އަދަދު ނޫހުގެ ޑޮކިއުމަންޓްރީއާ ގުޅިގެން ނެރުނު ގެގް އޯޑަރު ބާތިލުކުރުމަށް ނޫސްވެރިންގެ ޖަމިއްޔާ (އެމްޖޭއޭ) އިން ހުށަހެޅި އިސްތިއުނާފު ބަލައިނުގަނެ ބޭރުކޮށްލެއްވުމަށް ހައިކޯޓުގެ ރަޖިސްޓްރާ ނިންމެވި ނިންމުމަކީ ގޯހެއް ކަމަށް، އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ކަނޑައަޅައިފި އެވެ.
ރަޖިސްޓްރާ މަރްޔަމް ހޫރުޝިދާ ސޮއި ކުރައްވައި ފޮނުއްވި ނިންމުމުގައި ވިދާޅުވެފައި ވަނީ، ގެގް އޯޑަރު ނިސްބަތްވާ މައްސަލައިގައި ދައުވާ ރައްދުވާ ފަރާތްތަކުގެ ތެރޭގައި އެމްޖޭއޭ ނުހިމެނޭތީ، އެ ޖަމިއްޔާއަށް އިސްތިއުނާފު ހުށަހެޅުމުގެ ހައްގު ލިބިގެންނުވާ ކަމަށެވެ. އެ ނިންމުމަށް ބާރު ދެއްވުމުގެ ގޮތުން، ދަށު ކޯޓުގެ ނިންމުމެއް އިސްތިއުނާފު ކުރެވޭނީ މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 198 ވަނަ މާއްދާގެ (ނ) ގައި ބުނާ ކަމަށް ފާހަގަކުރައްވާފައި ވެ އެވެ. މި މައްސަލައިގައި ދައުވާ ކުރެވިފައި ވަނީ އަދަދު އޮންލައިންގެ އެޑިޓަރ އިން ޗީފް އަދި ސީއީއޯ ޙުސައިން ފިޔާޒް މޫސާއާއި، އެޑިޓަރު ޙަސަން މުޙައްމަދުގެ މައްޗަށެވެ.
އެ ނިންމުން މުރާޖައާ ކޮށްދިނުމަށް އެދި އެމްޖޭއޭ އިން ފަހުން ހައިކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ، ގެގް އޯޑަރަކީ ވަކި ބައެއްގެ މައްޗަށް ނޫން، އެންމެންގެ މައްޗަށް ހިނގާ އަމުރެއް ކަމަށެވެ. އެކަން ދޭހަވާ ހެއްކެއްގެ ގޮތުގައި އެ ޖަމިއްޔާ އިން ދައްކާފައި ވަނީ، މި އަމުރާ ޚިލާފުވި ކަމަށް ބުނެ ޖަލަށް ލެވިފައި ވަނީ ވެސް، މައްސަލައިގައި ދައުވާ ރައްދުވާ ފަރާތްތަކުގެ ތެރެއިން ބައެއް ނޫން ކަމެވެ.
މީގެ އިތުރުން، ނޫސްވެރިންގެ ހައްގުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރާ ޖަމިއްޔާއެއްކަން އެ ޖަމިއްޔާގެ އަސާސީ ގަވާއިދުން ސާފުވާ ކަމަށާއި، މައްސަލައަކާ ގުޅުން ހުރި ކޮންމެ ފަރާތަކަށްވެސް ދަށު ކޯޓުގެ ނިންމުމެއް އިސްތިއުނާފު ކުރުމުގެ ފުރުސަތު ގާނޫނުއަސާސީގެ 56 ވަނަ މާއްދާ އިން ދީފައި ވާ ކަމަށް ބުނެ، ރަޖިސްޓްރާގެ ނިންމުން ބާތިލުކޮށްދިނުމަށް ވަނީ އެދިފައެވެ.
އެ ހުށަހެޅުމަށް ބައްލަވައި ފަނޑިޔާރުންގެ ބެންޗުން ނިންމަވާފައި ވަނީ، ރަޖިސްޓްރާ ނިންމެވި ނިންމުން ބިނާ ކުރައްވާފައި ވަނީ ރަނގަޅު އަސާސްތަކެއްގެ މައްޗަށް ނޫން ކަމަށާއި، އިސްތިއުނާފު ބޭރުކޮށްލެއްވި ނިންމުމަކީ ގޯހެއް ކަމަށެވެ.
ކޮމެންޓު ފޮނުވާ