އިހަވަންދިއްޕޮޅުގައި ގާއިމުކުރާ "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އެންޑް އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް" މަޝްރޫޢު ފެށުމަށް ދިވެހި ސަރުކާރާއި، އެސްޓީއޯ އާއި، އަބޫދާބީގެ ސާހް ގްރޫޕް ފޯ ޓެކްނިކަލް ސާވިސަސް ދެމެދު އެއްބަސްވުމެއްގައި އިއްޔެ ރޭ ސޮއިކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދެވެ. އެސްޓީއޯގެ ފަރާތުން މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމް ސޮއިކުރެއްވިއިރު، ސާހް ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޕޯޓް އެންޑް އިންޑަސްޓްރިއަލް ސިޓީ ޑިވެލޮޕްމަންޓްގެ ސީއީއޯ އަޙްމަދު އިބްރާހީމް ޢަލީ މުޙައްމަދު އަލްމުތާވާއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ ޒަމާނީ ބަނދަރަކާއި އޭގެ ހުރިހާ ވަސީލަތެއް ހިމެނޭ ފުރިހަމަ ތަރައްޤީއެއްގެ ގޮތުގައި ސާހް ގްރޫޕުން މި މަޝްރޫޢު ކުރިއަށް ގެންދާނެ ކަމަށެވެ. 1976 ވަނަ އަހަރު ފެށި އެ ކުންފުންޏަކީ މެރިޓައިމް، އެނަރޖީ އަދި ލޮޖިސްޓިކްސް ދާއިރާގައި ތަޖުރިބާ ހުރި ކުންފުންޏެކެވެ.
މިނިސްޓްރީން ބުނީ މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެއް ފުއްދައިދޭ މަޝްރޫޢެއް ކަމަށާއި، "ވިޝަން 2040″ ހާސިލުކުރުމަށް އަޅާ މުހިންމު ބިންގަލެއް ކަމަށެވެ. ފަތުރުވެރިކަމުގެ އިތުރުން އެހެން ދާއިރާތަކުން އާމްދަނީ ހޯދައި ޤައުމުގެ އިޤްތިޞާދު ފުޅާކުރުމުގެ ސިޔާސަތުގެ ދަށުން އަޅާ ފިޔަވަޅެއްގެ ގޮތުގައި ވެސް މިނިސްޓްރީން މި މަޝްރޫޢު ފާހަގަކޮށްފައިވެއެވެ.
މި މަޝްރޫޢާއެކު އުތުރުގެ ސަރަޙައްދުގައި ގިނަ ވަޒީފާތަކެއް އުފެދި، ވިޔަފާރީގެ އާ ފުރުޞަތުތައް ހުޅުވިގެންދާނެ ކަމަށް ލަފާކުރެވެއެވެ.
ކޮމެންޓު ފޮނުވާ