ވިލިމާލޭގައި މިއަދު ހުޅުވި މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ)ގެ އައު މަރުކަޒުން ކަނޑުމަތީގައި ހާލުގައި ޖެހޭ ފަރާތްތައް ސަލާމަތްކުރުމުގެ ޤައުމީ ނިޒާމަށް އިންޤިލާބީ ބަދަލުތަކެއް އަންނާނެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުއްވައިދެއްވި މި މަރުކަޒުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޭޖަރ ޖެނެރަލް ހިލްމީ ވިދާޅުވީ، މިއީ މިއަހަރުގެ ތެރޭގައި ސިފައިންގެ ފަރާތުން ޙާސިލުކުރަން އެންމެ ބޮޑަށް ޢަޒުމު ކަނޑައެޅި އެއް ލަނޑުދަނޑި ކަމަށެވެ. މި މަރުކަޒުގައި ޤާއިމުކުރި ޒަމާނީ ވަސީލަތްތަކާ އެކު، ރައްޔިތުންގެ ފުރާނައާއި މުދާ ރައްކާތެރިކުރުމަށް ދެވޭ މަދަނީ ދިފާޢީ ޚިދުމަތްތައް އިތުރަށް ފުޅާވެ ހަރުދަނާވެގެންދާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ކަނޑުމަތީގައާއި ވައިގެ މަގުން ދިމާވާ ނުރައްކާތެރި ޙާދިސާތަކުގައި ހިންގާ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް އެއް ތަނަކުން މޮނިޓާކޮށް، ވިލަރެސްކުރުމުގެ ބޭނުމުގައި ޤާއިމުކުރި މި މަރުކަޒަކީ ޖަޕާނު ސަރުކާރުގެ ދީލަތި އެހީތެރިކަމުގެ ދަށުން، އދ. ގެ ޑްރަގްސް އެންޑް ކްރައިމް އޮފީސް (ޔޫއެންއޯޑީސީ) އާ ގުޅިގެން ޢިމާރާތްކުރި ތަނެކެވެ. މަރުކަޒަށް ބޭނުންވާ ޒަމާނީ އާލާތްތައް ފޯރުކޮށްދީފައި ވަނީ އޮސްޓްރޭލިއާ ސަރުކާރުގެ ފަރާތުންނެވެ.
23 ޖޫން 2022 ގައި ބިންގާ އެޅި މި މަރުކަޒުގެ ޢިމާރާތްކުރުމުގެ މަސައްކަތް އެކި ސަބަބުތަކާ ހުރެ މެދުކެނޑިފައި އޮތުމަށްފަހު، ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ޚާއްޞަ އިސްކަމެއް ދީގެން މަސައްކަތް އަވަސްކުރައްވައި، މިހާރު ވަނީ އެއްކޮށް ނިންމައި ބޭނުންކުރަން ފަށާފައެވެ. ޤާނޫނު ތަންފީޒުކުރުމުގެ ތަފާތު ޕްރޮގްރާމްތައް ވެސް ހިންގޭ ގޮތަށް ފަރުމާކޮށްފައިވާ މި ޢިމާރާތުގައި، ޒަމާނީ އޮޕަރޭޝަން ރޫމަކާއި ކްލާސްރޫމްތަކާއި ޖަލްސާކުރާނެ އޮޑިޓޯރިއަމެއް ވެސް ހިމެނެއެވެ.
ކޮމެންޓު ފޮނުވާ