ޖަޕާނުގެ އެހީގައި ބިނާކުރި އެމްއާރުސީސީގެ އައު އިމާރާތް ރައީސް ހުޅުއްވައިދެއްވައިފި

ޖަޕާނުގެ އެހީގައި ބިނާކުރި އެމްއާރުސީސީގެ އައު އިމާރާތް ރައީސް ހުޅުއްވައިދެއްވައިފި

Author
އަހުމަދު
27 ޖުލައި 2026 07:21
0

އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ)ގެ އައު އިމާރާތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހުޅުއްވައިދެއްވައިފިއެވެ.

ވިލިމާލޭގައި ހުންނަ އެމްއާރުސީސީގައި ބޭއްވި މި ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމުން، އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ދިފާޢީ ވަޒީރު ޙަސަން ރަޝީދާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ. ރަސްމިއްޔާތުގައި ރައީސް ވަނީ އައު އިމާރާތުގެ ނަން ކަޝްފުކޮށްދެއްވައި، އިމާރާތުގެ އޮޕްސްރޫމާއި އޮޕަރޭޝަނަލް ޤާބިލުކަން ބައްލަވާލައްވާފައެވެ. އަދި ސެންޓަރުގެ ގޯތިތެރޭގައި ހަނދާނީ ގަހެއް އިންދަވައިދެއްވިއެވެ.

މި އިމާރާތަކީ ޖަޕާން ސަރުކާރުގެ ދީލަތި އެހީތެރިކަމާއެކު 2022 ވަނަ އަހަރު ބިންގާ އަޅައި، ޔޫއެންއޯޑީސީގެ ވިލަރެސްކުރުމުގެ ދަށުން ބިނާކޮށްފައިވާ އިމާރާތެކެވެ. ސެންޓަރަށް ބޭނުންވާ ޒަމާނީ އާލާތްތަކާއި ވަސީލަތްތައް ހޯދުމުގައި އޮސްޓްރޭލިޔާ ސަރުކާރުގެ އެހީތެރިކަން ވެސް ލިބިފައިވެއެވެ. އައު އިމާރާތުގައި ޒަމާނީ އޮޕަރޭޝަންސް ރޫމްތަކާއި، ތަމްރީނުދޭ ވަސީލަތްތަކުގެ އިތުރުން އޮޑިޓޯރިއަމެއް ވެސް ޤާއިމުކޮށްފައި ހުރެއެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވަނީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުގެ ސަލާމަތް ކަށަވަރުކުރުމަށް ރައީސް ދެއްވާ ޚާއްޞަ އިސްކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުން ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރޫމީކޯއާއި ޔޫއެންގެ ރެޒިޑެންޓް ކޯޑިނޭޓަރު ހައޮ ޒެންގ ވެސް ވާހަކަފުޅު ދެއްކެވިއެވެ.

އައު އިމާރާތާއެކު، ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ހިންގާ ސަރޗް އެންޑް ރެސްކިޔު އޮޕަރޭޝަންތައް ވިލަރެސްކުރުމުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ޤާބިލުކަން އިތުރުވެ، ކުއްލި ޙާލަތްތަކުގައި ހިންގާ މަސައްކަތްތައް ވަރުގަދަވެގެންދާނެ ކަމަށް ބެލެވެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މިއީ 1998 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ދެމުން އަންނަ މެރިޓައިމް ރެސްކިޔު ޚިދުމަތް އިތުރަށް ފުޅާކުރުމަށް ލިބުނު މުހިންމު ކުރިއެރުމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.