ވަކިވަކި ސިފައިން ރައްޔިތުންގެ މަޖިލީހަށް ޙާޒިރުނުކުރެވޭނެކަމަށް ބަޔާންކޮށް، ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިިނިސްޓަރ ޙަސަން ޒަމީލް ސޮއިކުރައްވާ ފޮނުވި ސިޓީގެ މައްސަލަ އިމްތިޔާޒް ކޮމިޓީން ބޭރުކޮށްލި މެންބަރުންނާމެދު ފިޔަވަޅު ނާޅައި، މައްސަލަ ނިންމާޅައިފިއެވެ.
ޒަމީލްގެ މައްސަލަ އިމްތިޔާޒް ކޮމިޓީން ބެލުމަށް ފޮނުއްވީ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދެވެ. ނަމަވެސް އެ މައްސަލަ އިމްތިޔާޒް ކޮމިޓީން ނުބަލައި ވަނީ ބޭރުކޮށްލާފައެވެ. އެގޮތުން މައްސަލަ ބޭރުކޮށްލީ އެމްޑީޕީގެ ހަތަރު މެންބަރަކު އެ މައްސަލައާއި ދެކޮޅަށް ވޯޓު ދެއްވައިގެންނެވެ. އެގޮތަށް ވޯޓު ދެއްވި އެމްޑީޕީގެ ހަތަރު މެންބަރުންނަކީ، ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް އާއި، ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް އާއި، ކޮމަންޑޫ ދާއިރާގެ މެންބަރު ހުސައިން ވަހީދު އާއި، މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާއެވެ.
ކޮމިޓީން އެމައްސަލަ ބޭރުކޮށްލުމުން، އެ މެންބަރުންނާއި މެދު ފިޔަވަޅު އެޅުމަށް އެމްޑީޕީގެ ބައެއް މެންބަރުން ގޮވާލެއްވިއެވެ. އަދި އެ މައްސަލަ އެމްޑީޕީގެ ފިަޔަވަޅު އަޅާ ކޮމިޓީއަށް ހުށައެޅިނަމަވެސް މައްސަލަ ނުބަލަން ނިންމާ ވަނީ ނިންމާލާފައެވެ. އެގޮތަށް ނިންމެވީ، އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ފިޔަވަޅެއް އަޅާފައި ނެތް ހާލަތެއްގައި ކޮމިޓީން މައްސަލަ ނުބެލޭނެކަމަށް އެކޮމިޓީގެ ބައެއް މެންބަރުންނަށް ފެނިވަޑައިގެންނެވުމުންނެވެ.
މަޢުލޫމާތު ލިބިފައިވާގޮތުން، އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން އެ ހަތަރު މެންބަރުންނަށް ފިޔަވަޅު އެޅުމަށް، އެކޮމިޓީގައި ހިމެނިވަޑައިގަންނަވާ ރައީސް ނަޝީދަށް ވަފާތެރި ބައެއް މެންބަރުން މަސައްކަތްކުރެއްވިއެވެ. ނަމަވެސް އަޣްލަބިއްޔަތު އެކަމަށް ލިބިފައެއްނުވެއެވެ.
ޑިފެންސް މިނިސްޓޤރީގެ ޑެޕިއުޓީ މިނިސްޓަރ ޙަސަން ޒަމީލް މަޖިލީހަށް ފޮނުވި ސިޓީގެ މައްސަލަ ބެލުމަށް ރައީސް ނަޝީދު، އިމްތިޔާޒު ކޮމިޓީއަށް ހުށައެޅުއްވާފައިވަނިކޮށް، އެ މައްސަލަ ކޮމިޓީން ބަލަން ނުފެންނަކަމަށް ހުށައެޅުއްވީ ކުރީގެ ޑިފެންސް މިނިސްޓަރ އަދި ޖޭޕީއަށް ނިސްބަތްވެވަޑައިގަންނަވާ ދަނގެތި ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމްއެވެ. އެމްޑީޕީގެ އަޣްލަބިއްޔަތު އޮންނަ އެ ކޮމިޓީން މައްސަލަ ބޭރުކޮށްލުމަށް އެމްޑީޕީގެ ހަތަރު މެންބަރުން ވޯޓު ދެއްވީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އެދިވަޑައިގަތުމަށްކަމށް ވަނީ އަޑުފެތުރިފައެވެ.
އިމްތިޔާޒް ކޮމިޓީން އެމްޑީޕީގެ މެންބަރުންގެ ވޯޓާއެކު އެމައްސަލ ބޭރުކޮށްލުމުން، ރައީސް ނަޝީދު ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މި މައްސަލާގައި އެމްޑީޕީގެ ތެރޭގައި ވަނީ ވަރަށް ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދި، އެޕާޓީ ބައިބައިވެފައިވާކަމަށް ޗެއަރޕާސަން ޙަސަން ލަޠީފް ވިދާޅުވެފައެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން، އެކަމަށް ފަންޑުކުރި މީހުންނާއި އެކަމުގެ ފަހަތުގައި ތިބި މީހުން ސަރުކަރަށް ނުހޯދި ލަސްވާ މައްސަލާގައި އެމްޑީޕީގެ މަޖިލިސް ބައެއް މެންބަރުންނާއި، ރައީސް ނަޝީދުވެސް ގެންދަވަނީ ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ.
ރައީސް ނަޝީދަށް ދިން ހަމަލާގެ އިންކުއަރީއަށް ވަކިވަކި ސިފައިން ޖަވާބުދާރީ ނުވާނެ ކަމަށް ބުނެ، ޑިފެންސް މިނިސްޓްރީން ފޮނުވި ސިޓީއާ ގުޅިގެން މަޖިލީހުގެ އިމްތިޔާޒް ކޮމިޓީއަށް ހުށަހެޅި މައްސަލަ ނުބަލަން ނިންމީ އުސޫލާ އެއްގޮތަށް ކަމަށް އެކޮމިޓީންވެސް ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ