ރައީސް ނަޝީދަކީ ހިތްވަރުގަދަ ކަމުގެ ލާމަސީލު ނަމޫނާއެއް: ރޮޒޭނާ

ރައީސް ނަޝީދަކީ ހިތްވަރުގަދަ ކަމުގެ ލާމަސީލު ނަމޫނާއެއް: ރޮޒޭނާ

Author
މުޙައްމަދު ޝަޒައިމް
24 ޖޫން 2021 09:13
0

އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދަކީ ހިތްވަރުގަދަ ލާމަސީލު ނަމުނާއެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މިދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެއެވެ.

މިދިޔަ މަހުގެ 6 ވަނަ ދުވަހުގެރޭ ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާއަށް ޖަރުމަނުގައި މިވަގުތު ފަރުވާ ހޯއްދަވަމުންދާ ރައީސް ނަޝީދު ދައްކަވާ ހިތްވަރަށް ތައުރީފް ކުރައްވައި ރޮޒޭނާ ވިދާޅުވީ ރައީސް ނަޝީދަކީ ހިތްވަރުގަދަ ކަމުގެލާމަސީލު މިސާލެއްކަމުގައެވެ. ރޮޒޭނާގެ ޓުވީޓަށް ކޮމެންޓް ކުރި ބައެއް މީހުން ރައީސް ނަޝީދު ހައްދަވަނީ މަކަރުކަމަށް ބުނުމުން ރޮޒޭނާ ވަނީ އެއަށްވެސް ރައްދު ދެއްވާފައެވެ. އޭނާ ވިދާޅުވީ އެއްވެސް މީހަކު އަމިއްލަ ހަށިގަނޑަށް އެތައް ރޭޒާފުށްތަކެއް ވައްދައިގެން ނުރައްކާތެރި ހާލަތަކަށް ދާން ބޭނުން ނުވާނެކަމަށެވެ.

މިދިޔަ މަހުގެ 6ވަނަ ދުވަހުގެރޭ ރައީސް ނަޝީދު ދިރިއުޅުއްވާ ގ.ކެނެރީގެއިން ނުކުމުވަޑައިގެން ނީލޯފަރު ހިނގުމުން މަޖީދީމަގާވީކޮޅަށް ހިނގަވާފައި ވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް ބޮމެއް ގޮއްވާލުމާ ގުޅިގެންވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ. މިއަނިޔާތަކާއި ގުޅިގެން 16 ގަޑިއިރުގެ ނުރައްކާތެރި އޮޕަރޭޝަންތަކެއް އޭޑީކޭ ހޮސްޕިޓަލުގައި ވަނީކޮށްފައެވެ. ގޮއްވާލި ބޮމުން ބުރައިގެންދިޔަ ތޫނު ދަގަނޑު އެތިކޮޅުތަކުގެ ތެރެއިން އެތިކޮޅެއް، އެމަނިކުފާނުގެ ސީދާ ހިތަށް ނުވަދެ ހުރީ އެންމެ ސެންޓިމީޓަރެއްގެ ދުރުމިންކަމަށާއި، އެ އެތިކޮޅު ރައީސް ނަޝީދުގެ ހިތަށް ނުވަދެ ސަލާމަތްވީ އެމަނިކުފާނުގެ މޭކަށިގަނޑުގައި ޖެހި ކަށިގަނޑު ފުނޑުފުނޑުވުމުގެ ސަބަބުން އެ އެތިކޮޅު އެތެރެއަށް ދިޔުން މަތަވެގެންކަމަށްވެސް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ.

އޭޑީކޭ ހޮސްޕިޓަލުން ގިނަ ސާޖަރީތަކެއް ހައްދަވައި ފަރުވާ ހޯއްދެވުމަށްފަހު، އިތުރު ފަރުވާއަށް އެމަނިކުފާނު ޖަރުމަން ވިލާތަށް ވަޑައިގެންނެވީ މިމަހުގެ 13ވަނަ ދުވަހުގައެވެ. ޖަރުމަންވިލާތުގެ ދަތުރުފުޅުގެ ހުރިހާ ޚަރަދެއް ހަމަޖައްސަވަނީ ޖަރުމަންވިލާތުގެ ސަރުކާރުންކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ ހާމަކުރައްވައިފިއެވެ.

ރައީސް ނަޝީދަށްދިން ބޮމުގެ ޙަމަލާއާއި ގުޅިގެން މިހާތަނަށްވަނީ އެހަމަލާގައި އަމަލީގޮތުން ބައިވެރިވި މީހުންނާއި، ބޮންގޮއްވާލި ސައިކަލުގެ ވެރިފަރާތް ހިމެނޭހެން ޖުމްލަ 4 މީހަކު ހައްޔަރުކޮށްފައެވެ.

މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒްކޮށްދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އިންޓެލިޖެންސް އޮޑިޓް ރިޕޯޓެއް ތައްޔާރުކުރުމުގެ މަސައްކަތް ސަރުކާރުންވަނީ ފަށާފައެވެ. އަދި ސަލާމަތީ ޚިދުމަތްތަކުގެ އިންޓެލިޖެންސް އޮޑިޓުގެ މަސައްކަތް ވަރަށްއަވަހަށް ނިންމައި މަސައްކަތުގެ ދިރާސާ ރިޕޯޓަކާއި، ކޮމެޓީގެ ރިކޮމެންޑޭޝަން ރައީސުލްޖުމްހޫރިއްޔާއާ ޙިއްސާކުރައްވާނެކަމަށް ސަރުކާރުންވަނީ ހާމަކުރައްވައިފިއެވެ. އަދި ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ޙަމަލާގެ ކަންކަން ގާތުން ބެއްލެވުމަށްޓަކައި މިހާރުވަނީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއް އައްޔަންކުރައްވައިފިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

m mariya
ފިނޑި ގޮލައެއް ، ޕާރޓީ އުފައްދަން ވެގެން އުޅުނު އިރު އިރު އިރު ކޮޅުން ރާއްޖެއިން ބޭރަށް ދުވީ ޖަލަށް ލާފާނެތީ ހިތްވަރު ގަދަ ނަމަ ނުފިލާނެ . އަދި ޔާމީންގެ ވެރިކަމުގަ ޖަލަށްލީމަ އަދީބަށް ވޯޓްގެ ރިޝްވަތު ދީގެން މައިބަދައޭ ކިޔާފަ ރައްކާވީ ވެސް ހިތްވަރު ގަދަ ކަމުންބާ! ވަހީދުގެ ވެރިކަމުގަ ކޯޓަށް ހާޒިރުނުވެ ހުވަދު އަތޮޅަށް ގޮސް ގެއެއްގެ ފާޚާނާ ތެރޭގަ ފިލާ އޮތީވެސް ހޮތްވަރު ގަދަކަމުންބާ ޙޭބަލިވެދާނެ ރޮޒޭމެން ދައްކާ ވާހަކައިން . ވައިއަޅު ވަން އުޅުނަސް ހަގީގީ ޥާހަކަ ދައްކަން އާދަކޮށްބަލަ.