ސިޔާމްއަށް ނަސޭހަތްތެރި ވުމަށް ނިންމައިފި

ސިޔާމްއަށް ނަސޭހަތްތެރި ވުމަށް ނިންމައިފި

Author
މުޙައްމަދު ޝަޒައިމް
23 ޖޫން 2021 11:15
0

ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ޙުސައިން މަރާލިޔަސް ފާފަވެރިނުވާނެކަމަށް، މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު ވިދާޅުވި މައްސަލައިގައި އޭނާ އަށް ނަސޭހަތް ދިނުމަށާއި ހިސާންގެ އަރިހުން މާފަށް އެދިވަޑައިގަތުމަށް އަންގަން މަޖިލީހުގެ އިމްތިޔާޒާއި ސުލޫކް ކޮމެޓީން ނިންމާފައިވާކަމަށް މަޖިލިސް ނާއިބް ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ މަޖިލީހުގެ ކަރާމާތާއި ގަދަރާއި އަބުރު ދެމެހެއްޓޭނެހެން މެމްބަރުންގެ އަމަލުތައް ބެހެއްޓުމަށް، ސިޔާމް ދެއްކެވި ފަދަ ވާހަކަތަކެއް ތަކުރާރު ނުކުރެއްވުމަށް މީދޫ ދާއިރާގެ މެމްބަރު ސިޔާމަށް ނަސޭހަތްތެރިވާން ކޮމިޓީން ނިންމާފައިވާކަމަށެވެ.

ސިޔާމް ވަނީ މިކަމާއި ގުޅިގެން ކޮމިޓީން މިކަން ނިންމުމުގެ ކުރިންވެސް ހިސާންގެ ކިބައިން މަޢާފަށް އެދިވަޑައިގެންފައެވެ. މިއަދުގެ ކޮމެޓީ ބައްދަލުވުމުގައި މަނަދޫ ދާއިރާގެ މެންބަރު އަހުމަދު ހާރޫން ހުށަހެޅުއްވީ ސިޔާމަށް ނަސޭހަތްތެރިވުމަށާއި މާފަށް އެދިވަޑައިގަތުމަށެވެ. ސިޔާމް ހިސާންގެ ކިބައިން މަޢާފަށް އެދިފައިވުމުން ކޮމިޓީގައި ހިމެނޭ އިދިކޮޅު މެމްބަރުން ވަނީ މައްސަލަ ބޭރުކުރުމަށްވެސް މަސައްކަތް ކުރައްވާފައެވެ. ނަމަވެސް ކޮމިޓީން ނިންމީ މިމައްސަލާގައި ސިޔާމް، ހިސާންގެ ކިބައިން މަޢާފަށް އެދުމަށެވެ.

ހިސާން މަރާލިޔަސް ފާފަވެރިނުވާނެކަމަށް، މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު ވިދާޅުވިކަމަށް ބުނާ މައްސަލައެއް ސިފައިންނާއި ފުލުހުންނަށްވެސް މަޖިލީހުން ވަނީ މިހާރު ހުށަހަޅާފައެވެ.

ސިޔާމްގެ ވާހަކަފުޅާއި ގުޅޭގޮތުން ހިސާން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ފިކުރުގެ ގޮތުން އެއް މެމްބަރަކު އަނެއް މެމްބަރަކާ ތަފާތު ހިޔާލުތައް ގެންގުޅެވޭނެ ކަމަށެވެ. ނަމަވެސް ނާތަހުޒީބުކަން އިސްކޮށް އަނިޔާވެރި އަމަލުތައް ހިންގުމަށް ހިތްވަރުދީ މެންބަރަކު ވާހަކަ ދައްކައި އަނިޔާވެރިވާން މަސައްކަތް ކުރުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށް ހިސާން ވިދާޅުވިއެވެ. އަދި ސިޔާމްގެ ޢަމަލުގެ ސަބަބުން މަޖިލީހުގެ އިދާރާއަކީ ރައްކާތެރި މާހައުލެއް ކަމުގެ އިހްސާސް ގެއްލިފައިވާކަމަށްވެސް ޙިސާން ވިދާޅުވެފައިވެއެވެ.

ސިޔާމްއަކީ މަޖިލީހުގެ ޖަލްސާތަކަށާއި، ކޮމިޓީތަކަށް އެންމެ މަދުން ހާޒިރުވާ މެމްބަރެވެ. މަޖިލީހުގެ ރެކޯޑްތަކަށް ބަލާއިރު، ސިޔާމް މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުވަނީ މަރަށް މަދު ޖަލްސާތަކަށް ކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.