އައްޑޫ ސިޓީ ކައުންސިލުން މާލިއްޔަތު ގަވައިދާ ޚިލާފަށް ހިންގާފައިވާ ކަމަށް އޮޑިޓް ރިޕޯޓުތަކުން ފާހަގަވެފައިވާ ކަންކަން ޖިނާއީ ތަހުގީގަކަށް ފުލުހަށް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ނިންމައިފިއެވެ.
މި ނިންމުން ނިންމީ އައްޑޫ ސިޓީ ކައުންސިލްގެ 2022 އިން 2024 އަށް ނެރެފައިވާ މާލީ އަދި ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުތައް ދިރާސާކުރުމަށްފަހު، ކޮމިޓީ މެންބަރުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރެއްވުމަށްފަހުއެވެ.
އޮޑިޓް ރިޕޯޓުތަކުން އެންމެ ބޮޑަށް ފާހަގަކުރެވިފައިވަނީ 2023 އަދި 2024 ވަނަ އަހަރު ކައުންސިލުން ކުރި ދެ ތަޖުރިބާ ދަތުރަކަށް 1.2 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމެވެ. މީގެ ތެރެއިން 2023ގައި އަށް ކައުންސިލަރަކާއި ދެ މުވައްޒަފަކު މެލޭޝިއާއާއި ސިންގަޕޫރަށް ކުރި ދަތުރަށް 515،101 ރުފިޔާ ޚަރަދުކޮށްފައިވާއިރު، 2024ގައި އަންހެނުންގެ ކޮމިޓީގެ ނުވަ މެންބަރަކާއި ކައުންސިލަރެއްގެ އިތުރުން އަމީންއާންމު ކުރި ދަތުރަށް 685،509 ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މި ދަތުރުތައް ކޮށްފައިވަނީ ފިނޭންސް މިނިސްޓްރީއާއި އޭރުގެ ލޯކަލް ގަވަނަންސް މިނިސްޓްރީގެ އެންގުންތަކާ ޚިލާފަށް ކަމަށް ރިޕޯޓުގައިވެއެވެ.
ބިމާ ގުޅޭ ބޮޑެތި މައްސަލަތަކެއް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ 52،000 އަކަފޫޓުގެ 10 ބިމަށް، ވަކިން އިއުލާނުނުކޮށް 166،340 އަކަފޫޓުގެ ބިމަކާއި 5،000 އަކަފޫޓުގެ ޕްލޮޓެއް ކައުންސިލުން އިތުރުކޮށްދީފައިވެއެވެ. އަދި މީދުއާއި ފޭދޫން އަށް ބިމެއްގެ ހެޑް ލީޒް އިއުލާނަކާ ނުލައި ބަދަލުކޮށްފައިވާ ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.
ދައުލަތުގެ އާމްދަނީގެ ގޮތުގައި ބަލައިގަނެފައިވާ 492،533 ރުފިޔާ އެމްއެމްއޭގައި ހުންނަ ޕަބްލިކް އެކައުންޓަށް ޖަމާނުކޮށް ބާއްވާފައި ހުރި ކަމަށާއި، މީގެ ތެރޭގައި އައިޑީ ކާޑު އައުކުރުމުގެ ފީގެ ގޮތުގައި ބަލައިގަނެފައިވާ 274،200 ރުފިޔާ ހިމެނޭ ކަމަށް ވެސް ރިޕޯޓުގައި ވެއެވެ. މީގެ އިތުރުން، ހިތަދޫ އަވަށު އޮފީހަށް 345،000 ރުފިޔާއަށް ގަނެފައިވާ ޕިކަޕަކީ އެއްވެސް އިންސްޕެކްޝަނަކާ ނުލައި ހަވާލުވެފައިވާ، މުނިސިޕަލް މަސައްކަތްތަކަށް ވެސް އެކަށީގެންވާ އުޅަނދެއް ނޫން ކަމަށާއި ފަހުން ހެދި އިންސްޕެކްޝަނުން ގިނަ މައްސަލަތަކެއް ފެންމަތިވިކަން ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ނަމަވެސް މި ކަންކަމާ ގުޅޭގޮތުން މީގެ ކުރިން 'ސަން’އަށް ވާހަކަދައްކަވަމުން އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެފައިވަނީ، ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަކީ ގާނޫނާ ޚިލާފު ނުވަތަ ނާޖާއިޒު ފައިދާއެއް ހޯދުމަށް ހިންގާފައިވާ ކަންކަން ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ. ތަޖުރިބާ ދަތުރުތަކަކީ ކައުންސިލަރުންގެ ތަމުރީނަށް މިދިޔަ ދައުރުގައި ކުރި ހަމައެކަނި ދަތުރު ކަމަށާއި، ފަތުރުވެރިކަމަށް އިތުރުކުރި ބިންތަކަކީ ފަތުރުވެރިކަމުގެ ޒޯނެއް ތަރައްގީކުރުމަށް ކައުންސިލުން ނިންމާފައި އޮތް ގޮތުގެ މަތިން އެ ޒޯނުގައި ބިން ލިބުނު ފަރާތްތަކަށް އިތުރަށް ދޫކުރި ބިންތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ