކަމާއެކު އައްޑޫ ސިޓީ ފޭދޫއަށް ގެންގޮސްދީފި އެވެ.
އެމެރިކާ އިން ފުރައިގެން ޓައިވާނަށް ދަތުރުކުރަމުންދާ ހޮންކޮންގގެ "އެމް.ޓީ – ނިއު މެލޮޑީ" ނަމަކަށްކިޔާ އާގު ބޯޓުގައި އޮތް ހާލުބޮޑު ބަލި މީހަކު ސިއްހީ އަވަސް ފަރުވާއަށް ބޭނުންވެގެން ދިވެހި ސިފައިންގެ އެހީތެރިކަމަށް އެދުނީ މިމަހުގެ 26 ވަނަ ދުވަހުގެ 21:58 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ހުއްދައާއިއެކު މި ބޯޓު ސ.ގަމުގެ އިރުން 8 ނޯޓިކަލް މޭލާއި ހަމައަށް ކައިރިކުރުމުން އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން ވަނީ ބޯޓު އޮތް ސަރަހައްދަށް ގޮސް އެ ބަލި މީހާ ކޯސްޓްގާޑް ލޯންޗަށް ނަގާފައެވެ. އަދި އޭނާ މިހާރު އައްޑޫ ސިޓީ ފޭދޫއަށް ގެންގޮސްދީފައި ވާކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
ޗައިނާގެ ރައްޔިތެއްކަމަށްވާ އުމުރުން 27 އަހަރުގެ މި ފިރިހެން މީހާ އައްޑޫ ސިޓީ ފޭދޫއަށް ގެންގޮސްފައި ވަނީ މިއަދު 11:27 ހާއިރުއެވެ.
ކޮމެންޓު ފޮނުވާ