ބ. ފެހެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިއްޖެއެވެ. ފެހެންދޫ ބަނދަރުގެ މަސައްކަތް ކުރިއަށްގެންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ބުނީ އެރަށު ބަނދަރު މަޝްރޫޢުގެ 89 ޕަސެންޓް ނިމިފައިވާކަމަށެވެ.. އަދި ކަނެކްޓިންގ ބްރިޖްގައި ސްލެބް އެޅުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ.
ފެހެންދޫ ބަނދަރު މަޝްރޫޢުގެ ދަށުން، 18,500 ކިއުބިކް މީޓަރުގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 25,000 ކިއުބިކް މީޓަރުގެ ނެރަށް ވަންނަ ސަރަޙައްދު ފުންކުރުމާއި، 214 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 130 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 282 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނެއެވެ. އަދި މަގުބައްތި އާއި ނެރު ބައްތި ހަރުކުރުމާއި، 558 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުންވެސް ހިމެނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 45.1 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.
ސަރުކާރުން ފެހެންދޫގައި ރަނގަޅު ފެންވަރުގެ ބަނދަރެއް ތަރައްޤީކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ 2019 ވަނަ އަހަރުގެ ފަހުކޮޅުއެވެ. މިއަދާއި ހަމައަށް އެރަށު މީހުން ބަނދަރެއްގެ ގޮތުގައި ބޭނުން ކުރަމުންއައީ އެއްފަޅެއްތެރޭގައި އޮތް ގޮއިދޫ ބަނދަރެވެ. މި ބަނދަރު ހަދަމުންދަނީ ގުދުރަތީ ގޮތުން ރީތިކަމެއް ލިބިފައިވާ ފެހެންދޫގެ ރީތި ގޮނޑުދޮށް ނުގެއްލޭނެހެންނެވެ. ރާއްޖޭގައި ތަރައްޤީކުރާ ނަމޫނާ ބަނދަރުތަކުގެ ތެރެއިން އެންމެ ފުރަތަމަ ބަނދަރު އަޅަނީވެސް ފެހެންދޫގައެވެ.
300 އާ ގާތްކުރާ އަދަދެއްގެ އާބާދީއެއް ދިރިއުޅޭ ފެހެންދޫއަކީ ބ.އަތޮޅުގައި އޮތް އެންމެ އާބާދީ ކުޑަރަށެވެ ގެސްޓް ހައުސް ވިޔަފާރި ފުޅާދާއިރާއެއްގައި ކުރާ މިރަށުން މި ވިޔަފާރި ކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީވެސް މީއެވެ.
ކޮމެންޓު ފޮނުވާ