ރައީސްގެ ސްކޮލަޝިޕް 7 ދަރިވަރަކަށް، ދުނިޔޭން 1 ވަނަ 4 ދަރިވަރަކަށް

ރައީސްގެ ސްކޮލަޝިޕް 7 ދަރިވަރަކަށް، ދުނިޔޭން 1 ވަނަ 4 ދަރިވަރަކަށް

Author
އަހުމަދު
13 ޖުލައި 2026 04:29
0

މިދިޔަ އަހަރުގެ އޭލެވެލް އިމްތިހާނުގައި ފަސް މާއްދާއިން އޭ ސްޓާ ހޯދައި، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ސްކޮލަޝިޕް ހަތް ދަރިވަރަކު ހާސިލްކޮށްފި އެވެ.

ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މި ދަރިވަރުންނަށް ސްކޮލަޝިޕާއި އެވޯޑު ހަވާލުކޮށްދެއްވައިފަ އެވެ. މީގެ އިތުރުން، އޭލެވެލްގެ ވަކި މާއްދާތަކުން ދުނިޔެއިން އެއްވަނަ ހަތަރު ދަރިވަރަކު ހޯދާފައިވާއިރު، ރާއްޖެއިން އެއްވަނަ ހާސިލްކުރި އިތުރު 23 ދަރިވަރަކަށް ވެސް ރައީސް ވަނީ އެވޯޑާއި ހަނދާނީ ލިޔުން ދެއްވައިފަ އެވެ.

ރައީސްގެ ސްކޮލަޝިޕް ހާސިލްކުރި ދަރިވަރުންގެ ތެރެއިން ހަތަރު ދަރިވަރުންނަކީ ސެންޓަރ ފޯ ހަޔާ ސެކަންޑަރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ)ގެ ދަރިވަރުންނެވެ. އެއީ ލީން އަހުމަދު ތޯރިގާއި، އައިޝަތު ނަބީހާ އަމީނާއި، ޔަޝާ ޝާފީ ޝަފީގާއި، މާއިޝް މުފީދެވެ. ސްކޮލަޝިޕް ހާސިލްކުރި ދެން ތިބި ދަރިވަރުންނަކީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ ހުސައިން ޔަމީނާއި، ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ އައިޝަތު ލީން އަބްދުﷲ ގެ އިތުރުން އަރަބިއްޔާ ސްކޫލުގެ ލައިލް ހުސެން ހަމީދެވެ.

ރައީސްގެ ސްކޮލަޝިޕަކީ ދަރިވަރު ބޭނުން ގައުމަކުން ފުރަތަމަ ޑިގްރީ ހާސިލްކުރުމުގެ ހުރިހާ ހަރަދެއް ސަރުކާރުން ބަލަހައްޓައިދޭ ސްކޮލަޝިޕެކެވެ. މި ސްކޮލަޝިޕް ދެނީ، ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން އާއްމުކޮށްފައިވާ "ނެޝަނަލް ޓްރެއިނިން ނީޑްސް ލިސްޓް"ގައި ހިމެނޭ ދާއިރާތަކުން ކިޔެވުމަށެވެ.

ދެ ދުވަހަށް، ފަސް ދަންފަޅިއަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި އިނާމު ދިނުމުގެ ޖަލްސާގައި އޭލެވެލް އަދި އޯލެވެލްގެ ގަދަ 10ގައި ހިމެނުނު 1،400 އަށްވުރެ ގިނަ ދަރިވަރުންނަށް ވަނީ އިނާމު ދީފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.