މިރޭ ދިޔަވަރު ބޮޑުވާ ގަޑީގައި ރާއްޖޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުމަކީ ވަރަށް ގާތްކަމެއް ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.
މެޓް އޮފީހުން ހަވީރު ނެރުނު މޫސުމީ އެލާޓްގައި ބުނެފައިވަނީ، މިރޭ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށެވެ. ދިޔަވަރު ބޮޑުވާ ވަގުތުގައި ބައެއް ރަށްރަށުގެ އައްސޭރިތަކަށް އުދަ އެރުމަކީ ވެސް ގާތްކަމެއް ކަމަށް އެ އިދާރާއިން ބުނެއެވެ.
ވައިގެ ބާރުމިން ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ، ދެކުނުގެ އަތޮޅުތަކަށް އިރު ދެކުނާއި ދެކުނުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގައެވެ. އެހެން ހިސާބުތަކަށް ގަޑިއަކު 15 މޭލާ ހަމައަށް، އަދި ވިލާގަނޑުގައި ގަޑިއަކު 30 މޭލަށް ވައި ގަދަވުމަކީ އެކަށީގެންވާ ކަމެއް ކަމަށް މެޓުން ބުނެއެވެ. ކަނޑުތައް އާދައިގެ ވަރަކަށް މަޑުވި ނަމަވެސް، ވިލާގަނޑުގައި ކަނޑުތައް ގަދަވެ، ރާޅުގެ އުސްމިން 2 ފޫޓާއި 5 ފޫޓާ ދެމެދުގައި ހުންނާނެއެވެ.
މި ވިއްސާރައާ ގުޅިގެން ފުލުހުން ވެސް ވަނީ، ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށްފަހު ނޫނީ ކަނޑުމައްޗަށް ނޭރުމަށް އިލްތިމާސްކޮށްފައެވެ.
ކޮމެންޓު ފޮނުވާ