ކުރީގެ ޓުވަރިޒަމް މިނިސްޓަރ އަލީ ވަހީދުގެ ޝަރީއަތް އިނގުރޭސި ވިލާތުގެ ހައިކޮމިޝަން ތެރޭގައި ބައިންދައިގެން ކުރުމަކީ އިންސާފާއި އަދުލު ޤާއިމްކޮށް ދިނުމުގެ ނަމުގައި ހިންގާ ވަރަށްބޮޑު ޖަރީމާއެއް ކަމުގައި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ކުށުގެ ދަޢުވާގެ ޝަރީއަތުގެ އަޑުއެހުންތަކުގައި އޭނާ ބައިވެރިވެވަޑައިގަންނަވާނީ އިނގިރޭސިވިލާތުގެ ލަންޑަންގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަންގައި ހުންނަވައިގެންނެވެ. އަލީ ވަހީދުގެ އަޑުއެހުމުގެ ކަންކަން ހަމަޖައްސައިދެނީ ރާއްޖޭގެ ފޮރިން މިނިސްޓްރީންނެވެ.
އަލީ ވަހީދަށް ބޭރު ޤައުމެއްގެ ހައިކޮމިޝަންގައި ބައިންދައިގެން ހިންގޭ ޝަރީއަތާއި ގުޅިގެން ޝަހީމް ވިދާޅުވީ މިގޮތަށް ޝަރީއަތް ހިންގުމުގެ ފަރުސަތުދޭނަމަ މިއީ ވަރަށް ނުބައި އަދި ރާއްޖޭގެ ޝަރުއީ ދާއިރާގައި ޖެހުނު ބޮޑު ލަށްގަނޑެއްކަމަށެވެ. އަދު އިންސާފު ޤާއިމްކުރަން އައި މީހުން ހިތުހުރިގޮތަށް އިންސާފު ގާއިމްކުރުމަށް ކަންކަން ކުރާކަމީ މިއަދު ފެންނަ މަންޒަރުކަމަށާއި، ވަކި މީހަކަށް ވަކި ގޮތަކަށް އަމަލުކޮށް އިންސާފުގެ ހަމަ މުޅިން ގެއްލުވާލާފައިވާކަމަށް ޝައިޚު ޝަހީމް ވިދާޅުވިއެވެ.
ފިލައިގެން ގޮސް ރާއްޖޭއިން ބޭރުގައި ހުރެ ހައިކޮމިޝަންގައި ބައިންދައިގެން ޝަރީޢަތް ކުރަން ފުރުޞަތު ދިނުމަކީ ރާއްޖޭގެ ޢަދުލުގެ ނިޒާމުގައި ޖެހުނު ކަޅު ލައްގަނޑެއް، މިއީ ނުބައި ފެށުމެއް، ޢަދާލަތު ޤާއިމު ކުރުމުގެ ނަމުގައި ހިންގާ ޖަރީމާއެއް. އިހަށް ދުވަހު ރެޑް ނޯޓިސް ނެރެގެން އައްމަޓީ ހައްޔަރުކޮށްގެން ގެނައީ؟ ކީވެތޯ އޭނާއަށް ލަންކާގައި ހުންނަ ހައިކޮމިޝަންގައި އިނދެ ޝަރީޢަތް ކުރަން ފުރުޞަތު ނުދިނީ.
– ޑރ.ޝަހީމް ވިދާޅުވިއެވެ.
ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީޢަތުގައި އޭނާ ބައިވެރިވެފައިވަނީ، ރާއްޖޭގެ ޤާނޫނު ނުހިނގާ ތަނެއްގައި ހުރެގެންކަމަށާއި، އެކަމުގައި ކްރިމިނަލް ކޯޓުން ޢަމަލުކުރަނީ ޤާނޫނާއި ޚިލާފަށްކަމަށްބުނެ، އެމައްސަލަ އިސްތިއުނާފްކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ނިންމާފައެވެ.
ޕީޖީން ބުނީ، ޝަރީޢަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައި، ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ހުށަހެޅުމަށް ކޯޓުން ކަނޑައަޅާ މުއްދަތު ފާއިތުވުމަށްފަހު އެކަމަށް އިތުރު ފުރުޞަތެއް ނުދެވޭނެކަމަށް ބަޔާންކޮށްފައިވާކަމަށާއި، ޢަލީ ވަޙީދުއަށް ލިބިދިން މި ފުރުޞަތު މަޤްބޫލު އުޒުރެއްނެތި ދޫކޮށްލާފައިވާތީ، ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެދަށުން މި ފުރުޞަތު އިތުރަށް ލިބިނުދެވޭނެތީ، ޢަލީ ވަޙީދުގެ ފަރާތުން ހުށަހެޅުންތައް ހުށަހެޅުމަށް އިތުރު ފުރުޞަތު ދިނުމަށް ދައުލަތުން އިޢުތިރާޟުކުރިކަމަށެވެ. ނަމަވެސް ޢަލީ ވަޙީދުއަށް ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ހުށަހެޅުމަށް އިތުރު ފަސް ދުވަހުގެ މުއްދަތެއް ދެއްވުމަށް މައްސަލަ ބައްލަވާ ޤާޟީ ނިންމަވާފައިވާކަމަށް ޕީޖީން ބުންޏެވެ.
ޢަލީ ވަޙީދުގެ މައްޗަށް ކޮށްފައިވާ ދަޢުތަކާ ގުޅިގެން ޤާޟީ ޙަސަން ސަޢީދު ނިންމެވި ބައެއް ނިންމެވުންތައް ލިޔުމުން ޕީޖީ އޮފީހާ ޙިއްޞާކޮށްދިނުމަށް އެދުނު ނަމަވެސް ޤާޟީ ޙަސަން ސަޢީދު އެލިޔުންތައް އެ އޮފީހަށް ދީފައިނުވާކަމަށާއި، ޢަލީ ވަޙީދު ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދައަށްއެދި ކޯޓަށް ހުށަހެޅިކަމަށް ބުނާ މެޑިކަލް ޑޮކިއުމެންޓްތަކާއި، ރާއްޖޭގެ ޤާނޫނު ނުހިނގާ ތަނެއްގައި ހުރެގެން ވީޑިއޯ ކޮންފަރެންސްކޮށް ޝަރީޢަތުގައި ބައިވެރިވުމުގެ ހުއްދައަށްއެދި ހުށަހެޅިކަމަށްބުނާ މެޑިކަލް ޑޮކިއުމެންޓްތައް ޙިއްޞާކޮށްދިނުމަށް އެދުމުން، މިހާތަނަށް އެ ލިޔުންތައްވެސް، ޤާޟީ ޙަސަން ސަޢީދު އެ އޮފީހާ ހިއްސާކޮށްފައެއް ނުވާކަމަށްވެސް ޕީޖީން ބުންޏެވެ.
ޕީޖީން ބުނީ، ކޮވިޑުގެ ޙާލަތާ ގުޅިގެން ޝަރީޢަތް ކުރުމާގުޅޭ ޚާއްޞަ އިޖުރާއާތުގައި، ވީޑިއޯ ކޮންފަރަންސް މެދުވެރިކޮށް ޝަރީޢަތް ހިންގުން ހުއްދަކުރާ 12 ޙާލަތެއް އޮންނަކަމަށާއި، އެއިން އެއްވެސް ޙާލަތަކަށް، ޢަލީ ވަޙީދުގެ ޙާލަތު ނުފެތޭތީ، އެޝަރީޢަތަކީ މިގޮތަށް ހިންގޭނެ ޝަރީޢަތެއްކަމަށް ދައުލަތުން ނުދެކޭތީ، އެނިންމެވުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ޤަޞްދުކުރާކަމަށެވެ. އިސްތިއުނާފު ކުރުމުގެ ކަންތައް އެއްކޮށް ނިންމޭނީ، އެނިންމެވުމާބެހޭ ލިޔުންތައް ޤާޟީ ޙަސަން ސަޢީދު، އެއޮފީހަށް ފޮނުވައިދިނުމުންކަމަށްވެސް ޕީޖީން ބުންޏެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމްގެ ގިނަ ޢަދަދެއްގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކޮށްފައިވާކަމަށް ތުހުމަތުކުރެވުނު މައްސަލައިގައި ކުރީގެ މިނިސްޓަރ އޮފް ޓޫރިޒަމް ޢަލީ ވަޙީދުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ރޭޕްކުރަން އުޅުމުގެ ކުށުގެ ދަޢުވާއާއި، ޖިންސީ އަނިޔާއެއްކުރުމުގެ ކުށުގެ ދަޢުވާ އާއި، ޖިންސީ ޢަމަލެއް ހިންގުމަށް އެދުމުގެ ދެ ދަޢުވާއާއި، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ދަޢުވާއާއި، ޖިންސީ ގޯނާކުރުމާއި، ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދަޢުވާއެވެ.
ކޮމެންޓު ފޮނުވާ