ކުޅުދުއްފުށީ ސިޓީއަށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ފެނަކަ ކޯޕަރޭޝަނާއި ސިޓީ ކައުންސިލާ ދެމެދު ވަކި އެއްބަސްވުމެއް ޤާއިމުކުރަން ނުޖެހޭ ކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.
މި މައްސަލައަކީ، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ކަރަންޓްގެ ޚިދުމަތް ފެނަކަ މެދުވެރިކޮށް ދިނުމަށްޓަކައި އެ ކުންފުންޏާއެކު އެއްބަސްވުމެއް ޤާއިމުކުރުމަށް ފެނަކައިން އެއްބާރުލުން ނުދޭކަމަށް ބުނެ، ކުޅުދުއްފުށީ ސިޓީ ކައުންސިލުން ކޯޓަށް ހުށަހަޅާފައިވާ މައްސަލައެކެވެ.
ސިޓީ ކައުންސިލުން ކޯޓުގައި އެދިފައިވަނީ، ކުޅުދުއްފުއްޓަށް ފެނަކަ މެދުވެރިކޮށް ކަރަންޓް ފޯރުކޮށްދިނުމުގެ ބޭނުމުގައި، އެ ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމެއް ޤާއިމުކުރަންޖެހޭކަމަށް ކަނޑައަޅައިދިނުމަށެވެ. ނަމަވެސް ފެނަކައިން ބުނެފައިވަނީ، އެފަދަ އެއްބަސްވުމެއް ޤާއިމުކުރުމަށް އަމުރު ކުރަންޖެހޭ ޤާނޫނީ ސަބަބެއް ނެތްކަމަށާއި، އެއްބަސްވުމެއް ނެތުމަކީ ކައުންސިލްގެ ޤާނޫނީ ޒިންމާ އަދާކުރުމަށް ހުރަހަކަށް ވާނެ ކަމެއް ނޫން ކަމަށެވެ.
މި މައްސަލަ ބެއްލެވުމަށްފަހު ފަނޑިޔާރު ފާހަގަކުރެއްވީ، ފެނަކައިން ކުޅުދުއްފުއްޓަށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދެމުން ދަނީ ސީދާ ދިވެހި ސަރުކާރުން އެ ޒިންމާ އެ ކުންފުންޏަށް ލާޒިމުކޮށްފައި އޮތުމުން ކަމަށްވާތީ، މި މައްސަލައިގައި އިތުރަށް ގޮތެއް ކަނޑައަޅަންޖެހޭ ނުކުތާއެއް ނެތްކަމުގައެވެ.
އެހެންކަމުން، ކުޅުދުއްފުށީ ސިޓީ ކައުންސިލުން ފެނަކައިގެ މައްޗަށް ރައްދުކޮށް ހުށަހެޅި ދައުވާ ސާބިތު ނުވާކަމަށް ސިވިލް ކޯޓުން ވަނީ ނިޔާ ކަނޑައަޅާފައެވެ.
ކޮމެންޓު ފޮނުވާ