އައިކޮމްއިން ރައީސް އޮފީސް 2،000ރ. އިން ޖޫރިމަނާކޮށްފި

އައިކޮމްއިން ރައީސް އޮފީސް 2،000ރ. އިން ޖޫރިމަނާކޮށްފި

Author
އަހުމަދު
13 ޖުލައި 2026 04:27
0

އެތައް ފަހަރަކު އެންގުމުން ވެސް މައުލޫމާތު ހާމަނުކުރާތީ، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން ރައީސް އޮފީސް 2،000ރ. އިން މިއަދު ޖޫރިމަނާކޮށްފި އެވެ.

މި ޖޫރިމަނާ ކަނޑައެޅީ، ރާއްޖެ ޓީވީން ރައީސް އޮފީހަށް ހުށަހެޅި މައުލޫމާތު ހޯދުމުގެ ފަސް ހުށަހެޅުމަކާ ގުޅިގެން މިއަދު ބޭއްވި އަޑުއެހުމެއްގަ އެވެ. ގާނޫނުން ކަނޑައަޅާފައިވާ މުއްދަތުގައި ވެސް، އަދި މީގެ ކުރިން ބޭއްވި އަޑުއެހުމުގައި އިތުރު ފުރުސަތު ދިނުމުން ވެސް ރައީސް އޮފީހުން މައުލޫމާތު ހާމަކޮށްފައި ނުވާ ކަމަށް، އަޑުއެހުމުގައި ވާހަކަދައްކަވަމުން އަހުމަދު އާހިދު ރަޝީދު ވިދާޅުވި އެވެ.

"އެ އެންގުމަށް އެ އިދާރާއިން އެއްގޮތަކަށް ވެސް އަމަލުކޮށްފައިނުވާ ނުވުމަކީ، ގާނޫނުގައި މި ކަނޑައަޅާފައިވާ އިންފޮމޭޝަން ކޮމިޝަނަރުގެ ވާޖިބުތައް އަދާކުރުމަށް ހުރަސްއެޅުން ގޮތުގައި ބެލެވޭނެ އަމަލަކަށްވާތީވެ އަޅުގަނޑު މި ގަސްދުކުރަނީ ޖޫރިމަނާކުރުމަށް،" އޭނާ ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ ކަމަކީ، ގާނޫނުން ދީފައިވާ މުއްދަތުގައި ރައީސް އޮފީހުން މައުލޫމާތު ނުދޭތީ މީގެ ކުރިން ވެސް އެތައް ފަހަރަކު އައިކޮމުން އިންޒާރު ދީފައިވާ ކަމެވެ. އަދި ބައެއް މައްސަލަތަކުގައި، ފަހު ފުރުސަތު ދިނުމަށްފަހު ވެސް މައުލޫމާތު ހާމަނުކުރާނަމަ، އެ މައްސަލަތައް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާނެ ކަމަށް އައިކޮމުން ކުރިން ބުނެފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.