ޓެކްސް ދެއްކުމުގައި ފަސޭހަކޮށްދިނުމުގެ ގޮތުން މީރާއިން ވިޔަފާރިތަކަށް ބޮޑެތި ލުއިތަކެއްދީފިއެވެ. އެމީރާއިން ދިން ލުއިތަކުގެ ތެރޭގައި ނުދެއްކިވާ ޓެކްސް އިންސްޓޯލްމަންޓް އުސޫލުން ދެއްކުމާއި، ޓެކުހާގުޅޭ ޖޫރިމަނާތައް ލުއިކޮށްދިނުން ހިމެނެއެވެ.
ކޮވިޑް-19އާއި ގުޅިގެން ޓެކްސް ދައްކާ ފަރާތްތަކަށް ދިމާވެފައިވާ ދަތި ހާލަތަށް ރިޢާޔަތްކޮށް، ޓެކްސް ދެއްކުމަށް ދަތިވެފައިވާ ފަރާތްތަކަށް އިތުރު ލުޔެއް ދިނުމުގެ ގޮތުން، މީގެކުރިން ވަނީ އިންސްޓޯލްމަންޓް އުސޫލުން މީރާއަށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސާފައެވެ. އޭރު ހަމަޖައްސާފައިވަނީ 3 މަސްދުވަހުގެ މުއްދަތަކަށް އިންސްޓޯލްމަންޓަށް ފައިސާ ދެއްކޭނެ އިންތިޒާމެވެ. ނަމަވެސް މިހާރު މީރާއިން ވަނީ މި މުއްދަތުވެސް އިތުރުކޮށްދީފައެވެ.
ވިޔަފާރިތަކަށް ދިން ލުއިތަކާއި ގުޅޭގޮތުން މީރާއިން ބުނީ 2 މަހާއި 26 މަހާ ދެމެދުގެ މުއްދަތަށް އިންސްޓޯލްމަންޓްގެ ގޮތުގައި ބަހާލައިގެން މިހާރު ފައިސާ ދެއްކޭ ގޮތަށް ހަމަޖައްސާފައިވާކަމަށާއި، މި ލުއިތައް ހަމަޖައްސައިދޭނީ ޓެކްސް ދައްކާ ފަރާތުގެ އެމް.އެސް.އެމް.އީ ފަންތިއާއި، އެފަރާތުގެ 2020 ވަނަ އަހަރުގެ އާމްދަނީއަށް ބަދަލުއައިސްފައިވާ މިންވަރަށް ރިޢާޔަތްކޮށްކަމަށެވެ.
އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދެއްކުމުގެ އެއްބަސްވުމަށް އައުމުގެ ގޮތުން ދައްކަންޖެހޭ ކޮމިޓްމަންޓް ޕޭމަންޓަށްވުރެ ކުޑަ ކޮމިޓްމަންޓް ޕޭމަންޓެއް ދެއްކުމުން އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދެއްކުމަށް އެދި ހުށަހަޅާ ފަރާތްތަކަށް، އިންސްޓޯލްމަންޓް އެގްރިމަންޓަކަށް އާދެވޭނެ އިންތިޒާމްވެސް މީރާއިން މިހާރު ވަނީ ހަމަޖައްސާފައެވެ. މީގެ ކުރިން ކޮމިޓްމަންޓް ޕޭމަންޓްގެ ގޮތުގައި ނުދައްކައިވާ ފައިސާގެ %50 ނަގަމުން ދިޔަނަމަވެސް މިއިންސައްތަ މިހާރު ވަނީ %5 އާއި %10 އާ ދެމެދަށް ކުޑަ ކޮށްފައެވެ.
މީގެ އިތުރުން އިންސްޓޯލްމަންޓް އެގްރިމަންޓެއްގައި ސޮއިކޮށް ހިނގަމުންދާ އިންސްޓޯލްމަންޓް އެގްރިމަންޓެއް އޮތް ނަމަވެސް، އެ އިންސްޓޯލްމަންޓްގެ ތެރޭގައި ނުހިމެނޭ މުއްދަތުތަކާ ގުޅިގެން އިތުރު އިންސްޓޯލްމަންޓް އެގްރީމަންޓަކަށް އެދިއްޖެ ހިނދެއްގައި އެ ފުރުސަތު ވެސް ޓެކްސް ދައްކާ ފަރާތްތަކަށް ދިނުމާއި އަދި ޓެކްސް ދައްކާ ފަރާތުން ބޭނުންވާނަމަ، މިހާރު ހިނގަމުންދާ އިންސްޓޯލްމަންޓް އެގްރިމަންޓް ރިޝެޑިއުލްކޮށް ދިނުމަށް ވެސް ހަމަޖެހިފައިވާކަމަށް މީރާއިން ބުންޏެވެ.
ޓެކުހާ ގުޅޭ ޖޫރިމަނާ ދެއްކުމަށް ދަތިވާނަމަ، ޓެކްސް ދައްކާ ފަރާތުން އެދުމުން، އެފަރާތުން ނުދައްކައިވާ ޓެކުހުގެ ޖޫރިމަނާވެސް މާފުކޮށްދިނުމަށްވެސް މީރާއިން ވަނީ ނިންމާފައެވެ.
ކޮމެންޓު ފޮނުވާ