އަބަދުވެސް ދެމިއޮންނާނީ ރައްޔިތުންނަށް ޙައްޤު މިންވަރު ހޯދައިދިނުމުގައި: އެމްޑީޕީ

އަބަދުވެސް ދެމިއޮންނާނީ ރައްޔިތުންނަށް ޙައްޤު މިންވަރު ހޯދައިދިނުމުގައި: އެމްޑީޕީ

Author
މުޙައްމަދު ޖިމީ
26 ޖޫން 2021 02:46
0

އެމްޑީޕީ އަބަދުވެސް ދެމި އޮންނާނީ އެޕާޓީ ބިނާވެގެންވާ އަސްލުތައް ނަގަހައްޓައި ކުރިއެރުވުމަށާއި، ރައްޔިތުންނަށް ޙައްޤު މިންވަރު ހޯދައިދިނުމަށްކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން މިހެން ބުނެފައިމިވަނީ އެޕާޓިގެ 16 ވަނަ އަހަރީ ދުވަހާއި ގުޅިގެން ނެރުނު ބަޔާނެއްގައެވެ. އެމްޑީޕީގެ ބަޔާނުގައި ވަނީ، އެޕާރޓީގެ އެންމެ އިސް ލީޑަރ އަދި ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށާއި، ޕާރޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށާއި އެ ޕާރޓީގެ އެންމެހައި މެމްބަރުންނަށާއި އެ ޕާރޓީއަށް ތާޢީދުކުރާ އެންމެހައި ފަރާތްތަކަށް އަރިސްކޮށްފައެވެ.

16 ވަނަ އަހަރު ފުރުން ފާހަގަކުރަން ޖެހިފައި މިވަނީ އެ ޕާރޓީގެ އެންމެހައި މެމްބަރުންނަށާއި، އެ ޕާރޓީއަށް ތާޢީދުކުރާ އެންމެހައި ފަރާތްތަކަށް ނުހަނަ ބޮޑު ސިހުމަކާއި ހިތާމައެއް ލިބިފައިވާ ދަނޑިވަޅެއްގައިކަމަށް ބަޔާނުގައިވެއެވެ. އެޕާރޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ނުރައްކާތެރި ޓެރަރިސްޓް ޙަމަލާގައި، އެމަނިކުފާނުގެ ފުރާނަފުޅު ކިރިޔާ ސަލާމަތްވެ، ޒަޙަމްކޮށްލާފައިވާ ވަގުތެއްގައިކަމަށާއި، މި ޓެރަރިސްޓް ޙަމަލާއަކީ އެމަނިކުފާނު އަވަހާރަކޮށްލުމަށް ދިން ޙަމަލާއެއްގެ އިތުރަށް، މި ޕާރޓީގެ ފިކުރަށާއި މި ޕާރޓީ ބިނާވެފައިވާ އަސްލުތަކަށާއި މި ޕާރޓީގެ ނުގުޑާ އަޒުމަށާއި ހިތްވަރަށް ދިން ޙަމަލާއެއްކަމަށްވެސް އެމްޑީޕީގެ ބަޔާނުގައިވެއެވެ.

ނަމަވެސް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައިވާ ފަދައިން މި ފިކުރަކީ މި ޤައުމުން އަލުން ފޮހެލެވޭނޭ ފިކުރެއް ނޫނެވެ. އެމް.ޑީ.ޕީ. އަކީ ދިވެހިންނަށް ސިޔާސީ، އިޖްތިމާޢީ، އިޤްތިޞާދީ އަދި ފަރުދީ މިނިވަންކަމާއި އިންސާނީ ޙައްޤުތަކާއި އިންސާފު ހޯދައިދިނުމުގެ މައްޗަށް ބިނާވެގެން ވަކާލާތުކުރާ ފިކުރެވެ. އަދި މިއީ ގިނަ ޕާރޓީ އެކުލެވޭ ޑިމޮކްރެސީގެ ޙަޔާތް ދިވެހިރާއްޖޭގައި ފެށުމުގެ އަސްލެވެ. މި ޕާރޓީން ދިވެހިންނަށް ހޯދައިދީފައިވާ ކާމިޔާބީއާއި ކުރިއެރުންތަކުގެ ސަބަބުން ރައްޔިތުންގެ އުންމީދާ އެންމެ ބޮޑަށް ގުޅިފައިވަނީ މި ޕާރޓީ ކަމާމެދު ޝައްކެއް ނެތެވެ.

– އެމްޑީޕީގެ ބަޔާން

އެމްޑީޕީގެ ބަޔާނުގައި އެޕާޓީގެ އަޒުމާ، ހިތްވަރާއި ސާބިތުކަމަށް ގުޑުން ގެނައުމަށްޓަކައި ރައީސް މުޙައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ޙަމަލާއަށް ފަހު ވެސް، އެމަނިކުފާނާއި އެ ޕާރޓީ އަބަދުވެސް ދެމި އޮންނާނީ ޕާރޓީ ބިނާވެގެންވާ އަސްލުތައް ނަގަހައްޓައި ކުރިއެރުވުމަށާއި ރައްޔިތުންނަށް ޙައްޤު މިންވަރު ހޯދައިދިނުމަށްކަމަށް ބަޔާންކޮށްފައިވެއެވެ.

މަލްޓި ޕާޓީ ސިސްޓަމް ރާއްޖެއަށް ތައާރަފުވެ ސިޔާސީ ޕާޓީ ރަޖިސްޓްރީކުރުމަށް ހުޅުވާލުމުން އެންމެ ފުރަތަމަ ރަޖިސްޓްރީ ކުރި ޕާޓީއަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އެވެ. އެއަށްފަހު ދެވަނަ ރަޖިސްޓްރީކުރީ އޭރުގެ ރަޢީސް، ރައީސް މައުމޫން އަބްދުލްޤައްޔޫމް އުފެއްދެވި ދިވެހިރައްޔިތުންގެ ޕާޓީ (ޑީ.އާރް.ޕީ)އެވެ. އެހެންނަމަވެސް އެޕާޓީ ދެބައިވެ ފަހުންވަނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) އުފެދިފައެވެ. އަދި ފީޕީއެމްގެ ތެރެއިން އިތުރު ޕާޓިއެއް އުފެއްދި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީ.އެން.ސީ)ގެ ނަމުގައި ރަޖިސްޓްރީކޮށް އަންނަނީ ހިންގަމުންނެވެ.

އިލެކްޝަން ކޮމިޝަންގެ ދަފްތަރު ދައްކާ ގޮތުން މިވަގުތުވެސް 9 ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކޮށް ރާއްޖޭގައި އަންނަނީ ހިންގަމުންނެވެ. ރާއްޖޭގައި މަލްޓި ޕާޓީ ސިސްޓަމް ތައާރަފުވި ފަހުން މިހާތަނަށް ބޭއްވި ތިން އިންތިޙާބުވެސް ކާމިޔާބުކޮށްފައިވަނީ އެކި ޕާޓީތައް ގުޅިގެން އުފެއްދި ކޯލިޝަން ސަރުކާރުތަކުންނެވެ.

ސިޔާސީ ޕާޓީގެ ދަފްތަރުގައި ދެން ހިމެނޭ ފާޓީތަކަކީ ޢަދާލަތު ޕާޓީ (އޭ.ޕީ) އާއި، ޖުމްހޫރީ ޕާޓީ (ޖޭ.ޕީ) އާއި، މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމް.ޑީ.އޭ) އާއި، މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް (އެމް.ޓީ.ޑީ) އާއި، މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީގެ އިތުރުން މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމް.އާރް.އެމް) ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.