ސަރުކާރުން ހިންގާ ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން މިހާތަނަށް 1.67 މިލިއަން ގަސް އިންދާފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ފަށާފައިވާ މި މަޝްރޫޢު ރަސްމީކޮށް އިފްތިތާޙުކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ ފަސް ވަނަ ދުވަހުއެވެ. ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް 20,000 ގަސް ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، އެންވަޔަރަމަންޓް މިނިސްޓަރު ޢަލީ ޝަރީފް ވިދާޅުވީ މާލެ ސަރަޙައްދުގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި ބިން ހިއްކުމުގެ މަސައްކަތްތަކާ އެކު، އެ ސަރަޙައްދުތައް ފެހިކުރުމަކީ އަންނަން އޮތް ޖީލުތަކަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.
މިއަހަރުގެ ތެރޭގައި އެކަނިވެސް ދެ މިލިއަން ގަސް އިންދުމަކީ މިނިސްޓްރީގެ އަމާޒެއް ކަމަށާއި، ފަސް އަހަރުގެ ތެރޭގައި ފަސް މިލިއަން ގަހުގެ އަމާޒަށް ވާސިލްވެވޭނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. "ހިއްކާ ބިންތަކަކީ ހުސް ބިންތަކަކަށް ވުމުގެ ބަދަލުގައި އެތަންތަން ފެހިވުން މުހިންމު. 5 އަހަރު ތެރޭގައި އިރާދަކުރެއްވިއްޔާ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ އަމާޒަށް ވާސިލްވެވޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.
މި މަޝްރޫޢު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމަށްޓަކައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ނާސަރީތައް ޤާއިމުކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. ސަރުކާރުގެ ފަންޑުގައި ކައުންސިލްތަކުން ނާސަރީތައް ހިންގުމަކީ ގަސް ލިބުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ކަމަށް މިނިސްޓްރީން ދެކެއެވެ. މި މަޝްރޫޢުގެ ތެރެއިން އެއް މިލިއަން ގަސް އިންދުމުގެ ޒިންމާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ނަގާފައިވާއިރު، އެހެން ކުންފުނިތަކާއި ބޭރުގެ އެހީތެރިކަންވެސް ދަނީ ލިބެމުންނެވެ.
ފަސް މިލިއަން ގަސް އިންދުމުގެ މި މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު ބޭއްވި ކޮޕް 28 ސަމިޓުގައި ދެއްވި ތަޤުރީރެއްގައެވެ. މިއީ ގަހުގެ ޢިލްމު ހޯދުމަށާއި ތިމާވެށީގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށްވެސް ފުރުޞަތުތަކެއް ފަހިވެގެންދާނެ މަޝްރޫޢެއް ކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ.
ކޮމެންޓު ފޮނުވާ