ރަހީނު ކުރުމަށްފަހު މަރާލާފައިވާ އުމުރުން 13 އަހަރުގެ ކުޑަކުއްޖާގެ ތަހުގީގު ބާރަށް ކުރިއަށްދާ ކަމަށާއި، ތަހުގީގައި މެދު ހިތްހަމަ ޖެހިވަޑައިގަންނަވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
ޕީޖީ ޝަމީމް ވިދާޅުވީ މިދިޔަ ހަފްތާގެ ހޯމަ ދުވަހު، ހުޅުމާލޭގައި އުމުރުން 13 އަހަރުގެ ކުއްޖަކު މަރާލާފައި އޮތް ވާހަކަ އަޑުއެހީ، ކުއްލި ހައިރާންކަމަކާއެކުގައިކަމަށެވެ. މިއީ ވަރަށް ނުރައްކާތެރި އަދި ބިރުވެރި ކަމަކަމަށްވާއިރު، މިކަމުގައި އަޅަންޖެހޭ ފިޔަވަޅު އަޅަންޖެހޭ ކަމަށްވެސް ޕީޖީ ވިދާޅުވިއެވެ. މިމަސައްކަތް މިހާރު ވަރަށް ބާރަށް ކުރިއަށް ދާކަމަށާއި، މިމައްސަލައިގައި، ރަހީނުކުރުމުގެ މައްސަލައަކާއި، މަރުގެ މައްސަލައަކާއި ޖިންސީ ކުށުގެ މައްސަލައެއް ފުލުހުން އެގެންދަވަނީ ތަހުގީގު ކުރައްވަމުންކަމަށް ޕީޖީ ވިދާޅުވިއެވެ. އަދި މިމަސައްކަތުގައި، ހުދު އެމަނިކުފާނުވެސް ބައިވެރިވަމުންދާކަމަށް ޕީޖީ ވިދާޅުވިއެވެ.
13 އަހަރުގެ މި ކުއްޖާ ރަހީނުކޮށްގެން އުޅޭކަމުގެ ރިޕޯޓު ފުލުހުންނަށް ހުށަހެޅުމާއި ގުޅިގެން އެ ކުއްޖާ ހޯދަމުންދަނިކޮށް އެކުއްޖާ ފެނުނީ މިދިޔަ ހޯމަދުވަހުގެ ރޭ ދަންވަރު 02:38 ހާއިރެވެ. ކުއްޖާ ފެނުނީ މަރާލުމަށްފަހު އެއްލާލާފައި އޮއްވާ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މޫދާ ދިމާލުންނެނެވެ. މި ކުއްޖާ މޫދަށް އެއްލާލާފައި އޮތީ މަރާލުމަށްފަހު ފޮއްޓަކަށްލާފައެވެ. ކުއްޖާގެ ހަށިގަނޑު ފުލުހުންގެ ބެލުމުގެ ދަށުން އައި.ޖީ.އެމް.އެޗަށް ގެންގޮސް ބައެއް ޓެސްޓުތައް ވަނީ ހަދާފައެވެ. އަދި ކުއްޖާގެ ހަށިގަނޑު ފެނުނު ސަރަހައްދުން ހެކި ހޯދުމުގެ މަސައްކަތް ފުލުހުން ވަނީ ކޮށްފައެވެ. މި މަރުގެ ހަޤީޤަތް ހޯދާ، ކުއްޖާއަށް ލިބިފައިވާ ޒަޙަމްތައް ދެނެގަތުމަށް ކުއްޖާގެ ހަށިގަނޑުގެ ޕޯސްޓްމޯޓް ހެދުމަށް ފުލުހުން ވަނީ ނިންމާފައެވެ.
މި މައްސަލައިގައި ފުލުހުން މިހާތަނަށް ވަނީ 2 މީހަކު ހައްޔަރުކޮށްފައެވެ. އެއީ އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖަކާއި، 27 އަހަރުގެ ފިރިހެނެކެވެ. މި ދެ މީހުންނާއި ބެހޭ އިތުރު މަޢުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. މި މީހުން ބަންދުގައި ބައިތިއްބައިގެން ތަޙުޤީގު ކުރިއަށްގެންދިއުމަށް މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ، 27 އަހަރުގެ ފިރިހެން މީހާ ތަހުޤީޤު ނިމެންދެން ބަންދުގައި ބެހެއްޓުމަށް މުއްދަތު ޖަހާފައެވެ. އަދި 17 އަހަރުގެ ކުއްޖާ ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން ތަޙުޤީޤު ކުރިއަށްގެންދިއުމަށް 15 ދުވަހުގެ މުއްދަތެއް ވަނީ ޖަހާފައެވެ. އަދި މި މައްސަލައިގައި ތަޙްޤީގުގެ ބޭނުމަށް އެ ކުއްޖާ އުފުލިކަމަށް ޝައްކުކުރެވޭ ޓެކްސީއެއް ފުލުހުން ވަނީ ބަލާ ފާސްކޮށްފައެވެ.
ކޮމެންޓު ފޮނުވާ