މެލޭޝިއާ އެކްސިޑެންޓު: ނިޔާވި ދިވެހި ދަރިވަރުގެ ޕޯސްޓްމޯޓަމް ހަދަން ނިންމައިފި

މެލޭޝިއާ އެކްސިޑެންޓު: ނިޔާވި ދިވެހި ދަރިވަރުގެ ޕޯސްޓްމޯޓަމް ހަދަން ނިންމައިފި

Author
އަހުމަދު
05 އޮކްޓޯބަރ 2026 07:50
0

 

ކުއާލަލަމްޕޫރު ކައިރީގައި ދެ ކާރު ޖެހިގެން ހިނގި އެކްސިޑެންޓުގައި ނިޔާވި ދިވެހި ދަރިވަރު އާމިނާ އިމީލީ ނާޒިމްގެ ޕޯސްޓްމޯޓަމް ހަދަން މެލޭޝިއާގެ ފުލުހުން ނިންމައިފިއެވެ.

ޓެއިލާ ޔުނިވަރސިޓީގައި ކިޔަވަމުން ދިޔަ، އައްޑޫ ސިޓީ ހިތަދޫއަށް އުފަން 21 އަހަރުގެ އިމީލީ ނިޔާވީ ރޭ 8:48 ހާއިރު، ޕުޗޮންގްއަށް ދަތުރުކުރަމުން ދަނިކޮށް ޕީޖީއެސް ޓޯލް ޕްލާޒާ ކައިރީގައި ހިނގި އެކްސިޑެންޓެއްގައެވެ. ކުއާލަލަމްޕޫރުގައި ވިޔަފާރި ކުރުމަށްފަހު ގްރެބް ކާރެއްގައި ގެއަށް ދަނިކޮށް، އެ ކާރު ބާރު ސްޕީޑުގައި ކޮންޓްރޯލުން ނެއްޓި އެހެން ކާރެއްގައި ޖެހި ފުރޮޅިގެން ދިޔައެވެ. ކާރުގައި ތާށިވެފައި އޮތް އިމީލީ، ސިއްހީ އެހީތެރިން ދިޔައިރު ވަނީ ނިޔާވެފައެވެ. އެ ކާރުގައި އިން އަނެއް ދިވެހި ދަރިވަރު ބޮޑު އަނިޔާއެއް ނުވެ ސަލާމަތްވިއެވެ.

ފުލުހުން ބުނީ ޕޯސްޓްމޯޓަމް ހެދުމަށް ހަށިގަނޑު ސެރްދަންގް ހޮސްޕިޓަލުގެ ފޮރެންސިކް ޑިޕާޓްމަންޓަށް ގެންގޮސްފައިވާ ކަމަށެވެ.

ދެ ޑްރައިވަރުންގެ ޓެސްޓު ކުރުމުން، އިމީލީ އިން ކާރުގެ 34 އަހަރުގެ ޑްރައިވަރު މެތަށް ފައްސިވިއެވެ. ޝާހް އަލަމް މެޖިސްޓްރޭޓް ކޯޓުން އޭނާ ހަތަރު ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާއިރު، އޭނާގެ މައްޗަށް ތުހުމަތުކުރަނީ މަސްތުވާތަކެތީގެ އަސަރުގައި ދުއްވައި އެހެން މީހުންނަށް އަނިޔާ ލިބޭ ފަދަ އަމަލެއް ކުރުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.