މެލޭޝިއާ އެކްސިޑެންޓް: ދިވެހި ދަރިވަރު މަރުވި ޓެކްސީގެ ޑްރައިވަރު ޑްރަގަށް ޕޮޒިޓިވް

މެލޭޝިއާ އެކްސިޑެންޓް: ދިވެހި ދަރިވަރު މަރުވި ޓެކްސީގެ ޑްރައިވަރު ޑްރަގަށް ޕޮޒިޓިވް

Author
އަހުމަދު
05 އޮކްޓޯބަރ 2026 07:48
0

 

މެލޭޝިއާގައި ރޭ ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި އަންހެން ދަރިވަރަކު މަރުވި ހާދިސާގައި، ޓެކްސީ ދުއްވި ޑްރައިވަރު މެތަމްފެޓަމިންއަށް ޕޮޒިޓިވްވުމާ ގުޅިގެން އޭނާ ހަތަރު ދުވަހަށް ބަންދުކޮށްފިއެވެ.

ހާދިސާގައި ފުރާނަ ގެއްލުނީ ސ. ހިތަދޫ، އުމުރުން 21 އަހަރުގެ އާމިނަތު އިމީލީ ނާޒިމްގެއެވެ. ކްލަންގް ވެލީގެ އަމިއްލަ ކޮލެޖެއްގައި ކިޔަވަމުން ދިޔަ އިމީލީއާއި އެހެން ދިވެހި އަންހެން ދަރިވަރަކު މޯލަކުން ގެއަށް އެނބުރި ދަމުން ދިޔަ ޓެކްސީ ހާދިސާއަށް ޖެހުނީ ރޭ 8:48 ހާއިރު، ނިއު ޕަންޓާއީ އެކްސްޕްރެސްވޭގެ ޕީޖޭއެސް ޓޯލް ޕްލާޒާ ކައިރީގައެވެ.

ސުބަންގް ޖާޔާ ޑިސްޓްރިކްޓް ފުލުހުން ބުނީ، 37 އަހަރުގެ ޑްރައިވަރު ދުއްވި ޓެކްސީ ކޮންޓްރޯލުން ނެއްޓި، އާރްއެފްއައިޑީ ލޭނަށް ދަމުން ދިޔަ ޕްރޮޓޯން އެސް70 ކާރެއްގެ ފަހަތު ކަނާތްފަރާތުގައި ޖެހުމުން، ޓެކްސީ އަރިއަޅައިގެން ގޮސް ބަންޑުގައި ޖެހުނު ކަމަށެވެ.

ޓެކްސީ ތެރޭ ތާށިވި އިމީލީ ހާދިސާ ހިނގި ތަނުގައި މަރުވިއިރު، އަނެއް ދަރިވަރަށް ލިބިފައިވަނީ ލުއި އަނިޔާތަކެކެވެ. އިމީލީގެ ހަށިގަނޑު ޕޯސްޓްމޯޓަމަށްޓަކައި ޝާހް އާލަމް ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، ޑްރައިވަރު ބަންދުކުރުމުގެ ހުއްދަ ފުލުހުންނަށް ދީފައިވަނީ ޝާހް އާލަމްގެ ފަސްޓް މެޖިސްޓްރޭޓް ކޯޓުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.