ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޑރ.ޚަލީލުއްރަޙުމާން ރާއްޖެއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މިއަދު ފުރާވަޑައިގެންފިއެވެ.
ދިވެހި ސަރުކާރުގެ ޚާއްޞަ މެހެމާނެއްގެ ގޮތުގައި، ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރާއްޖެ ވަޑައިގެންނެވި ޑރ.ޚަލީލުއްރަޙްމާނަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން އަލްވަދާޢު ދެންނެވީ، ޚާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ.މުޙައްމަދު ފަހުމީ ޙަސަނާއި، ވުޒާރާގެ ބައެއް އިސްވެރިންނެވެ. މިއީ މިއަހަރުގެ ފެބްރުއަރީ 17 ގައި ޚާރިޖީ ވަޒީރުކަމުގެ މަޤާމާ ހަވާލުވެވަޑައިގެންނެވި ފަހުން، އެމަނިކުފާނު ރާއްޖެއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.
މި ދަތުރުފުޅުގައި ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ. އަދި ރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމާ ވަކިން ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ.
އެ ބައްދަލުވުންތަކުގައި، ކުރިއަށް އޮތް ދުވަސްތަކުގައި ދެ ޤައުމު ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކުގެ ގޮތުގައި ފާހަގަކުރެއްވީ ޞިއްޙީ ޚިދުމަތާއި، ތަޢުލީމާއި، ދަނޑުވެރިކަމާއި، މުވާޞަލާތާއި، ފަތުރުވެރިކަމާއި، ލޭބަރ ދާއިރާއާއި، ވިޔަފާރި އަދި އިންވެސްޓްމަންޓުގެ އިތުރުން އިންސާނީ ވަސީލަތް ތަރައްޤީ ކުރުމުގެ ދާއިރާއެވެ. މީގެ އިތުރުން ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ އެކުވެރި ގުޅުމާ މެދުވެސް ވާހަކަފުޅު ދެއްކެވިއެވެ.
ޑރ.ޚަލީލުއްރަޙްމާންގެ މި ދަތުރުފުޅުގައި ފާހަގަކޮށްލެވޭ ކަމެއްގެ ގޮތުގައި، ބަންގްލަދޭޝްގެ ފަރާތުން ރާއްޖެއަށް ހަދިޔާކުރެއްވި 20،000 ގަސް، އިއްޔެ ލޮނުޒިޔާރަތް ޕާކުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އެމަނިކުފާނު ވަނީ ރަސްމީކޮށް ދިވެހި ސަރުކާރާ ޙަވާލުކޮށްދެއްވާފައެވެ.
ކޮމެންޓު ފޮނުވާ